މުޖުތަމައުގެ އާދަކާދަ އާއި ވިސްނުން ޒަމާނާއި ހާލަތަށް ބަދަލުކުރުމަށްޓަކައި ގާނޫނަކީ ހަމައެކަނި ވަސީލަތެއް ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.

އޭޖީ މިހެން ވިދާޅުވީ، ލޯކަލް ކައުންސިލުތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހު ބާތިލުކުރުމަށް އެދި ހުށަހެޅި މައްސަލައިގައި، އަންހެނުންނަށް ގޮޑީ ހާއްސަ ކުރުމަށް ގާނޫނަށް އިސްލާހު ގެނެސްފައިވަނީ ރަނގަޅަށް ކަމަށް ހައިކޯޓުން އިއްޔެ ނިންމުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގަ އެވެ.

އޭޖީ ރިއްފަތު ވިދާޅުވީ، މުޖުތަމައުގެ އާދަކާދަ އާއި ވިސްނުން ޒަމާނާއި ހާލަތަށް ބަދަލުކުރުމަށް ގާނޫނަކީ ހަމައެކަނި ވަސީލަތެއް ކަމަށާއި މިންތީގެ ހަމަހަމަކަން ކަށަވަރު ކުރުމަށް ވިސްނުން ބަދަލު ކުރަންޖެހޭ ކަމަށެވެ. އަދި ލާމަރުކަޒީ ގާނޫނުން އަންހެނުންނަށް ގޮނޑި ހާއްސަ ކުރި ކުރުން ގާނޫނީ ގޮތުން ރަނގަޅު ކަމަށް ހައިކޯޓުން ނިންމެވި މައްސަލައިގައި އޭޖީ އޮފީހުގެ ފަރާތުން މަސައްކަތް ކުރެއްވި ވަކީލުންގެ މަސައްކަތްތަކަށް ތައުރީފާއި ޝުކުރު ހައްގު ކަމަށް ވެސް ވިދާޅުވި އެވެ.

ކައުންސިލްތަކުގެ 33 ޕަސެންޓު ގޮނޑި އަންހެނުނަށް ހާއްސަކުރުމަށް ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނެސްފައިވަނީ ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގުތަކަކަށް އުނިކަން ލިބޭ ގޮތަށް ކަމަށް ބުނެ އެއީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައި އެކަމާބެހޭ މާއްދާތައް ގާނޫނުން އުނި ކުރުމަށާއި ކައުންސިލް އިންތިހާބުގެ ގަވާއިދުން ވެސް އެބައި އުނިކޮށް ދިނުމަށް ހައިކޯޓަށް ހުށަހެޅުއްވީ ގާނޫނީ ވަކީލު މޫސާ އަންވަރެވެ.

އެ މައްސަލަ ބެލުމަށްފަހު ހައިކޯޓުގެ ފަސް ފަނޑީޔާރުންގެ އިއްތިފާގުން އިއްޔެ ނިންމެވީ، އަންހެނުންނަށް ގޮނޑި ހާއްސަ ކޮށްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ނޫން ކަމަށެވެ. މި މައްސަލަ ދިފާއުކުރުމަށް އިއްޔެގެ އަޑުއެހުމުގައި އޭޖީ އޮފީހުން ފާހަގަކުރި ކަންތައްތައް، ޕޮއިންޓުތަކެއްގެ ގޮތުގައި މިއަދު ވަނީ ޓުވީޓާގައި ހާމަކޮށްފައެވެ.