އަދާލަތު ޕާޓީއަށް ގެއްލުންދީ ވުޖޫދުން ފޮހެލުމުގެ މަސައްކަތް ބަޔަކު ކުރަމުން ގެންދާކަމަށް އެޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީގެ ރައީސްކަމުގެ އިތުރު ދައުރަކަށް ކުރިމަތިލައްވައި ކެމްޕެއިން ލޯންޗުކުރުމުގެ ޖަލްސާގައި ރޭ އިމްރާން ވިދާޅުވީ ޕާޓީގެ އެތެރޭގެ އިންތިހާބެއްގައި ވާދަކޮށް ކެމްޕޭން ހަރަކާތެއް ބާއްވައި ވާހަކަދައްކަން ޖެހިވަޑައިގަންނަވާނެ ކަމަށް ދުވަހަކުވެސް ހީނުކުރައްވާ ކަމަށެވެ.

"އެހެން ނަމަވެސް މިއަދު ހާލަތު ނިޔާކުރި ގޮތުން މިއަދު ރާއްޖޭގެ ސިޔާސީ މަސްރަހަށް އައިސްފައިހުރި ބަދަލުތަކާއި ލޮޅުންތަކާއެކު އޭގެ ބައެއް ކަހަލަ ނުފޫޒުތައް ޕާޓީގެ ތެރެއަށް ވަދެ، ޕާޓީގެ ސަފުތައް ބައިބައި ކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ސަބަބުން ޕާޓީން އަދާކުރާ މުހިންމު ދައުރަށް ކުރިއަށް އޮތް ދުވަސްތަކުގައި ކޮށްފާނެ އަސަރަކަށްޓަކައި އަޅުގަނޑުމެން ގަސްތުކުރީ މިފަހަރުގެ އިންތިހާބުގައި އަޅުގަނޑުމެން ކުރިއަށް ދިއުމުގައި ހަމަ ހަރުތަނުން މިކަން ކުރާނެ ގޮތަކަށް ކުރިއަށް ގެންދިއުން،" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ މީގެ 15 އަހަރު ކުރިން އަދާލަތު ޕާޓީ އުފެދިގެން އައީ ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށްވެސް ނާޒުކު ދުވަސްވަރެއްގައި ކަމަށާއި ޕާޓީ އުފެއްދީ ސިޔާސީ މައިދާނަށް ހަމަހަމަކަން ގެނައުމަށް ދެކިގެން ކަމަށެވެ.

އޭނާ ވިދާޅުވީ ވޭތުވެދިޔަ ދުވަސްތަކުގައި ޕާޓީގެ ކުރިމަގަށް ހުރަސް އެޅޭފަދަ އެތައް ކަމެއް ކުރިމަތިވެފައިވާ ކަމަށާއި ނަމަވެސް އެހުރިހާ ގޮންޖެހުންތަކާއެކުވެސް ޕާޓީ އުފެއްދި މަގުސަދާއެކު، އެމަގުން މަޑުމަޑުން ކުރިއަރަމުން އަންނަ ކަމަށެވެ.

އިމްރާން ވިދާޅުވީ ސަރުކާރުގެ މަސައްކަތްތަކަށާއި ރައްޔިތުންގެ މަންފާއަށް އެޕާޓީން އެއްބާރުލުން ދެމުން އަންނަ ވަގުތެއްގައި ޕާޓީ ނިކަމެތިކޮށް ބަލިކަށި ކުރަމަށް ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެއީ އެންމެ ފުރަތަމަ ޕާޓީ އުފެދިގެން އައި އިރުވެސް ބައެއް ފަރާތްތަކުން ކުރަމުންދިޔަ މަސައްކަތްތަކެއް ކަމަށް ވިދާޅުވިއެވެ.

"އާދެ ހަގީގަތުގައި ވެސް، މި މަންޒަރު ވަރަށް ސާފުކޮށް ފެންނަން ނެތްނަމަ، ކޮންމެހެން މިވަގުތު އަޅުގަނޑު މި ޕާޓީގެ ރައީސްކަން ކުރާކަށް ނުނިކުތީސް. އެހެން ނަމަވެސް މި ޕާޓީ ބަލިކަށިކޮށް ނިކަމެތިކޮށް، މި ޕާޓީ ވުޖޫދުން ފުހެލުމަށް އެހެން ބަޔަކު ފޫގަޅައިގެން މަސައްކަތްތައް ކުރަމުން ބާރަށް ނިކުންނާތީވެ، އޭގެ ކުރިމަތީ ސާބިތުކަމާއެކު ހުރުމަށް އަޅުގަނޑު އިރާދަކުރެއްވިއްޔާ ނިޔަތްގަނެގެން މިހުރީ ނުކުމެ،" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ މިއީ ރައްޔިތުންނާއި ގައުމަށްޓަކައި އަދާލަތު ޕާޓީން ކުރަމުން އަންނަ މަސައްކަތަށް އެޕާޓީގެ މެންބަރުން އެއްބާރުލުން ދޭންޖެހޭ ވަގުތެއް ކަމަށެވެ. އަދި ވިދާޅުވީ ގައުމަށްޓަކައި ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށާއި މެންބަރުންގެ އެއްބާރުލުން އެކަމަށް ވަރަށް މުހިންމު ކަމަށެވެ.