ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއީލް އިސްތިއުފާ ދެއްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބުރޫކް އަޒީޒު "ވަން" އަށް ވިދާޅުވީ ހަސަން އިސްމާއީލް މިއަދު ރައީސް އޮފީހަށް ވަޑައިގެން އިސްތިއުފާގެ ސިޓީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހަވާލުކުރައްވާފައިވާ ކަމަށެވެ.

މަބުރޫކް ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވާފައިވަނީ އަމިއްލަ ދިރިއުޅުމުގެ ކަންކަން މިވަގުތު ހުރި ގޮތުން ސަރުކާރުގެ އެފަދަ މަސްއޫލިއްޔަތެއް އަދާކުރެއްވުމަށް އުޒުރުވެރިވާތީ ކަމަށް ވިދާޅުވެ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

ހަސަން އިސްމާއީލަށް ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީގެ މަގާމު ދެއްވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ދުވަހުއެވެ.

ހަސަން އިސްމާއީލް އިސްތިއުފާ ދެއްވާފައިމިވަނީ ރައީސް އޮފީހުގެ ޕްރެސް ޓީމަށް ބަދަލުތަކެއް ގެނެސްފައި ވަނިކޮށެވެ. އެގޮތުން ރައީސް އޮފީހުގެ ސްޕޯކްސްޕަސަންގެ މަގާމު އުފައްދަވައި އެ މަގާމަށް މަބްރޫކު އައްޔަންކުރެއްވުމަށްފަހު، ރައީސްގެ ތަރުޖަމާނަކަށް ހުންނެވި އިބްރާހިމް ހޫދު ވަނީ ކޮމިއުނިކޭޝަން ސްޓެރެޓަޖިކްސްގެ މަގާމަށް ބަދަލުކުރައްވައިފައެވެ.