ރައްޔިތުންނާ ގާތުން މަސައްކަތްކުރުމަށް ޖަޒީރާ ސައްލާގެ ނަމުގައި ޕްރޮގްރާމެއް ފަށަން ނިންމައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު "ވަން" އަށް ވިދާޅުވީ މި ޕްރޮގްރާމަކީ ރައްޔިތުންނާއި ސަރުކާރުގެ މުއައްސަސާތަކާއި ވުޒާރާތައް ވީހާވެސް ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހައްލުކުރުމަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮގްރާމެއް ކަމަށެވެ.
މަބުރޫކް ވިދާޅުވީ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެޕިސޯޑްތަކަކަށް ބަހާލައިގެން ކަމަށާއި ކޮންމެ އެޕިސޯޑެއްގައިވެސް ކަނޑައަޅާ މުއައްސަސާއެއްގެ ބޭފުޅަކާއެކު ރައްޔިތުންނާ ބައްދަލުކުރާނެ ކަމަށެވެ. އެގޮތުން އެ މުއައްސަސާތަކުގައި ހުރި ކަންބޮޑުވުންތަކާއި ޕޮލިސީ ލެވެލްގައި ގެންނަން ޖެހޭ ބަދަލުތަކާއި ހަރުދަނާކުރުމަށް ކުރެވެންހުރި މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުން ފޮނުވާ ހިޔާލުތަކާއި ފޮނުވާ ސުވާލުތަކަށް ޖަވާބު ދެވިގެންދާނެ ކަމަށެވެ.
މި ޕްރޮގްރާމް ފަށާނެ ދުވަހެއް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ. އަދި މި ޕޮރޮގްރާމް ކުރިއަށް ގެންދާނީ އޮންލައިންކޮށް ކަމަށާއި ފޮނުވާ ސުވާލުތަކަށާއި ހިޔާލުތަކަށް ވަގުތުން ޖަވާބު ދެވިގެންދާނެ ކަމަށެވެ.
މަބުރޫކް ވިދާޅުވީ ޕްރޮގްރާމަށް ސުވާލާއި ހިޔާލުތައް ފޮނުވުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށްވެސް ލިބޭނެ ކަމަށާއި އެގޮތުން ވީހާވެސް ގިނަ ރައްޔިތުންގެ ބައިވެރިވުމާއެކު ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް، ސޯޝަލް މީޑިއާގެ ހުރިހާ ޕޮލެޓްފޯމެއްގައި ވެސް ސުވާލު ފޮނުވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ޕްރޮގްރާމް ވީހާވެސް ގިނަ ޗެނަލްތަކުން ބްރޯޑްކާސްޓް ކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ. އަދި ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުން ވެސް ޕްރޮގްރާމް ފަސޭހަކަމާއެކު ބަލައިލެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.
ޖަޒީރާ ސައްލާގެ ނަމުގައި ޕްރޮގްރާމެއް ފަށަން ނިންމާފައިވާ އިރު، މީގެ ކުރިން ވަނީ އާންމުންގެ ހިޔާލު ހޯދަން ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންނާ ދެމެދުގައި "ޖަޒީރާ ހޮޅުއަށި" ނަމުގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. މަހަކު ދެ ފަހަރު ބޭއްވުމަށް ނިންމާފައިވާ އެ ޕްރޮގްރާމްގައި މިހާތަނަށް ބާއްވާފައި ވަނީ އެންމެ ތިން ޕްރޮގްރާމެވެ. އެންމެ ފަހު ޕްރޮގްރާމް ބާއްވާފައިވަނީ މަސްވެރިންނާއެކު 2019 ވަނަ އަހަރުގެ ޖުލައި މަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު