ކ. ހިންމަފުށި ކައިރީގައި އޮތް ފިނޮޅަކަށް ގެއްލުންދިން މައްސަލައިގައި ގިލިލަންކަންފުށި ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޑޭވިޑް ސްޓެޕެޓިކް މަގާމުން އެކަހެރިވެއްޖެއެވެ.
ހިންމަފުށި ކައިރީގައި އޮންނަ ފިނޮޅަކަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ގިލިލަންކަންފުށީގެ ޖެނެރަލް މެނޭޖަރު ޑޭވިޑް ސްޓެޕެޓިކްއާއި މުވައްޒަފުންތަކެއް އަރައި އެތަނުގައި ކޯރެއް ކެނޑި މައްސަލަ ބޮޑުވެ، އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި ފުލުހުން އަންނަނީ އެ މައްސަލަ ބަލަމުންނެވެ. އެ މައްސަލައާ ގުޅިގެން ޑޭވިޑް ސްޓެޕެޓިކްގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފައެވެ.
ގިލިލަންކަންފުށި ރިސޯޓުގެ އެޗްޕީއެލް ހޮޓެލް އެންޑް ރިސޯޓު ކުންފުނީގެ ވައިސް ޕްރެޒިޑެންޓް އޮޕަރޭޝަން ޑޭވިޑް ބްރައުން ބުނީ އެ މައްސަލައިގެ ފުރިހަމަ މައުލޫމާތު މިހާރު ލިބިފައިވާ ކަމަށާއި އެއީ ހިނގައިގެންވާނެ ކަމެއް ނޫން ކަމަށެވެ.
ޑޭވިޑް ބްރައުން ބުނީ މިހާރު ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު، މައްސަލައިގައި އެ ރިސޯޓުގެ ފަރާތުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި އެއަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
ޑޭވިޑް ބްރައުން ބުނީ އެ މައްސަލައިގެ ތަހުގީގު ނިމެންދެން ޖެނެރަލް މެނޭޖަރު ކަމުން ޑޭވިޑް އެކަހެރިވެފައިވާ ކަމަށެވެ.
ގިލިލަންކަންފުށި ރިސޯޓުގެ ޖެނެރަލް މެނޭޖަރު ކަމަށް ޑޭވިޑް ސްޓެޕެޓިކް އައްޔަންކުރީ 2017 ވަނަ އަހަރުގެ ޖުލައި މަހުއެވެ. އޭގެ ކުރިން އޭނާ ހުރީ ޖުމެއިރާ ދެވަނަފުށީގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައެވެ.
ފިނޮޅަކަށް ގެއްލުންދިން މައްސަލައާ ގުޅިގެން އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް "ވަން" އަށް ވިދާޅުވީ، އެ މައްސަލަ އީޕީއޭގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލަ އެ އެޖެންސީން ބަލަމުން އަންނަ ކަމަށެވެ. އަދި މައްސަލަ ބަލައި ނިންމުމަށް ފަހު ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވިއެވެ.
ފިނޮޅުގައި ކޯރު ކަނޑައި ގެއްލުންދިން ސަބަބު ސާފުވެފައި ނުވާއިރު ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި ރިސޯޓުގެ ބޭނުމަކީ އެ ފިނޮޅަކީ ހިންމަފުށީ މީހުން ޕިކްނިކް ހެދުމަށް ގޮސް އުޅޭ ތަނަކަށް ވުމުން އެތަން ހަލާކުކޮށްލުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު