ސަޖިޓޫރުގެ ތަޖުރިބާއާއެކު ރާއްޖޭގެ އުތުރާއި ދެކުނުގެ ފަތުރުވެރިކަން ފުޅާކޮށް ތަރައްގީކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ސްޕެއިންގެ ފަތުރުވެރިކަމާބެހޭ އިންޑަސްޓްރީގެ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ސަޖިޓޫރުއާ އެކު ޓޫރިޒަމް ޓޫރިޒަމް މިނިސްޓަރު ބައްދަލުކުރައްވާފައިވަނީ ޔުނައިޓެޑް ނޭޝަންސް ވޯލްޑް ޓޫރިޒަމް އޮގަނައިޒޭޝަން (ޔޫއެންޑަބުލިއުޓީއޯ) ގެ 113 ކައުންސިލް ބައްދަލުވުމަށް މިނިސްޓަރު ސްޕެއިނަށް ކުރެއްވި ދަތުރުގައެވެ.
ސަޖިޓޫރުގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ސަޖިޓޫރުގެ ރައީސް އެންރިކް މާޓިނެޒް މަރިން އާއި ޑިރެކްޓާ އޮފް ޓޫރިޒަމް ރިސާޗް ޑިވެލޮޕްމަންޓް އެންޑް އިނޮވޭޝަން ކާލޯސް ރޮމާރިއޯ މިނިސްޓަރު ބައްދަލުކުރައްވައި މަޝްވަރާކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނުގެ ފަތުރުވެރިކަން ފުޅާކޮށް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމުގައި ސަޖިޓޫރުގެ މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް ގިނަ ކަންތައްތަކެއް ރާއްޖޭގައިވެސް ތަންފީޒުކުރުމުގެ ފުރުސަތު އޮތް ކަމަށެވެ.
މި ބައްދަލުވުމުގައި ސަޖިޓޫރު ފަރާތުން ސްޕެއިންގެ ފަތުރުވެރިކަން ތަރައްގީކުރަން ގެންގުޅޭ ސިޔާސަތުތަކާއި ފަތުރުވެރިކަން ކުރިއެރުވުމަށް އެކުންފުނިން ކުރަމުންގެންދާ މަސައްކަތުގެ މައުލޫމާތު ހިއްސާކުރިއެވެ. އޭގެ އިތުރުން ފަތުރުވެރިކަން ކުރިއެރުވުމުގައި ރިސާޗާއި ކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ ބޭނުންކުރެވިދާނެ އަދި ބޭނުންކުރަމުން އަންނަ ގޮތްތަކުގެ މައުލޫމާތުވެސް ވަނީ މިނިސްޓަރު މައުސޫމާ ހިއްސާކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ސަޖިޓޫރަކީ ރިސާޗާއި އަދި ޓެކްނޮލޮޖީގެ ކުރިއެރުން ބޭނުންކޮށްގެން ފަތުރުވެރިކަން ޒަމާނާ އެއްގޮތަށް ކުރިއަރުވައި، ދުނިޔޭގެ ފަތުރުވެރިކަމުގެ ވާދަވެރިކަމުގެ ތެރޭގައި ސްޕެއިނަކީ މަގުބޫލު މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމުގެ މަސައްކަތްކުރުމަށް އުފައްދާފައިވާ ސަރުކާރުގެ ކުންފުންޏެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު