ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހު ހައިކޯޓުން ބާތިލެއް ނުކޮށްދިނެވެ.
ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުނަށް ހާއްސަކުރުމަށް ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނަސްފައި ވަނީ ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގުތަކަކަށް އުނިކަން ލިބޭގޮތަށް ކަމަށްބުނެ އެއީ ގާނޫނުއަސާސީއާ ހިލާފުކަމެއް ކަމަށް ކަނޑައަޅައި އެކަމާބެހޭ މާއްދާތައް ގާނޫނުން އުނި ކުރުމަށާއި، ކައުންސިލް އިންތިހާބުގެ ގަވާއިދުންވެސް އެބައި އުނިކޮށް ދިނުމަށް ގާނޫނީ ވަކީލު މޫސާ އަންވަރު އިނގިރޭސި ވިލާތުގައި ހުންނަވައިގެން، ހައިކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގައި، 33 ޕަސެންޓު ގޮނޑި އަންހެނުންނަށް ހާއްސަ ކޮށްފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ނޫންކަމަށް ކަނޑައަޅައި ދެންމެ ހައިކޯޓުން ހުކުމް ކުރީ އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
މި މައްސަލައަށް ހައިކޯޓުގައި ވަކާލާތު ކުރައްވަމުން މޫސާ އަންވަރު ވިދާޅުވީ އަންހެނުންނަށް 33 ޕަސެންޓް ހާއްސަކޮށް ލާމަރުކަޒީ ގާނޫނުގެ އަށްވަނަ މާއްދާއަށް ގެނަސްފައިވާ އިސްލާހަކީ، ގާނޫނުއަސާސީން ލިބިދޭ އަސަސީ ހައްގުތަކާއި މިނިވަންކަން ގެއްލޭގޮތަށް ގެނެސްފައިވާ އިސްލާހެއް ކަމަށެވެ. އަދި އެއީ ތަފާތުކުރުންތަކެއް ކަަމަށްވެސް ވިދާޅުވިއެވެ.
އެފަދަ އިސްލާހެއް ގެނެވޭނީ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ފާސްކުރާ ހާއްސަ ގާނޫނަކުން ކަމަށާއި އާއްމު ގާނޫނަކުން އެ އިސްލާހު ނުގެނެވޭނެކަަންވެސް އޭނާ ވިދާޅުވިއެވެ. އަދި ހާއްސަ ގާނޫނަކުންވެސް އެފަދަ އިސްލާހެއް ގާނޫނުއަސާސީއަށްވެސް ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އެ އިސްލާހާއި ކައުންސިލް އިންތިހާބުގެ ގަވާއިދުގައި، އެކަމާ ބެހޭގޮތުން ހިމެނޭ ބައިތަކަކީ އުފެދުމުގައިވެސް ބާތިލު އެއްޗެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މޫސާ އަންވަރުގެ ދައުވާއަށް ރައްދު ދެއްވައި، އޭޖީ އޮފީހުގެ ވަކީލުން ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އެ އިސްލާހަކީ، ގާނޫނުއަސާސީން ތަސައްވުރު ކޮށްފައިވާގޮތަށް ކައުންސިލް ނިޒާމު ހިނގަމުން ނުދާތީ އެ ނިޒާމުގެ ރަނގަޅު ފައިދާ ރައްޔިތުންނަށް އެންމެ ފުރިހަމައަށް ލިބިދިނުމަށް ގެނެސްފައިވާ އިސްލާހެއް ކަމަށެވެ.
އަންހެނުން ބާރުވެރިކުރުވައި ސިޔާސީ އިގުތިސާދީ އަދި އިޖުތިމާއީ ކަންކަން ނިންމުމުގައި އަންހެނުންގެ ދައުރު އިތުރުކޮށް، އިންތިހާބީ ދާއިރާތަކަށް އަންހެނުން ގެނައުމަށް ކޯޓާ ދިނުމަށް ހަމަޖައްސައިގެން ގެނައި އިސްލާހެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި އެއީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ތެރެއިން އަންހެނުންނަށް ހާއްސަކުރުމަށް ހިޔާލުދިން ގޮތަށް ގެނައި އިސްލާހެއްކަމަށްވެސް ވިދާޅުވިއެވެ.
އޭޖީ އޮފީހުން ބުނީ މުޖުތަމައުގެ އާންމު ހާލަތަށްވުރެ ނިކަމެތިކަން ލިބިފައިވާ މީހަކަށް، ނުވަތަ ބަޔަކަށް، ނުވަތަ އިޖުތިމާއީގޮތުން ހާއްސަ ރައްކާތެރިކަމެއް ލިބިދޭންޖެހޭ ބަޔަކަށް އެހީތެރިވެ ދިނުމަށްޓަކައި، ނުވަތަ ރައްކާތެރިކަން ލިބިދިނުމަށް ކުރާ ކަންތައްތަކަކީ ތަފާތުކުރުން ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަަމުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު އެކަށަ އަޅާފައިވަނީ ގޮތުގެމަތިން ކަމަށްވެސް ވިދާޅުވިއެވެ.
މި މައްސަލައިގައި ހައިކޯޓުން ކުރި ހުކުމް އިއްވަމުން ފަނޑިޔާރުގެ ބެންޗުގައި އިންނެވި އިސްފަނޑިޔާރު މުހައްމަދު ނިޔާޒު ވިދާޅުވީ، މަޖިލީހުން ފާސްކުރާ ގާނޫނަކުން މީހުން ނުވަތަ ރައްޔިތުން ގިންތިތަކަށް ބަހާލުން ހުއްދަކޮށްފައިވާ ކަމަށެވެ. އަދި އެފަދައިން ގިންތި ކުރުމަކީ ގާނޫނުއަސާސީ ހުއްދަކުރާ ތަފާތުކުރުމެއްކަން ސާފުކޮށް އެނގޭ ކަމަށެވެ. އެއީ އިޖުތިމާއީ ގޮތުން ހާއްސަ ރައްކާތެރިކަމެއް ލިބިދޭންޖެހޭ ބަޔަކަށް ރައްކާތެރިކަން ލިބިދިނުން ކަމަށްވެސް ވިދާޅުވިއެވެ.
ވީމާ ގިންތިކޮށް ބަހާލާ ބެހުމަކީ، ގާނޫނުއަސާސީގައި މަނާކޮށްފައިވާ ތަފާތު ކުރުމެއް ނޫން ކަމަށާއި، މުޖުތަމައުގައި އަންހެނަކަށްވީތީ ގަބޫލުކުރެވިފައިވާ ގަބޫލު ކުރެވުންތަކެއްގެ ސަބަބުން ހަނިވެ ހުރަސްއެޅިފައި ވާތީ، އެކަމަށް ފަރުވާއެއް ދިނުމުގެ ގޮތުން، ކައުންސިލްތަކުގައި އަންހެނުންނަށް ގޮނޑި ހާއްސަ ކުރުމުގެ ގޮތުން ގިންތި ކުރުމަކީ ގަބޫލުކުރެވޭ ގިންތި ކުރުމެއް ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން އަންނަހެނުންނަށް ގޮނޑި ހާއްސަ ކުރުމުގެ ގޮތުން ކައުންސިލްތަކުގެ ގާނޫނަށް އިސްލާހު ގެނެސްފައިވާ މާއްދާތަކުގައި، މޫސާ އަންވަރު ސުވާލު އުފައްދާ ބައިތަކަކީ ގާނޫނުއަސާސީން ހުއްދަކޮށްފައިވާ ތަފާތު ކުރުންތަކެއްގެ މައްޗަށް ބިނާކޮށްގެން ގެނެސްފައިވާ އިސްލާހުތަކެއް ކަމަށްވާތީ އެ އިސްލާހުތަކަކީ، ގާނޫނުއަސާސީއާއި ތައާރަޒުވާ އިސްލާހުތަކެއް ނޫން ކަމަށް ކަނޑައަޅައި އެ އިސްލާހުތަކާ އެއްގޮތަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގަވާއިދުގައި ހިމެނޭ ކަންތައްތަކަކީވެސް އެގޮތުގައި ކުރިއަށްގެންދެވޭނެ ކަންތައްތައް ކަމަށް ހައިކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު