ފައިސާ ނެގުމަށް ފަހު 72 މީހުން ހައްޖަށް ގެންގޮސްދީފައިނުވާ މައްސަލައިގައި ފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު މުސްތަފާ މުހައްމަދު ދީދީގެ މައްޗަށް ކުރި ހިޔާނާތުގެ ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި މައްސަލަ އަލުން ބެލުމަށް ކުރިމިނަލްކޯޓުގެ މައްޗަށް ހައި ކޯޓުން ކުރި އަމުރު ދއުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

މިއީ މުސްތަފާ މުހައްމަދުދީދީގެ މައްޗަށް ކުރާ ދައުވާގެ ތެރެއިން އެއް ދައުވާއެވެ.

އޭނާގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވަނީ، ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ 2013 (1435) ވަނަ އަހަރު 72 މީހެއްގެ އަތުން 5.6 މިލިއަން ރުފިޔާ ނެގުމަށް ފަހު އެމީހުން ހައްޖަށް ގެންގޮސް ނުދިން މައްސަލައިގައެވެ.

ހިޔާނާތުގެ ކުށުގެ ދައުވާގެ އިތުރުން މަކަރާއި ހީލަތް ހެދުމުގެ ދައުވާ ވެސް އޭނާގެ މައްޗަށް އުފުލިއެވެ. ނަމަވެސް މަކަރާއި ހީލަތް ހެދުމުގެ ދައުވާ ސާބިތު ނުވާ ކަމަށް ނިންމައި، ހިޔާނާތްތެރިވުމުގެ ދައުވާ ކުރިމިނަލް ކޯޓުން ވަނީ ބޭރުކޮށްލައިފައެވެ.

އެ މައްސަލަ ކޯޓުން ބޭރުކޮށް، ކުރިމިނަލް ކޯޓުން ބުނެފައިވަނީ އެ ތަހުގީގަކީ ބާތިލު ތަހުގީގެއް ކަމަށް ކަނޑައަޅާފައި ވަނީ ކުންފުނީގެ ޑިރެކްޓަރުންނާއި މުވައްޒަފުންގެ ބަހެއް ހޯދުމެއް ނެތި މުސްތަފާގެ މައްޗަށް އެކަނި ތަހުގީގު ހިންގައި، ދައުވާ ކޮށްފައި އޮތުމުން ކަމަށެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން ހައި ކޯޓުން ބުނެފައިވަނީ، ހިޔާނާތްތެރިވުމުގެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ރަނގަޅަށް ނޫން ކަމަށެވެ. އެ ދައުވާ ބާތިލުކުރީ އެ މައްސަލައިގައި ކުރި ތަހުގީގަކީ ބާތިލު ތަހުގީގެއް ކަމަށް ކަނޑައެޅުމަށް ފަހު ކަމަށާއި، ހިޔާނާތުގެ އުންސުރުތައް ފުރިހަމަ ވޭތޯ އެ މައްސަލައިގައި ދަށު ކޯޓުން ބަލާފައި ނުވާ ކަމަށް ވެސް ހައި ކޯޓުން ބުނެފައިވެއެވެ.

ހައި ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ޖިނާއީ ތަހުގީގު ހިންގަނީ ގާނޫނާ އެއްގޮތަށްތޯ ކަށަވަރު ކުރުމާއި، ދައުވާ ކުރުމާއި ނުކުރުމުގެ ބާރު އޮތީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ކަމަށާއި ކޯޓުތަކުގެ ޒިންމާއަކީ ދައުވާ އުފުލުމުން އެއާ މެދު ގޮތެއް ކަނޑައެޅުން ކަމަށެވެ.

އެހެންކަމުން އެ މައްސަލަ އަލުން ބެލުމަށް ހައިކޯޓުން ކުރިމިނަލް ކޯޓުގެ މައްޗަށް އަމުރުކޮށް އެ މައްސަލަ ނިންމިއެވެ.

ހައިކޯޓުން ކޮށްފައިވާ އަމުރު، މުސްތަފާ މުހައްމަދުދީދީގެ ފަރާތުން ސުޕްރީމް ކޯޓުގައި މިއަދު ވަނީ އިސްތިއުނާފު ކޮށްފައެވެ.

މައްސަލައިގެ އިސްތިއުނާފީ ނުކުތާތައް ސުޕްރީީމް ކޯޓަށް ހުށަހަޅުއްވަމުން މުސްތަފާ މުހައްމަދުދީދީގެ ވަކީލު ނޫރުއްސަލާމް ވިދާޅުވީ، އެމައްސަލަ އިސްތިއުނާފު ކުރީ ތިން ނުކުތާއެއްގެ މައްޗަށް ކަމަށެވެ.

އޭގެ ތެރެއިން އެއް ނުކުތާއަކީ، ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ އިސްތިއުނާފު މުއްދަތުގެ ހަމަވެގެންދިއުމަށްފަހުގައި ކަމަށެވެ. އޭނާ ވިދާޅުވީ، ހައިކޯޓުން އެ މައްސަލަ ބަލައިގެންފައި ވަނީ އިސްތިއުނާފު ކުރަން އޮންނަ މުއްދަތުގެ ފަހުން މައްސަލަ ހުށަހަޅާފައި ވަނިކޮށް ކަމަށެވެ.

ދެވަނަ ނުކުތާއެއްގެ ގޮތުގައި އޭނާ ފާހަގަ ކުރީ އެ މައްސަލަ ތަހުގީގު ކުރުމާއި ދައުވާ ކުރުމުގެ މަރުހަލާގައި އަސާސީ ހައްގުތަކާބެހޭ ބޮޑެތި ތަފާތުތަކެއް ގެނގުޅެފައިވާއިރު އެކަންކަމަށް ރިއާޔަތް ނުކޮށް ހައިކޯޓުން މައްސަލަ ނިންމާފައިވާ ކަމަށެވެ.

ތިންވަނަ ނުކުތާ ފާހަގަ ކުރައްވަމުން ވަކީލު ވިދާޅުވީ، ހައިކޯޓުން އެ މައްސަލަ ކުރިމިނަލް ކޯޓަށް ތަހުވީލުކުރި ކުރުމުގައި ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ކަނޑައެޅުމަކަށް ރިއާޔަތް ކޮށްފައިނުވާ މައްސަލައެވެ.