ހދ. ނެއްލައިދޫ ހޯމް ކަރަންޓީނުގައި ތިބި ފަސް މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ނެއްލައިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ނާޒިމް "ވަން" އަށް މިއަދު ވިދާޅުވީ އެރަށުން ޕޮޒިޓިވް ވެފައިވަނީ އެއް އާއިލާއެއްގެ ފަސް މެންބަރުން ކަމަށާއި އެމީހުން ޕޮޒިޓިވް ވެފައިވަނީ ހޯމް ކަރަންޓީން ނިންމުމަށްފަހު ނެގި ރިލީޒް ސާމްޕަލުން ކަމަށެވެ.

އޭނާ ވިދާޅުވީ އެމީހުންގެ ނަތީޖާ ލިބިފައިވަނީ މިއަދު ކަމަށާއި އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

ނާޒިމް ވިދާޅުވީ އެ މީހުންނަކީ އިންޑިއާގައި ތިބުމަށްފަހު ރާއްޖެއައި ބައެއް ކަމަށާއި އެމީހުން ދިރިއުޅޭ ގޭގައި އިތުރު ބަޔަކު ނޫޅޭ ކަމަށެވެ. އަދި އެމީހުންގެ ކޮންޓެކްޓުންގެ ގޮތުގައި އިތުރު ބަޔަކު ނެތް ކަމަށް ވެސް ވިދާޅުވި އެވެ.