އެމްޓީސީސީ

203 މިލިއަން ރުފިޔާގެ ބޮޑު ފައިދާއަކާ އެކު އެމްޓީސީސީ ތާރީހުގެ ތެރެއަށް

އިބްރާހިމް ޒަކީ

1

އެމްޓީސީސީން 203 މިލިއަން ރުފިޔާގެ ބޮޑު ފައިދާއެއް ހޯދައި، އެ ކުންފުނީގެ 40 އަހަރުގެ ތާރީހުގައި އެންމެ ބޮޑޫ ފައިދާ ހޯދުމުގެ ރެކޯޑް ހަދައިފިއެވެ.

އެމްޓީސީސީގެ 2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ހިސާބުތަކާއެކު އެ ކުންފުނީގެ ހުސްވި އަހަރުގެ މާލީ ހިސާބުތައް މިއަދު އާއްމުކޮށްފައިވާއިރު، ހަތަރުވަނަ ކުއާޓަރާ ހަމައަށް ޖުމުލަ 1.35 ބިލިޔަން ރުފިޔާގެ ވިޔަފާރި ކޮށްގެން 203.11 މިލިޔަން ރުފިޔާގެ ފައިދާއެއްވަނީ ހޯދައިފައެވެ.

މިއީ 40 އަހަރު ވެފައިވާ މިކުންފުނީގެ ދިގު ތާރީހުގައި މާލީ އަހަރެއްގައި ރެކޯޑް ކުރެވިފައިވާ އެންމެ ރަނގަޅު ނަތީޖާ އެވެ.

ވޭތުވެދިޔަ އަހަރު އެމްޓީސީސީން ހޯދި ކާމިޔާބުތަކާބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް މިއަދު ވިދާޅުވީ، އެފަދަ ބޮޑު ކާމިޔާބެއް އެމްޓީސީސީން ހޯދީ ކޮވިޑް 19 ގެ ލޮކްޑައުންގައި ތިބެ މަސައްކަތްކުރި ތިންމަސްދުވަހުގެ ތެރެއިން އެންމެ މަހެއްގައިވެސް ކުންފުންޏަށް ގެއްލުން ނުވާ ގޮތަށް މަސައްކަތް ކޮށްގެން ކަމަށެވެ.

"ކޮވިޑް 19 އާ ގުޅިގެން ތިންމަސްދުވަސް ވަންދެން ލޮކްޑައުންގައިތިބެން ޖެހުނު ނަމަވެސް އެއިން އެއްވެސް މަހެއްގައި ކުންފުންޏަށް ގެއްލުންވެފައެއް ނެތް، އެކަން ކުރެވުނީ ކުންފުނީގެ މުވައްޒަފުންގެ މަސައްކަތުން، ގެއްލުން ނުވާގޮތަށް ޕްލޭން ބަދަލުކޮށްގެން މަސައްކަތް ކުރުމުން،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ، ކޮވިޑާ ގުޅިގެން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ވިކަމަށެވެ. އޭގެ ތެރޭގައި، ބޭރުފައިސާ ނުލިބުމާއި ދަދުރު ފަތުރާއި ކޯޑިނޭޝަނަށް ދިމާވި ދަތިތައް އޭނާ ފާހަގަ ކުރެއްވިއެވެ. ނަމަވެސް މަސައްކަތްތައް ބައްޓަންކުރީ ދިމާވާ ދަތިތަކަކީ އެއްވެސް ވަރަކަށް މަސައްކަތް ހުއްޓެން ޖެހޭ ކަމެއްކަމަށް ނުދެކި މަސައްކަތްތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެން ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން އެމްޓީސީސީގެ 2000 އަށްވުރެ ގުިނަ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރީ ރަސްމީކޮށް އޮފީސް ފެށޭ ގަޑިތަކުގައި މަސައްކަތް ކުރިއަށް ގެންދާ ގޮތަށް ރާވައިގެން ކަމަށްވެސް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، ރެކޯޑް އަދަދަކަށް ފައިދާ ވުމުގެ އިތުރުން ހުސްވި އަހަރަކީ އެމްޓީސީސީގެ ހަޔާތުގައި އެންމެ ގިނަ މަޝްރޫއުތައް ވެސް ނިންމި އަހަރު ކަމަށެވެ. އެގޮތުން 34 މަޝްރޫއެއް 2020 ވަނަ އަހަރު އެ ކުންފުނިން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުންފުނިން ހާމަ ކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި ނިމުނު ހަތަރުވަނަ ކުއާޓާގައި ޖުމުލަ 400.10 މިލިޔަން ރުފިޔާގެ ވިޔަފާރި ކޮށްގެން 77.24 މިލިޔަން ރުފިޔާ، ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ ރެކޯޑް ކޮށްފައެވެ.

ހަތަރުވަނަ ކުއާޓަރުގައި ވެސް ކުންފުނިން ހާސިލު ކުރި ލަނޑުދަނޑިތަކަށް ބަލާއިރު އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ވަނީ ހިންގައިފައެވެ. އެގޮތުން 52 މަޝްރޫއެއްގައި މަސައްކަތްކޮށް، 11 މަޝްރޫއެއްގެ މަސައްކަތް ނިންމާލާފައިވާ ކަމަށާއި ފަސް ޕްރޮޖެކްޓެއްގެ މަސައްކަތް އެކުއާޓަރުގައި ފަށައި 17 މަޝްރޫއެއްގެ މަސައްކަތާ ކުންފުނިން ވަނީ ހަވާލުވެފައެވެ.

ކުންފުނީގެ އާއްމު ވިޔަފާރީގެ ދާއިރާ އާއި ކުންފުނީގެ އެހެނިހެން ވިޔަފާރިތަކަށް އަމާޒު ކޮށްގެން، ތަފާތު އެކި މާކެޓިން ހަރަކާތްތައް ހަތަރުވަނަ ކުއާޓަރުގައި ހިންގާފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. އަދި އެ ކުންފުނީގެ މަޝްރޫއުތައް ހިންގަމުން އަންނަ ރަށްރަށުގެ މުޖުތަމައުތަކަށްވެސް ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން އެހީތެރިކަން ފޯރުކޮށްދީ ގިނަ މަސައްކަތްތެއް އެ ކުންފުނިން އަންނަނީ ކޮށްދެމުންނެވެ.

ކޮވިޑް 19 ގެ ސަބަބުން ކުންފުނީގެ އެކި ވިޔަފާރިތަކަށް ކުރަމުންދާ ނޭދެވޭ އަސަރު ކުޑަ ކުރުމަށް އަޅަން ޖެހޭ ފިޔަވަޅު ތަކާއި އިސްތިރާޖީ ޕްލޭންތައް އެކުލަވާލައި ހާލަތު ބަދަލުވަމުން އަންނަ މިންވަރަށް ރިއާޔަތްކޮށް ފިޔަވަޅުތައް ބަދަލުކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

ކުންފުނީގެ ސީއީއޯ އާދަމް އާޒިމް މިއަދު ވިދާޅުވީ އުއްމީދަކީ މި ހިނގާ 2021 ވަނަ އަހަރަކީ، ނިމިދިޔަ 2020 ވަނަ އަހަރަށްވުރެވެސް ރަނގަޅު ނަތީޖާއެއް ހޯދާ އަހަރަކަށް ހެދުން ކަނަށެވެ. އެކަމަށްޓަކައި ގިނަ ކަންތައްތަކެއް ރާވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ކަންތައްތަކުގެ ތެރޭގައި، ހިއުމަން ރިސޯސް ވަރުގަދަ ކުރުމަށް ކުންފުނީގެ އެންމެބޮޑު ރައުސްމާލު ކަމުގައިވާ މުވައްޒަފުންނަށް ތަމްރީނު ދިނުމާއި ކުންފުނީގެ އެޑްމިން ފަންކްޝަންތައް ވަރުގަދަ ކުރުމާއި ކުންފުނީގެ އިކުއިޕްމެންޓްތައް ވަރުގަދަކުރުމަށްޓަކައި އެތަކެތި އާކޮށް ރިޕެއާކުރުން ހިމެނޭކަމަށްވެސް ވިދާޅުވިއެވެ.

އާޒިމް އަދި ވިދާޅުވީ އެމްޓީސީސީގެ ހިއްސާދާރުންގެ ގޮތުގައި 24000 ދިވެހި ރައްޔިތުން އެބަތިބި ކަމަށާއި، އެފަރާތްތަކަށް ރަނގަޅު ފައިދާއެއް ހޯދައިދިނުމަކީ ވެސް އެ ކުންފުނީގެ ބޯޑާއި މެނޭޖްމެންޓާއި އެ ކުންފުނީގެ އެންމެބޮޑު ހިއްސާދާރު ކަމަށްވާ ދިވެހި ސަރުކާރުގެ ވެސް ވަަރަށް ބޮޑު އެދުމެއް ކަމަށެވެ.

އެގޮތުން މިއަހަރުވެސް ކުންފުނީގެ ހިއްސާދާރުންނަށް ރަނގަޅު އާމްދަނީއެއް ހޯދައިދިނުމަށް ބޯޑަށް ހުށަހަޅުއްވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.