އިސްލާމީ މަރުކަޒަށް ބަރަހަނާ ހާލުގައި ހުރެ ވަން މީހަކީ ނަފްސާނީ މައްސަލަތަކެއް ހުންނަ މީހެއްކަމަށާއި އޭނާ ގައުމަށް ފޮނުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

މިމަހުގެ 21 ވަނަ ދުވަހު ބަރަހަނާ ހާލުގައި ބިދޭސީއަކު މިސްކިތަށް އަރައި އަޑުގަދަކޮށް މިސްކިތުގެ ބައެއް ތަކެއްޗަށް ގެއްލުންދީފައިވާ ކަމަށް މައުލޫމާތު ވަނީ ލިބިފަ އެވެ.

ފުލުހުން ބުނީ ބަރަހަނާ ހާލުގައި ހުރި މީހަކު މިސްކިތަށް ވަން މައްސަލާގައި ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނީ، އެ ބިދޭސީ މީހާ މިހާރު ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި އޭނާގެ ސްޕޮންސަރާއި ގުޅިގެން އޭނާ ބަންގްލަދޭޝްއަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން އެ ބިދޭސީ މީހާއަކީ ނަފްސާނީ މައްސަލަތަކެއް ހުރި މީހެއް ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މީގެ ކުރިން ހުޅުމާލޭގައި ހުންނަ މިސްކިތަކަށް ވަން ބިދޭސީއަކު ނަމާދަށް ހުރި ދިވެއްސަކަށް ވަނީ ހަމަލާދީފަ އެވެ. މި މައްސަލާގައި ފުލުހުން ވަނީ އިންޑިއާ ރައްޔިތަކުން ހައްޔަރުކޮށްފަ އެވެ.