ޚަބަރު

ޔާމީން މިނިވަންކޮށް 2023ގައި ވެރިކަމަށް ގެންނާނަން: ޣައްސާން

އަލީ ޔާމިން

1

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަންކޮށް 2023ގައި ރާއްޖޭގެ ވެރިކަމަށް ގެންނާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ޣައްސާން މިއަދު ކުރެއްވި ޓުވީޓެއްގަައި ވިދާޅުވީ، ރައީސް ޔާމީނަށް ދެނީ ނުހައްގު އަނިޔާއެއް ކަމަަށާއި ނުހައްގު އަނިޔާއިން ރައީސް ޔާމީނާއި ޕީޕީއެމްގެ ލަޝްކަރުގެ ހިތްވަރު ބަލި ނުކުރެވޭނެ ކަމަށެވެ.

"ރައީސް ޔާމީނަށް ދެވޭ ނުހައްގު އަނިޔާއަކުން އެމަނިކުފާނުގެ އަދި ޕީޕީއެމްގެ ބިޔަ ލަޝްކަރުގެ ހިތްވަރެއް އެލުވައެއް ނުލެވޭނެ. އަޒުމެއް ގުޑުވައެއް ނުލެވޭނެ. އިރާދަކުރެއްވިއްޔާ ޖަލުން މިނިވަންކޮށް އެމަނިކުފާނު 2023 ގައި އިންތިހާބުކޮށް ވެރިކަމަށް ގެންނާނަން" ޣައްސާން ވިދާޅުވިއެވެ.

މަނީ ލޯންޑަރިން ކުރި ކަމަށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމް ކުރީ ނޮވެމްބަރު 29، 2019 ގައެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން މި ހުކުމް އިއްވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ، އެސްއޯއެފްގެ އެކައުންޓަކަށް ޖަމާވުމުން، އެ ކުންފުނިން ޔާމީންގެ އެކައުންޓަކަށް އެ ފައިސާ ޖަމާކުރި މައްސަލައިގަ އެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރި ދައުވާގައި ދައުލަތުން ބުނެފައިވަނީ، ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށް އަސްލު އޮޅުވާލާފައިވަނީ އެމްއެމްޕީއާރުސީން ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުން ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމަށެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީނަށް ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައި ކޯޓުންވެސް އިއްޔެ ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ދަމަހައްޓައިފައެވެ.

ރައީސް ޔާމީންގެ ގާނޫނީ ޓީމުން މިހާރު މަސައްކަތް ކުރަމުން އަންނަނީ އެ މައްސަލަ ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށެވެ. ސްޕްރީމް ކޯޓުން ހައިކޯޓުގެ ހުކުމް ދަމަހައްޓައިފިނަމަ ރައީސް ޔާމީނަށް 2023 ގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލޭނެ އެވެ.

ފަސް އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމީން ތަންފީޒު ކުރައްވަމުން ގެންދަވާއިރު މިހާރުވެސް އެމަނިކުފާނުގެ ދެ ޝަރީއަތެއް ދަށު ކޯޓްގައި ކުރިއަށް ދެއެވެ. އެއީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ.