Close
ލުއި ރިޕޯޓް

އެންމެ ފަހުން މަންމަގެ ހާލު ބަލައިލެވުނީ ކޮން އިރަކު؟

އަލީ ޔާމިން

"މަންމަގެ ހާލު އެންމެ ފަހުން ބަލައިލެވުނީ ކޮންއިރަކު؟" މި ސުވާލާ ޖެހިގެން އޮތީ، މައިންބަފައިންނަށް ހެޔޮ ރަހުމަތް ލެއްވުން އެދި ދުއާކުރުމާ ގުޅޭ ގޮތުން ޤުރުއާނުގައި ވަހީކުރައްވާފައިވާ ވަހީ ބަސްފުޅެއްގެ މާނައެވެ.

"އަޅުގެ ވެރި ރައްބު ... ކުޑަކުއްޖެއްކަމުގައި މި އަޅާ ވީ ދުވަހު، އެ ދެމީހުން މިއަޅާ ބަލައި ބޮޑުކުރި ފަދައިން އެ ދެމީހުނަށް ހެޔޮރަހުމަތް ލައްވާނދޭވެ..." މިއީ މޯލްޑިވްސް ޕޮލިސް ސާވިސް އިން އާ އަހަރާ ދިމާކޮށް ނެރުނު ކަރަންޑަރުގެ ފުރަތަމަ ސޮފުހާގައިވާ ލިޔުންކޮޅެކެވެ. ޖެނުއަރީ މަހުގެ ދުވަސްތައް އަތުރާލެވިފައިވާ އެ ސޮފުހާގެ މަތީގައި އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ލިޔެފައިވާ މި ލިޔުންކޮޅުން ކަލަންޑަރުގެ ދެން ހުރި މަސްތަކަށް އޮތް ޝައުގު އިތުރުވިއެވެ.

ފެބްރުއަރީ މަސް ހާއްސަކޮށްފައިވަނީ ދަރީންގެ ހާލު ބެލުމާ ގުޅޭ ގޮތުންނެވެ. ކަލަންޑަރުގެ ފެބްރުއަރީ މަހުގެ ދުވަސްތައް އަތުރާލައިފައިވާ ސޮފުހާ ފަށަމުން ވަނީ، ދަރިފުޅު މިހާރު ކުރާނީ ކޮން ކަމެއް ތޯ ސުވާލު އުފައްދައިފައެވެ. އެ ސުވާލާއި ޖެހިގެން އޮތް ފޮޅުވަތުގައި ބުނީ ދަރީންނަށް އަޅައިނުލެވުމުން ދަރީން ނުރައްކަލަށް ހުށަހެޅޭ ކަމަށެވެ. ޖެހިގެން އައި މާޗު މަހުގެ ސޮފުހާގައިވެސް އޮތީ މުހިންމު ސުވާލެކެވެ. އެއީ އާއިލީ ގުޅުން ބަދަހި ކުރުމަށް ކުރީ ކޮންކަމެއްތޯއެވެ. މިފަދަ މުހިންމު އެތައް ސުވާލެއް ޕޮލިސް ކަލަންޑަރުގެ ކޮންމެ ސޮފުހާއެއްގައި ލިޔެފައިވެއެވެ. ބައެއް ސޮފުހާތަކުގައި މުހިންމު މެސެޖުތައްވެސް ލިޔެފައި ވެއެވެ. އެގޮތުން އަހަރު ނިންމާލާ ސޮފުހާގައި ބުނެފައިވަނީ ކޮންމެ މީހަކީވެސް މުޖުތަމައަށް މުހިންމު މީހެއް ކަމަށާއި އެމީހެއްގެ ހުރި ގާބިލު ކަމަށް ފުރުސަތު ހޯދައިދިނުމަށެވެ.

ފުލުހުންނަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ބުރަ މަސްއޫލިއްޔަތު ކޮނޑުގައި އަޅައިގެން ތިބޭ ބަޔަކަށް ވީ ހިނދު ކޮންމެ އަހަރަކުވެސް ފުލުހުން އިސްވެ އަންނަނީ، މުޖުތަމައުގައި ހުރި ނޭދެވޭ އާދަތައް ނައްތައިލުމަށް އެކިއެކި ހަރަކާތްތައް އެކި ނަންނަމުގައި ކުރިއަށް ގެންދަމުންނެވެ.

ގެއްލެމުން ފޮހެވެމުން އަންނަ އެތައް ރީތި އާދައެއްގެ ހަނދާންތައް އާ އަހަރާ ދިމާކޮށް ފުލުހުން ނެރުނު ކަލަންޑަރުން އާވެއްޖެއެވެ. އަމިއްލައަށް ފަރުދީ ޒިންމާ ނެގުމުގެ ރޫހު އާވެއްޖެއެވެ. މުހިންމު އެހެންނަމަވެސް ފަރުވާ ކުޑަކުރެވޭ ބައެއް ކަންކަން މަތިން ހަނދާންކޮށްދީފިއެވެ. ޖުމުލަކޮށް ބުނާ ނަމަ މީހާ ހެޔޮ މަގަށް ކޮށި ދަތުރުގެ އާރުކާޓީކަން ފުލުހުންގެ ކަލަންޑަރު ކޮށްދީފިއެވެ.