ކުރީގެ ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓާ ޖެނެރަލް ސާމީ އަގީލަށް ތުހުމަތުތަކެއްކޮށް، މައްސަލަ ހުށަހަޅާފައިނުވާނެ ކަމަށްބުނެ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އަށް އިތުރު ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ 28 މުވައްޒަފަކު ސޮއިކޮށް މީގެ ކުރިން ހުށަހަޅާފައިވާ ޕެޓިޝަނުގައި ސާމީ އަގީލްއާ ގުޅޭގޮތުން ގިނަ މައްސަލަތަކެއް ފާހަގަކޮށްފައިވެއެވެ. ހާއްސަކޮށް ސާމީ އަގީލަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކޮށް، ދައުވާކުރަން ފޮނުވާފައިވާކަން ވެސް ފާހަގަކޮށްފައިވެއެވެ.
އޭރު އެ ޕެޓިޝަން ހުށަހަޅާފައިވަނީ ސާމީ އަގީލް، ޓްރާންސްޕޯޓް މިނިސްޓްރީގެ ޑީޖީގެ މަގާމަށް ބަދަލުކުރެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ސީއެސްސީގައި އެދިވަޑައިގެންފައިވުމުން، ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުންނެވެ. އެ ޕެޓިޝަންގައި ވަނީ މީގެ ކުރިން އެތައް ފަހަރެއްގެ މަތިންވެސް ސާމީ އަގީލްގެ މައްސަލަ ސީއެސްސީއަށް ހުށަހަޅަން މަސައްކަތް ކުރި ނަމަވެސް މަގާމުގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން އެ މުވައްޒަފުންގެ މަގާމު ދަށްކޮށް އިދާރީ ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
އެ ޕެޓިޝަނަށްފަހު ސީއެސްސީއަށް ފަހުން ހުށަހެޅި ޕެޓިޝަނުގައި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ޓްރާންސްޕޯޓް އޮތޯރިޓީއާއި ރީޖަނަލް އެއާޕޯޓްސް އާއި ފުވައްމުލަކު އެއާޕޯޓާއި ކޭޑެއްދޫ އެއާޕޯޓުގެ މުވައްޒަފުން ހިމެނޭ ގޮތަށް ޖުމުލަ 39 މުވައްޒަފަކު ވަނީ ސޮއިކޮށްފައެވެ. ފަހުން ހުށަހެޅި ޕެޓިޝަނުގައި މުވައްޒަފުންގެ ނަންތައް ވެސް ވަނީ ހިމަނައިފައެވެ.
ފަހުން ހުށަހެޅި ޕެޓިޝަނުގައި ވަނީ ސާމީ އަގީލްއަށް ގިނަ ތުހުމަތުތަކެއް ކުރާ ފަދަ ޕެޓިޝަނެއްގައި ސޮއިކޮށްފައިނުވާނެ ކަމަށާއި ރީޖަނަލް އެއާޕޯޓް ކޯޕަރަޓައިޒް ކުރުމުން ސާމީ އަގީލް، ސިވިލް ސާވިސްގައި ދެމިހުރުމަށް ނިންމައި، ޓްރާންސްޕޯޓް މިނިސްޓްރީގެ ޑީޖީގެ މަގާމަށް ބަދަލުކުރުމާ މެދު އެއްގޮތަކަށް ވެސް އިއުތިރާޒު ނުކުރާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ފާހަގަކުރެވިފައިވަނީ ސާމީ އަގީލްއަކީ މަސައްކަތަށް ގާބިލު އަދި މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ ލުއިފަސޭހަ ގޮތް ހޯއްދަވައިދެއްވައި އަދި މަސައްކަތްތަކުގެ ފެންވަރު މަތިކޮށް ރައްޔިތުންނަށް ފޯރުކޮށްދެވޭ ހިދުމަތްތައް އަވަސްކުރެއްވުމަށް މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރައްވާ ވެރިއެއްގެ ގޮތުގައެވެ. ޓްރާންސްޕޯޓް ދާއިރާއިން ރީޖަނަލް އެއާޕޯޓުން ހިންގާ ހުރިހާ ބޮޑެތި މަޝްރޫއުތައް ހިންގައި ބެލެހެއްޓުމުގައި އެންމެ އިސްދައުރެއް އަދާކުރައްވަނީ ސާމީ އަގީލްއެވެ..،" ޕެޓިޝަނުގައި ބުނެފައިވެއެވެ.
އެ ޕެޓިޝަނުގައި ބުނެފައިވަނީ ދާއިރާގެ ކުރިއެރުމާއި ތަރައްގީއަށް އަދި މުވައްޒަފުންގެ ކުރިއެރުމަށް އޭނާ އެ ދާއިރާގައި ހުންނެވުމަކީ މުވައްޒަފުން އެދޭ ކަމެއް ކަމަށާއި ޓްރާންސްޕޯޓްގެ މުވައްޒަފުންގެ ނަމުގައި އެއްވެސް މުވައްޒަފެއްގެ ނަން ނުޖަހައި ސޮއިކޮށްގެން ޕެޓިޝަނެއް ކޮމިޝަނަށް ހުށަހަޅާފައިވާނަމަ އެކަން ކުށްވެރިކުރާ ކަމަށެވެ. އަދި އެ ޕެޓިޝަނާއި މުވައްޒަފުންނާ އެއްވެސް ގުޅުމެއް ނުވާ ކަމަށް ވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު