ޚަބަރު

އެކްސްކްލޫސިވް: ޝިދާތާ ވިދާޅުވަނީ ޒިޔާ ވަރަށް ގުޅޭ ކަމަށް، ކައިވެނި އަންނަ މަހު

ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފާއި ފިލްމީ ތަރި އަހުމަދު ޒިޔާއާ ކައިވެނިކުރަން ތައްޔާރުވެއްޖެއެވެ.

އިއްޔެގެ ވަގުތެއްގައި ޒިޔާއާ އެންގޭޖްވެފައިވާކަން ޝިދާތާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވަނީ އިއުލާންކޮށްފައެވެ.

އެކަން އިއުލާންކުރެއްވުމަށް ޝިދާތާ ކުރެއްވި ފޭސްބުކް ޕޯސްޓުގައި ވިދާޅުވީ "ފުރިފައިވާ ހިތަކާއެކު މިއީ ހަޔާތުގެ އާ ދަތުރެއް، އާ ފެށުމެއް" ކަމަށެވެ.

ޝިދާތާ އާއި ޒިޔާ ވެސް މީގެ ކުރިން ކައިވެނި ކޮށްފައިވެއެވެ. އެގޮތުން ޒިޔާ ދެ ކައިވެންޏެއް ކޮށްފައި ވާއިރު، އެއް ކުއްޖަކު ލިބިފައި ވެއެވެ. ޝިދާތާ އެއް ކައިވެނި ކުރައްވާފައި ވާއިރު، ތިން ދަރީން އެބަ ތިއްބެވެ.

"ވަން" އާ ވާހަކަދައްކަވަމުން ޝިދާތާ ވިދާޅުވީ ކުރީންވެސް ޒިޔާ ދެނެވަޑައިގަންނަވާ ކަމަށާއި އެހެން ނަމަވެސް މި ފަދަ ގޮތަކަށް ވާހަކަދައްކަވަން ފެއްޓެވީ ވަރަށް ފަހުން ކަމަށެވެ. ޒިޔާއަކީ އޭނާއާ ވަރަށް ގުޅޭ، ރަނގަޅު މިޒާޖެއްގެ މީހެއް ކަމަށް ގަބޫލުކުރެއްވޭ ކަމަށް ޝިދާތާ ވިދާޅުވި އެވެ.

"ދެން އެއީ ޕަބްލިކް ފިގާއެއް ވީމަ ކުރީންވެސް އެނގޭނެ ދޯ. އެކަމަކު ވާހަކަދައްކަން ފެށީ ދެތިންމަހެއްހައި ދުވަސް ކުރީން. އިރާދަކުރެއްވިއްޔާ އަންނަ މަހުގެ 21 ވަނަ ދުވަހު ކައިވެނި ކުރާނަން." ޝިދާތާ ވަން އަށް ވިދާޅުވި އެވެ.

ޝިދާތާ އިތުރަށް ވިދާޅުވީ ޒިޔާ އޭނާއަށް ވުރެ 10 ވަރަކަށް މަސް ދޮށި ކަމަށެވެ. ދެ މީހުންގެ އެހެން ކައިވެނިތަކަށް ކުދީން ތިބި ނަމަވެސް އެއީ މައްސަލައެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ޝިދާތާ ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެން އެޔަށްވުރެ ބޮޑަށް ތަސައްރަފު ފުދޭން ވާނެ. އެއީ މައްސަލައެއް ނޫން." ޝިިދާތާ ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ ޖެންޑާ މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ޝިދާތާ އިސްތިއުފާ ދެއްވީ ޖެންޑާ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން ޒިންމާ އަދާނުކުރެއްވޭ ކަމަށް ބުނެ، ބައެއް ސިޔާސީ ބޭފުޅުންނާއި އާންމުން ކުރިމަތިކުރުވި ޕްރެޝަރުތަކަކަށްފަހު މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހުއެވެ.