ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ލޯކަލް ކައުންސިލް އިންތިހާބު ބޭއްވޭނެ ގޮތަށް، ލޯކަލް ކައުންސިލް އިންތިހާބުތަކުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގުކުރައްވައިފިއެވެ.

ކޮވިޑުގެ ހާލަތުގައި އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތުމުން ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށް ލޯކަލް ކައުންސިލް އިންތިހާބު މިއަހަރަށް ފަސްކުރިއެވެ. އެ ބިލު ތަސްދީގު ކުރައްވާތާ އަހަރެއްގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެއެވެ. އެއީ މިއަހަރުގެ މެއި މަހުގެ ނުވަ ވަނަ ދުވަހެވެ. އަދި އިންތިހާބު ބޭއްވާނެ ތާރީހެއް އިއުލާން ކުރެވޭނީ މިހާރު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާތާ ހަތް ދުވަސް ތެރޭގައި ކަމަށްވެސް ހާއްސަ ގާނޫނުގައިވެއެވެ.

ނަމަވެސް އިންތިހާބު ބާއްވަން ހުރަސްތަކާ ކުރިމަތިވެ، އިންތިހާބު ބޭއްވުން ލަސްވަމުންދާތީވެ، ކައުންސިލް އިންތިހާބުތަކުގެ ހާއްސަ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ގެނައުމަށް ހުށަހެޅި ބިލު ދާދިފަހުން ވަނީ ފާސްކޮށްފައެވެ.

އެ ބިލު މިއަދު ރައީސް ތަސްދީގުކުރެއްވުމާއެކު، ހަތް ދުވަހުގެ ތެރޭގައި އަލުން އިންތިހާބު ބޭއްވުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފަށަން ޖެހޭނެއެވެ. އަދި މެއި 10ގެ ކުރިން އިިންތިހާބު ބޭއްވުމަށް ހުރަސް އެޅޭފަދަ އެއްވެސް ހާލަތެއް މެދުވެރިވެއްޖެނަމަ 30 ދުވަހުގެ ކުރިން ސަބަބު ބަޔާންކޮށް އީސީން އެކަން މަޖިލީހަށް އަންގަންވާނެއެވެ.

މީގެ އިތުރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ލޯކަލް ކައުންސިލް އިންތިހާބު ބޭއްވޭނެއެވެ. ނަމަވެސް އިންތިހާބު ބޭއްވޭނީ އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތަކާ އެއްްގޮތްވާގޮތުގެ މަތިންނެވެ. އަދި އެ އުސޫލުތައް އެކުލަވާލުމުގައި މިނިވަންކަމާއި އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު އިންތިހާބު ބޭއްވޭނެކަން ކަށަވަރު ކުރަންވާނެއެވެ.

އިންތިހާބުގެ ކަންކަން އަލުން ފަށަންވާނީ، އެކަންކަން ފެށުމަށް ދުރާލައި ތާރީހެއް ކަނޑައެޅުމާއެކު ކަމަށާއި އެ ތާރީހު ކަނޑައަޅަންވާނީ އެ ތާރީހު ކަނޑައެޅުމާއި އިންތިހާބުގެ ކަންކަން ފެށުމާ ދެމެދު މަދުވެގެން ތިންދުވަހުގެ ނޯޓިހެއް ލިބޭނެ ގޮތަށް ކަމަށްވެސް ބުނެފައިވެއެވެ.

ކައުންސިލް އިންތިހާބުތަކުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމާއެކު، ސިއްހި ކުއްލި ހާލަތުގައި ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނަމަ، އަމަލު ކުރަންޖެހޭނެ ގައިޑްލައިންގެ ޑްރާފްޓް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އީސީ އަށް ވަނީ ފޮނުވައިފައެވެ. އީސީން އަންނަނީ އޭޕްރީލް ތިންވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ތައްޔާރުވަމުންނެވެ.