ވެކްސިނަކީ ވަކި ފިނިހޫނުމިނެއްގައި ރަނގަޅަށް ބަހައްޓަން ޖެހޭ އެއްޗެއް ކަމުން، އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި އެއްލައްކަ ޑޯޒްގެ ވެކްސިންވެސް ބަހައްޓާފައި ހުރީ ރައްކާތެރި ކަމާއެކު ކަމަށް އެޗްއީއޯސީން ބުނެފި އެވެ.
ވެކްސިން ރައްކާތެރިކަމާއެކު ބަހައްޓާފައި ހުރިކަން އެޗްއީއޯސީން އާއްމު ކޮށްފައި މިވަނީ ބައެއް ފަރާތްތަކުން ވެކްސިން ބަހައްޓާފައި ހުރި ގޮތާ މެދު ސުވާލު އުފައްދަމުން ދާތީ، ނޫސްވެރިޔަކު ކުރި ސުވާލަކާ ގުޅިގެންނެވެ. އެގޮތުން އިއްޔެ އިންޑިއާއިން ރާއްޖެ ގެނައި އެއްލައްކަ ޑޯޒް ވެކްސިން ބަހައްޓާފައި ހުރީ އެޗްޕީއޭގެ ކޯލްޑް ރޫމްގައި ކަމަށް ހެލްތު މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ކޮމިޝަނަރު ތަސްލީމާ އުސްމާން ވަނީ ވިދާޅުވެފަ އެވެ.
ކޮވިޝީލްޑް ބަހައްޓަން ޖެހެނީ 2-8 ޑިގްރީ ސެލްސިއަސްގެ ފިނިހޫނުމިނުގަ އެވެ.
އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ވިދާޅުވީ ވެކްސިނޭޝަން ޕްރޮގްރާމް ފަށާނީ ވެކްސިނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފަހުގައި ކަމަށެވެ. އެގޮތުން ކޮވިޑް ވެކްސިން ޖެހުމަށް ރަޖިސްޓަރީވުމަށް ހުރިހާ ދިވެހިންނަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.
އިންޑިއާ ސަރުކާރުން ރާއްޖެ ހަދިޔާކުރި ކޮވިޑް ވެކްސިންގެ ފުރަތަމަ ޝިޕްމެންޓުން 50،000 މީހުންނަށް ވެކްސިން ދޭނެ ކަމަށް ކަމާގުޅޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު