ދިވެހިރާއްޖޭގެ ތާރީޚު

މާލޭގައި ހުރި 700 އަހަރުވީ މިސްކިތެއް

މުހައްމަދު ނާޖިހު

1

ދިވެހިރާއްޖެ ދައުލަތް އިސްލާމީ ދައުލަތަކަށް ވީ މީލާދީން 1153 ގައި ދިވެހިރާއްޖޭގެ އޭރުގެ ރަސްގެފާނު ތީމުގޭ ދޮނެއި ކަލަމިންޖާ ސިރީ ބޮވަނާދީއްތަ މަހާރަދުން، އާދެ ދަރުމަވަންތަ ރަސްގެފާނު، ތަބްރޭޒީގެފާނުންގެ އަތްޕުޅު މައްޗަށް އިސްލާމްވެ ވަޑައިގެންނެވި ހިސާބުންނެވެ. އެހެންވީމާ އެ ޒަމާނުން ފެށިގެން ދިވެހިރާއްޖޭގައި މިސްކިތް އަޅަމުން އައިސްފައިވާނޭކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ.

މިއަދުގެ މަޒުމޫނުގައި ބަލައިލަން މިއުޅެނީ ދިވެހިރާއްޖެ އިސްލާމްވިތާ ގާތްގަނޑަކަށް ދޮޅު ގަރުނު ފަހުން ބިނާކުރެވުނު މިސްކިތެއްގެ ވާހަކައެވެ. އާދެ، މާލޭ ހެންވޭރު އަވަށުގައި ހުންނަ ބާމިސްކިތޭ ކިޔުނު މިސްކިތުގެ ވާހަކައެވެ. މި މިސްކިތަށް ސީދީ މިސްކިތޭވެސް ކިޔައި އުޅުނެވެ. އަދި ހެންވޭރު އާމިސްކިތޭވެސް ކިޔައިއުޅުނެވެ. އައްސުލްތާނު މުހައްމަދު ޝަމްސުއްދީން 3 ގެ ރަސްކަމުގައި މި މިސްކިތުގައި ބެހެއްޓި ލޯފޮތީގައި ލިޔެފައި އޮތީ هنوير آمسجد އެވެ. އާދެ، ހެންވޭރު އާ މިސްކިތެވެ. ފަހުގެ ރަސްމީ ނަމަކީ مسجد التقوى އެވެ.

މި މިސްކިތުގެ ގިބުލަފަރާތުގައި ހުރި ބިންވަޅުނަގައި، ކުރެހުންއަޅައި، ލިޔެފައިވާ ހިލައިގައިވާ ގޮތުން މި މިސްކިތަކީ مسجد سلطان جلال الدين عمر އެވެ. އައްސުލްތާނު ޖަލާލުއްދީން އުމަރު މިސްކިތެވެ. އާދެ، އައްސުލްތާނު ޖަލާލުއްދީން އުމަރަކީ މީލާދީން 1306 އިން 1341 އަށް ދިވެހިރާއްޖޭގެ ރަސްކަންކުރެއްވި މަޝްހޫރު އުމަރުވީރު ރަސްގެފާނެވެ. މި ރަސްގެފާނަކީ ޝިހާބުއްދީން ރަސްގެފާނާއި އައްސުލްތާނާ ރެހެންދި ޚަދީޖާއާއި އައްސުލްތާނާ ރާދަފަތީގެ ބައްޕާފުޅެވެ.

މި މިސްކިތާ ގުޅިފައިވާ އެންމެ ދުވަސްވީ އެއްޗަކަށް އެނގެން އޮތީ މިބަޔާންކުރި ހިލައެވެ. އޭގެ ކުރިންވެސް އެތަނުގައި މިސްކިތެއް ހުރެދާނެއެވެ. އުމަރުވީރު ރަސްގެފާނު އިހު ހުރި މިސްކިތް އާ ކުރެއްވީ ކަމަށްވެސް ވެދާނެއެވެ. ނަމަވެސް ފެންނަން އޮތް ދުވަސްވީ ލިޔުމުން ދޭހަވާ ގޮތުން މިއީ އުމަރުވީރު ރަސްގެފާނު ބިނާކުރެއްވި އެ ރަދުންގެ ނަންފުޅަށް ނިސްބަތްވާ މިސްކިތެކެވެ. އެހެންކަމުން މި މިސްކިތަށް މިހާރު 700 ވަރަކަށް އަހަރު ވެދާނެއެވެ.

މިސްކިތުގެ ގިބުލަފަރާތުގައި މިހާރުވެސް ފެންނަން ހުރި، އުމަރުވީރު ރަސްގެފާނު ބެހެއްޓެވި ހިލައަކީ ގުޖުރާތުގެ ކަންބާ (ކަންބާތު) އޭ ކިޔުނު ރަށުން ގެނެސްފައިވާ ހިލައެއް ކަމަށްވެއެވެ. ކަންބާއަކީ އިހުޒަމާނުގައި ދިވެހީން ވިޔަފާރިދަތުރުކޮށް އުޅުނު މަޝްހޫރު ބަންދަރުމަތީ ރަށެކެވެ. ތަފާތު އެކި އުފެއްދުންތައް އުފެއްދުމުގައި ކުރިއަރާފައި އޮތް ރަށެކެވެ. ވަރަށް ފަހަކާ ޖެހެންދެން ދިވެހީން ކަންބާއޭ ކިޔުނު ބާވަތަކުގެ މުންޑެއް ވެސް އަނދެއުޅުނެވެ.

އުމަރުވީރު ރަދުން ބިނާކުރެއްވި މި މިސްކިތުގެ މިހާރު ހުރި މުސްކުޅި އިމާރާތުގައި ހުރި ލިޔެކިޔުންތަކުން އެނގޭ ގޮތުގައި މިތަނުގައި އިހު ހުރި މިސްކިތް އާ ކުރެއްވީ އުމަރުވީރު ރަސްގެފާނުގެ ރަސްކަމަށް ފަހު 350 އަހަރު ފަހުން ރަސްކަމަށް ވަޑައިގެންނެވި އައްސުލްތާނު މުހައްމަދު ސިރީ ކުލަރަންމަނި މަހާރަދުންނެވެ. އާދެ، މި ރަދުންނަކީ މީލާދީން 1692 އިން 1701 އަށް ރަސްކަންކުރެއްވި ދެއްވަދޫ ރަސްގެފާނެވެ. މި މިސްކިތުގެ ބެރިއެއްގައި ހިޖުރައިން 1108 ވަނަ އަހަރު ރަޖަބު 1 ވީ ހުކުރު ދުވަހޭ ލިޔެފައި އޮތުމާއި މިސްކިތުގެ އިރުމަތީ ބިތުގެ ބޭރުގައި ދެއްވަދޫ ރަސްގެފާނުގެ ސިއްކަފުޅު އޮތުމުން އެކަން ދޭހަވެއެވެ. ދެއްވަދޫ ރަސްގެފާނަކީ ދިވެހިރާއްޖޭގެ ވަރަށް ގިނަ މިސްކިތް އާކުރައްވައި ބިނާކުރެއްވި ރަސްކަލެކެވެ.

ދެއްވަދޫ ރަސްގެފާނަށް ފަހު ގާތްގަނޑަކަށް ދެ ގަރުނު ފަހުން އައްސުލްތާނު މުހައްމަދު ޝަމްސުއްދީން 3 ގެ ރަސްކަމުން 17 ވަނަ އަހަރު މި މިސްކިތުގެ އާބާތުރަފިލުވުނެވެ. މިގޮތުން އެރަދުން ރަސްކަމުގެ ރެކޯޑު ނޯޓުކުރެވިފައިވާ ފޮތުގައި އޮތީ މިފަދައިންނެވެ.

"شمس الدين ރަދުންގެ ސަތާރަވަނަ އަހަރު جمادى الاول مه 19 މި ދުވަހު ހެންވޭރު އައު މިސްކިތް ދާލަޔާއި މަތިވަޑާން ބައުވެ ހުންނާން ނެތިގެން ރޫޅާލައްވާފައި އަލުން ދެފަރާތުން އައްޓާ ދާލަޔާ ރާނުއްވައި މަތިވަޑާން ދެބަޔަށް ނިރޮޅުން ހައްދަވައި މިސްކިތްތެރޭ ވަށާފައުރު ރާނުއްވައި މިމަގަށް ހައްދަވައި ނިންމެވިކަމު ހަދާން. سنة ١٣٣٧."

އާދެ، މި މަގުން މި މަސައްކަތް ކުރެއްވުމަށްފަހު މިސްކިތަށް ވަންނަ ދޮރުގެ އެތެރެއިން މަތީގައި އެ ވާހަކަ ބަޔާންކޮށްފައި ވާ ލޯކޮޅެއް ހަރުކުރެއްވިއެވެ. އޭގައި އޮތީ އަންނަނިވި އިބާރާތުންނެވެ.

هنوير آمسجد
جدّد في عصر جلالة السّلطان محمّد شمس الدّين اسكندر بن السّلطان ابراهيم نور الدّين اسكندر ف ١٩ جمادي الاوّل سنة ١٣٣٧

ޝަމްސުއްދީން ރަދުންގެ ދުވަސްވަރަށްފަހުވެސް މި މިސްކިތުގައި އެކި ވަރުގެ މަރާމާތުގެ މަަސައްކަތް ކުރެވިފައިވެއެވެ. އަދި މިސްކިތުގެ ދެފަރާތު ދެ އަރިމަތިންނާއި ކުރިމަތީގައި ހިޔާކުރި ފެންޑާތައް ހަދާފައިވެއެވެ. އަދި މިސްކިތުގެ ކުރިމަތިން ހުންނަ އަށްކަން ވަޅުވެސް މަތިޖަހާފައި ހިޔާކުރި ބައިގައި މިހާރުވެސް އެބަހުއްޓެވެ.

މިސްކިތުގެ މަތިވަޑާންގަނޑާއި ލާގެ ހުރީ އިހުގެ ހިރިގަލުން ބިނާކޮށްފައިވާ މުސްކުޅި އެހެން މިސްކިތްތަކުގައިވެސް ހުންނަ ފަދައިން ވަރަށް ރީތިކޮށް ލިޔެލާޖަހައި އަރަބިބަހުން އެކިއެކި ލިޔުންތައް ލިޔެ ލާފެންކޮށް ހަދާފައެވެ.

މައުލޫމާތު ނެގީ:
ކޮލި ހަސަން މަނިކު ލިޔުއްވި މާލޭގެ މިސްކިތްތައް
މައުރޫފު ޖަމީލު ލިޔުއްވި ކޮރަލް ސްޓޯން މޮސްކްސް އޮފް މޯލްޑިވްސް
ޝަމްސުއްދީން ރަދުންގެ ދުވަސްވަރުގެ ރެކޯޑު

އެޑިޓަރުގެ ނޯޓް: މުހައްމަދު ނާޖިހް އަކީ ގާނޫނީ ވަކީލެކެވެ. މިހާރު މަސައްކަތް ކުރައްވަނީ ހެރިޓޭޖް މިނިސްޓްރީގެ ރިސާޗް އެނަލިސްޓް ގެ މަގާމުގަ އެވެ. އަމިއްލަ ގޮތުން ވެސް، ދިވެހިރާއްޖޭގެ ތާރީޚު ދިރާސާކުރައްވައި އެ މައުލޫމާތު އެއްކުރައްވައި އެ ދާއިރާއިން ރައްޔިތުން ހޭލުންތެރިކުރުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވައެވެ. މީގެ އިތުރުން އޭނާއަކީ، ދިވެހި ބަހުގެ ދިރާސާތައްވެސް ކުރައްވާ، ބަހަށް ހޭލުންތެރިކުރުވުމަށް ވެސް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އޭނާއަކީ ދިވެހި ބަހުގެ އެންމެ ބޮޑު މީސްމީޑިއާ ޕްލެޓްފޯމްކަމަށްވާ ބަސް ޖަގަހައިގެ ވެސް އެއް ފައުންޑަރ މެންބަރެވެ.