މުޅި އާބާދީއަށް ކޮވިޑް 19ގެ ވެކްސިން ޖަހާ ފުރަތަމަ ގައުމަކަށް ރާއްޖެ ވުން ގާތް ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދޭ ކޮވިޑް ވެކްސިންގެ 100،000 ޑޯޒް ހަވާލުކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ، ރާއްޖެއިން އެހީއަށް އެދިއްޖެ ކޮންމެ ވަގުތެއްގައިވެސް އިންޑިއާއަކީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމެއް ކަމަށެވެ. އެގޮތުން ކޮވިޑްގެ ތެރޭގައިވެސް އެގައުމުން 250 މިލިއަން ޑޮލަރުގެ އެހީ ރާއްޖެއަށް ވެދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އިންޑިއާއިން ވެކްސިން ފޯރުކޮށްދޭ ފުރަތަމަ ގައުމަކަށް ރާއްޖެވުމަކީ ރާއްޖެއާއި އިންޑިއާއާ ދެގައުމުގެ ހާރިޖީ ސިޔާސަތުގެ ވަރުގަދަކަން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. ވެކްސިން ފޯރުކޮށްދިނުމުގެ އިތުރުން ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށް ގެންދިއުމަށްވެސް އިންޑިއާގެ އެހީތެރިކަން ލިބޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ މުޅި އާބާދީއަށް ޖެހުމަށް ވެކްސިން ހޯދުމަށް އެސްޓްރާޒެކިނާ ސައުތު އީސްޓް ބްރާންޗާއެކުގައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށާއި ވަރަށް އަވަހަށް އެ ވެކްސިންތައްވެސް ރާއްޖެއަށް ލިބޭނެ ކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ގެންނަނީ ވެކްސިންގެ 700،000 ޑޯޒްއެވެ.
"އެބޭފުޅުން އަޅުގަނޑުމެންނަށް ޔަގީންކަން ދީފައިވޭ ވަރަށް އަވަހަށް ރާއްޖެއަށް ވެކްސިން ގެންނާނެ ކަމަށް. މިކަމުގެ ސަބަބަން އަޅުގަނޑުމެންގެ މުޅި އާބާދީއަށް ވެކްސިން ޖެހުމުގެ ފުރުސަތު ލިބިގެންދާނެ. އަދި ދުނިޔެއިންވެސް މުޅި އާބާދީއަށް ވެކްސިން ދިން ފުރަތަމަ ގައުމަކަށް ރާއްޖެ ވުމުގެ ފުރުސަތު އޮންނާނެ،" މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.
އިންޑިއާއިން ހިލޭ ދިން އެއްލައްކަ ޑޯޒްއާއި ރާއްޖެއިން ގަންނަ ހަތް ލައްކަ ޑޯޒްގެ އިތުރުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިސްވެ ފަށާފައިވާ ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖޭގެ އާބާދީގެ 20 އިންސައްތަ މީހުންނަށް ޖެހުމަށް ހިލޭ ވެކްސިން ލިބޭނެއެވެ.
ރާއްޖެއަށް މިއަދު ގެނެސްފައިވަނީ، އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރަޒެނެކާއިން އުފައްދާ "ކޮވިޝީލްޑް" ވެކްސިނެވެ. ކޮވިޑް ވެކްސިން ރާއްޖެ ގެނެސްފައިވާ އިރު، ވެކްސިން ދޭން ފަށާނެ ސީދާ ތާރީހެއް ރަސްމީ އެއްވެސް އިދާރާއަކުން އަދި އިއުލާންކޮށްފައެއް ނުވެއެވެ.