އަމާޒަކީ ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ހިލޭ ވެކްސިން ދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކޮވިޑު ރާއްޖޭން ފެނުނު ފުރަތަމަ ދުވަހުން ފެށިގެން އެބަލިން ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ސިއްހީ މާހިރުންގެ ލަފަޔާއެކު ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ކޮވިޑަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް، ދުނިޔޭގެ އެކި ގައުމުތަކުން ކުރަން ފެށުމާއެކު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ވަރަށް ވެކްސިން ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

"އެކަން ހާސިލުކުރުމަށްޓަކައި، މިއަދާ ހަމައަށް އައި އިރު، ކުރެވުނު މަސައްކަތުން މާތް ﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެންނަށް މިވަނީ ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން ލިބޭނެކަމުގެ ޔަގީންކަން ލިބިފައި. އަޅުގަނޑުމެންގެ އަމާޒަކީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި، ރާއްޖޭގެ ދިރިއުޅޭ އެންމެނަށް، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ހިލޭ ވެކްސިން ދިނުން،" ރައީސް ވިދާޅުވި އެވެ.

މިދިޔަ މަހުގެ ކުރީކޮޅު ރައީސް ވަނީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ހިލޭ ވެކްސިން ފޯރުކޮށްދޭނެކަން އިއުލާން ކުރައްވައިފަ އެވެ.

އިންޑިއާ އިން މިއަދު ރާއްޖެ ގެންނަ ކޮވިޑު ވެކްސިނަކީ އެގައުމުގެ ސީރަމް އިންސްޓްޓިއުޓް އިން އުފައްދާ އޮކްސްފޯޑް – އެސްޓްރެޒެނެކާގެ "ކޮވިޝިލްޑް" ވެކްސިނެވެ.

އެ ވެކްސިންގެ އެއް ލައްކަ ޑޯސް ރާއްޖެއަށް ދޭއިރު، އެ ޝިޕްމަންޓަކީ ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނާއި ސިއްހީ ހިދުމަތްތެރީންނާއި ދޮށީ އުމުރުގެ މީހުން އަދި ދިގު މުއްދަތަކަށް ބަލިތަކަށް ބޭސްކުރާ މީހުންނަށް ގެންނަ ވެކްސިނެވެ.

ރައީސް ވިދާޅުވީ، ކޮވިޑުން ރައްކާތެރިވުމަށް ބޭނުންވާ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެއަށް މިއަދު ލިބުމަކީ ކޮވިޑުގެ ސަބަބުން ކުރިމަތިވި ދަތި އުދަނގޫ 10 ވަރަކަށް މަސް ދުވަހަށްފަހު އެބަލިން ސަލާމަތްވުމުގެ އުންމީދު އާވެގެންދާ ދުވަހެއް ކަމަށެވެ. އަދި އެކަމަށްޓަކައި އިންޑިއާ ސަރުކާރަށާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސް ވަނީ ޝުކުރު އަދާ ކުރައްވައިފަ އެވެ.