ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ވެރިކަމުގައި، ރިޔާސީ ގަނޑުވަރު މުލިއާގެ ކައިރީގައި އައިއީޑީއެއް ބާއްވައި، ގޮއްވާލަން އުޅުނުކަމުގެ ކުށުގައި ހ.މިޓާޒް ތަލްހަތު މުހައްމަދު 17 އަހަރަށް ޖަލަށްލުމަށް ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
ގޮއްވާލުމަށްޓަކައި މުލީއާގޭކައިރީގައި އޮތް ޕިކަޕެއްގެ ފިއުލްޓޭންކު މަތީގައި އައިއީޑީ ބޭއްވި ހާދިސާއަކީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގެރޭ ހިންގާފައިވާ ހާދިސާއެކެވެ.
އެކަމާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރިއެވެ.
އޭގެ ތެރެއިނިް އައިއީޑީ ބޭއްވި މައްސަލައިގައި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ސާބިތުވެގެން 20 އަހަރަށް ޖަލަށްލުމަށް ހއ. ހޯރަފުށީ އާރޯ އަހުމަދު މަމްދޫހުގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމް ކުރިއެވެ.
ދެން ތިބި ތިން މީހުން ކަމުގައިވާ މ. ހީރޯ މުހައްމަދު އުބައިދު އިބްރާހިމާއި ތ. ތިމަަރަފުށި، ވިލާ، ޒިހާން އަހުމަދު އަދި ހ.މިޓާޒް ތަލްހަތު މުހައްމަދުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވިކަމުގެ ކުށް ސާބިތުވެ އެ ތިންމީހުން 17 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރިއެވެ.
ކުރިމިނަލް ކޯޓުން ކުރި އެ ހުކުމް މަމްދޫހުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
އެކަމާ ގުޅިގެން މައްސަލަ ބަލައި ހުސްވި 2019 ވަނަ އަހަރު ހައިކޯޓުން ވަނީ، ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގައި މަމްދޫހު ހިމެނޭ ބައި ބާތިލުކޮށް، މަމްދޫހު މިނިވަންކޮށް ދޫކޮށްލުމަށް ދައުލަތުގެ ކަމާބެހޭ އިދާރާއަށް އަންގައި ހުކުމް ކޮށްފައެވެ.
އެ ހުކުމާ ގުޅިގެން، ތަލްހަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ، މަމްދޫހުގެ މައްސަލައާ އެއްގޮތަށް، ކުރިމިނަލް ކޯޓުން ތަލްހަތުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކޮށްފައިވާ ހުކުމްވެސް ބާތިލްކޮށްދެއްވުމަށެވެ.
ތޮލްހަތުުގެ ފަރާތުން މި މައްްސަލަ ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅުއްވަމުން އޭނާގެ ގާނޫނީ ވަކީލު މަހުފޫޒު ސައީދު ވިދާޅުވީ، އެ މައްސައިގެ އިސްތިއުނާފު ހައިކޯޓުން ބަލައި ނިންމާފައިވާ ނިންމުމުގައި މުޅި މައްސަލައިގެ ތަހުގީގާމެދު ސުވާލު އުފެދިފައިވާކަމަށް ހައިކޯޓުން ފާހަގަ ކޮށްފައިވާކަމަށެވެ. އަދި މަމްދޫހުގެ ހިމެނޭބައި ކުރިމިނަލް ކޯޓުގެ ހުކުމުން އުނިކުރަން ހައިކޯޓުން ނިންމި ސަބަބުތަކުގެ ތެރޭގައި ދައުވާ، އޭގެ މައްޗަށް ބިނާކޮށްފައިވާ ތަހުގީގަކީ ސުވާލު ކުރަން ޖެހޭ ފަރާތްތަކަކާ ސުވާލުކޮށްފައި ނުވާ، އަދި ކޮންމެހެން ކަށަވަރު ކުރަން ޖެހޭ ކަންކަން ކަށަވަރު ނުކޮށް، ހާޒިރު ކުރަން ޖެހޭ ފަރާތްތަކެއް ހާޒިރުނުކޮށް ދޫކޮށްލުމަށްފަހު ކޮށްފައިވާ ހުކުމެއް ކަމަށާއި، އަދި ދައުލަތުގެ އިދާރާއަކުން ހުރާފީ ކަންތަތަކެއްގައި ހިމެނޭ ކަމެއްގައި މަމްދޫހު ބައިވެރިކޮށްފައިވާކަމަށް ފަނޑިޔާރުންނަށް ގަބޫލު ކުވޭކަމަށް ހައިކޯޓުގެ ހުކުމްގައި ފާހަގަކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން މަމްދޫހުގެ މައްޗަށް ކޮށްފައިވާ ހުކުމާއި ތޮލްހަތުގެ މައްޗަށް ކޮށްފައިވާ ހުކުމަކީވެސް އެއް ތަހުގީގެއްގެ މައްޗަށް ކޮށްފައިވާ ހުކުމަކަށް ވާއިރު، މަމްދޫހުގެ މައްޗަށް ނިންމާފައިވާ ގޮތަށް ތޮލްހަތުގެ މައްޗަށް ހައިކޯޓުން ނިންމާފައި ނުވުމަކީ އެ މައްސަލަ ރަނގަޅަށް ބަލާފައި ނުވުން ކަމަށްވެސް މަހުފޫޒު ވިދާޅުވިއެވެ.
ތޮލްހަތުގެ ފަރާތުން ހުށަހެޅި މައްސަލައަށް ދައުލަތުގެ ފަރާތުން ޖަވާބު ދެއްވަމުން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ މުހައްމަދު އާލިމް އަބުދުﷲ ވިދާޅުވީ، މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި ތޮލްހަތު ދަށު ކޯޓުގައި ކުށަށް އިއުތިރާފު ވެފައިވާ ކަމަށެވެ. އަދި ދަށު ކޯޓުގައި އޭނާ ހަމައެކަނި އިންކާރު ކުރީ އެއީ އަސްލު އެއްޗެއްކަމަށް ކޮށްފައިވާ އިންކާރު ކަމަށެވެ. އެއީ ކުޅޭ ކުޅޭ ބޮމެއް ކަމަށް ބުނުމުން، އެކަން ސާބިތު ކުރުމަށް އެކްސްޕާޓް އޮޕީނިއަން ރިޕޯޓާއި ބޮމާގުޅޭ އިތުރު ހެކިތައް ހުށަހަޅާފައިވާކަމަށް ދައުލަތުން ބުންޏެވެ.
އޭގައި އައިއީޑީގައި ހިމެނޭ މުހިއްމު ބައިތައް ހިމެނޭކަމަށް އެ ރިޕޯޓުގައި ހިމަނާފައިވާ ކަމަށްވެސް ދައުލަތުން ބުންޏެވެ. ދައުލަތުން ބުނީ، އެމައްސަލައިން ދިފާއު ވުމަށް ތޮލްހަތު ހެކި ހުށަހަޅާފައި ނުވާއިރު، އެކަން ކުރިކަމަށް އެއްބަސްވެ ޒިހާން އަހުމަދާ ދެމީހުން ބޮން ހަދައި ޕިކަޕްގެ ބެޓެރީމަތީގައި ބާއްވާފައިވާކަމަށް ވެސް އިއުތިރާފު ވެފައިވާކަމަށެވެ.
އެހެންކަމުން މަމްދޫހުގެ މައްސަލައާއި ތޮލްހަތުގެ މައްސަލައިގެ ގަޒިއްޔާއަކީ މުޅިން ތަފާތު ދެ ގަޒިއްޔާކަމަށްވެސް ޕަބްލިކް ޕްރޮސިކިއުޓާ މުހައްމަދު އާލިމް އަބުދުﷲ ވިދާޅުވިއެވެ.
ސުޕްރީމް ކޯޓް