އިންޑިއާގެ އެހީއަކީ ރާއްޖެއިން ކޮރޯނާ ވައިރަސް ނައްތައިލުމުގެ ފެށުން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އިންޑިއާއިން އުފެއްދި ކޮރޯނާ ވައިރަސްގެ އެންމެ ފުރަތަމަ ޝިޕްމަންޓް މިއަދު ރާއްޖެ ގެންނާން ނިންމާފައި ވާތީ އެކަމާ ގުޅިގެން އެމަނިކުފާނު މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ. އެގޮތުން މިއަދު މެންދުރު ފަހު އެއާ އިންޑިއާގެ ބޯޓަކުން އެއްލައްކަ ވެކްސިން ރާއްޖެ ގެނެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
މިކަމާ ގުޅިގެން މަޖިލިސް ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު އެއާ އިންޑިއާގެ ބޯޓަކުން އެސްޓްރެޒެނެކާގެ ކޮވިޑް ޝީލްޑް ވެކްސިންގެ އެއް ލައްކަ ޑޯސް މިއަދު ރާއްޖެ ގެންނާނެ ކަމަށާއި މިއީ އިންޑިއާއިން ރާއްޖެ ހަދިޔާ ކުރާ އެއްޗެއް ކަމަށެވެ.
އިންޑިއާގެ އެހީއަކީ ރާއްޖެއިން ކޮރޯނާ ވައިރަސް ނައްތައިލުމުގެ ފެށުން ކަމަށް ވިދާޅުވެ މަޖިލިސް ރައީސް އިތުރަށް ވިދާޅުވީ މީގެ ކުރިންވެސް ރާއްޖެއަށް ދިމާވި އެކިއެކި ކާރިސާތަކުގައި އިންޑިއާއިން ބޮޑު އެހީތެރިކަމެއް ދީފައިވާ ކަމަށެވެ. އެގޮތުން ނޮވެމްބަރު ތިނެއް 1988ގައި ތަމަޅަ ޓައިގަރުން އަތުން ރާއްޖެ ސަލާމަތް ކުރުމުގައްޔާއި، ސުނާމީ ކާރިސާގައްޔާއި، މާލޭގެ ފެންކުފުނީގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގައި މާލެ ފެނަށް ޖެހުނުއިރުވެސް އިންޑިއާގެ ދީލަތި އެހީ ރާއްޖެއަށް ލިބިފައިވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.
މީގެ އިތުރަށް މަޖިލިސް ރައީސް ވިދާޅުވީ މިފަދަ ކޮންމެ ހާލަތެއްގައި އިންޑިއާއަކީ ރާއްޖެއިން ބަރޯސާވެފައިވާ އެކުވެރި ގައުމުކަމަށާއި އަދި މިފަދަ ކަމެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ގައުމުކަމަށެވެ.
އިންޑިއާގައި އަދި ބޭނުންކުރަމުން އަންނަނީ ދެ ވެކްސިނެކެވެ. އެއީ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރަޒެނެކާއިން އުފައްދާ "ކޮވިޝީލްޑް" ވެކްސިނާއި އިންޑިއާގެ ބާރާތު ބަޔޯޓެކްއިން އުފައްދާ ކޯވެކްސިން އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ވަނީ އިންޑިއާގައި އުފައްދާ ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް އަވަށްޓެރި ގައުމުތަކުން އެދެމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖެ، ބޫޓާން، ބަންގުލަދޭޝް، ނޭޕާލް، މިޔަންމާ އަދި ސީޝެލްސްއަށް މިއަދުން ފެށިގެން ކޮވިޑް ވެކްސިން ފޯރުކޮށްދޭނެ ކަމަށެވެ. އަދި ސްރީލަންކާ އާއި އަފްގާނިސްތާނު އަދި މޮރީޝިއަސްއިން ލިބެންޖެ ހޭ ކްލިއަރެންސްތައް ލިބުމުން އެގައުމުތަކަށް ވެސް ވަރަށް ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ ކޮވިޑް ވެކްސިން ބޭނުންވާ ގައުމުތަކަށް ވެކްސިން ފޯރުކޮށްދެމުންދާނީ ފޭސްތަކަކަށް ބަހާލައިގެން ކަމަށާއި އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ވެކްސިން ފޯރުކޮށްދެމުންދާނެ ކަމަށެވެ. އަދި ވެކްސިން ދިނުމުގެ ޓްރެއިނިންތައްވެސް ހިންގާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު