އޮބްލޫ ސަންގެލި ރިސޯޓުން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 64 އަށް އަދި ބިޔާދޫ އައިލެންޑް ރިސޯޓުން ޕޮޒިޓިވްވީ މީހުންގެ އަދަދު 54އަށް އަރައިފިއެވެ.

ސަންގެލިން އެންމެ ފުރަތަމަ ކޭސްއެއް ފެނިފައިވަނީ މިމަހުގެ ތިންވަނަ ދުވަހުއެވެ. އެއީ އެ ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފެކެވެ. މިއަދު ވެސް ސަންގެލި ރިސޯޓުން ވަނީ ހަތަރު މިހަކު ޕޮޒިޓިވްވެފައެވެ. އެއާއެކު ސަންގެލިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 64 އަށް އަރައިފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ، ބިޔާދޫން މިއަދު އެކަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު އެ ރިސޯޓުން ޕޮޒިޓިވްވީ މީހުންގެ އަދަދު މިވަނީ 54 އަށް އަރައިފައެވެ.

ބިޔާދޫން ފުރަތަމަ ކޭސްއެއް ޕޮޒިޓިވްވީ މިމަހުގެ އެއްވަނަ ދުވަހުއެވެ. އެއީ އެ ރިސޯޓުގެ މުވައްޒަފެކެވެ. ފަހުން އެ ރިސޯޓުން އިތުރު ކޭސްތައް ފެނިފައިވަނީ ފުރަތަމަ ކޭސްއާ ގުޅިގެން ނެގި ސާމްޕަލްތަކުންނެވެ.

ބިޔާދޫން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ އެ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ.

މިމަހުން ފެށިގެން ރިސޯޓުތަކުން ކޮވިޑް ކޭސްތައް ފެންނަ އަދަދު ގިނަކަން ފާހަގަކޮށްލެވެއެވެ. ރިސޯޓުތަކުން މިއަދު ވެސް 17 މީހަކު ޕޮޒިޓިވްވެފައިވާ އިރު، މިމަހުގެ މިހާތަނަށް ރިސޯޓުތަކުން ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު ވަނީ 305 އަށް އަރައިފައެވެ.