ރާއްޖެ، ބޫޓާން، ބަންގުލަދޭޝް، ނޭޕާލް، މިޔަންމާ އަދި ސީޝެލްސްއަށް މާދަމާ ކޮވިޑް ވެކްސިން ފޮނުވަން ފަށާނެ ކަމަށް އިންޑިއާ ސަރުކާރުން ބުނެފިއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ވަނީ އިންޑިއާގައި އުފައްދާ ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް އަވަށްޓެރި ގައުމުތަކުން އެދެމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖެ، ބޫޓާން، ބަންގުލަދޭޝް، ނޭޕާލް، މިޔަންމާ އަދި ސީޝެލްސްއަށް މާދަމާ އިން ފެށިގެން ކޮވިޑް ވެކްސިން ފޯރުކޮށްދޭނެ ކަމަށެވެ. އަދި ސްރީލަންކާ އާއި އަފްގާނިސްތާނު އަދި މޮރީޝިއަސްއިން ލިބެންޖެހޭ ކްލިއަރެންސްތައް ލިބުމުން ވަރަށް އަވަހަށް ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ކޮވިޑް ވެކްސިން ބޭނުންވާ ގައުމުތަކަށް ވެކްސިން ފޯރުކޮށްދެމުންދާނީ ފޭސްތަކަކަށް ބަހާލައިގެން ކަމަށާއި އެގޮތުން ކުރިއަށްއޮތް ދުވަސްތަކުގައި އިތުރު ވެކްސިން ފޯރުކޮށްދެމުންދާނެ ކަމަށެވެ. އަދި ވެކްސިން ދިނުމުގެ ޓްރެއިނިންތައްވެސް ހިންގާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެކުވެރި ގައުމުތަކަށް ކޮވިޑް ވެކްސިން ފޯރުކޮށްދެވުމަކީ ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. މާދަމާ ބައެއް ގައުމުތަކަށް ވެކްސިން ފޯރުކޮށް ދެވިގެންދާނެ ކަމަށާއި އިތުރު ގައުމުތަކަށް ކުރިއަށް އޮތް ދުވަސްތަކުގައި ވެކްސިން ފޯރުކޮށްދެވޭނެ ކަމަށް ވިދާޅުވިއެވެ.
ނަމަވެސް ރާއްޖެއަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ކޮން ވެކްސިނެއް ކަމެއް އިންޑިއާއިން ހާމަކޮށްފައެއް ނުވެއެވެ.
އިންޑިއާގައި އަދި ބޭނުންކުރަމުން އަންނަނީ ދެ ވެކްސިނެކެވެ. އެއީ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރަޒެނެކާއިން އުފައްދާ "ކޮވިޝީލްޑް" ވެކްސިނާއި އިންޑިއާގެ ބާރާތު ބަޔޯޓެކްއިން އުފައްދާ ކޯވެކްސިން އެވެ.
އިންޑިއާގެ "ވިއޮން" ނޫހާއި "އިންޑިއަން ޓައިމްސް"ގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ސީރަމް އިންސްޓްޓިއުޓް އޮފް އިންޑިއާއިން އުފައްދާފައިވާ އޮކްސްފޯޑް - އެސްޓްރެޒެނެކާގެ ކޮވިޑް ޝީލްޑް ވެކްސިން ރާއްޖެ ގެނައުމަށް ހަމަޖައްސާފައިވަނީ ރާއްޖެ ގަޑިން މާދަމާ މެންދުރުފަހު 2:00ގައެވެ.
މި ވެކްސިން ގެނައުމަށް ހަމަޖެހިފައިވަނީ އެއާ އިންޑިއާގެ ފްލައިޓެއްގައި ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.
ރާއްޖޭގައި ކޮވިޑް ވެކްސިން ޖެހުމަށް ރަޖިސްޓަރީވުމަށް މިހާރު ވަނީ ހުޅުވާލައިފައެވެ. ރަޖިސްޓަރީވުމަށް ފުރަތަމަ ހުޅުވާލީ ސިއްހީ ހިދުމަތްތެރީންނަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު