އިންޑިއާ އިން ރާއްޖެއަށް ގެންނަ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ހާއްސަވާނީ ވަކި ހާއްސަ ކެޓަގަރީތަކެއްގެ މީހުންނަށްކަން ކަށަވަރުވެއްޖެއެވެ.

"ވަން"އަށް ކަށަވަރުވެފައިވާ ގޮތުގައި އިންޑިއާ އިން ގެންނަ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓަކީ ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނާއި ސިއްހީ ހިދުމަތްތެރީންނާއި ދޮށީ އުމުރުގެ މީހުން އަދި ދިގު މުއްދަތަކަށް ބަލިތަކަށް ބޭސްކުރާ މީހުންނަށް ގެންނަ ވެކްސިނެވެ.

ރާއްޖެއަށް ގެންނަ ފުރަތަމަ ޝިޕްމަންޓުގައި ހިމެނޭ ވެކްސިން ޑޯޒްގެ އަދަދު ނިސްބަތްވާނީ ވެސް އެ ކެޓަގަރީގެ މީހުންގެ އަދަދަށް ކަން ވެސް އެނގިފައިވެއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ވެކްސިން ދޭނީ ވަކި ކެޓަގަރީތަކެއްގެ މީހުންނަށް ކަމަށް މީގެ ކުރިން ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ވެސް ވަނީ ބުނެފައެވެ.

މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެކްސިން ޖަހައިގެން ކުރިމަތިވާ އަސަރުތައް ދިރާސާކޮށް ބަލާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ އެންމެ ފުރަތަމަ ވެކްސިން ދޭނީ ސިއްހީ ދާއިރާގެ ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނާއި 50 އަހަރުން މަތީގެ މީހުންނަށް ކަމަށާއި ވެކްސިން އެންމެ ފުރަތަމަ ދިނުމުގައި އިސްކަން ދީފައިވާނީ ފުރާނަ ސަލާމަތް ކުރުމަށް ކަމަށެވެ.

އެގޮތުން ފުރަތަމަ ވެކްސިން ދޭ މީހުންގެ ތެރޭގައި ސީދާ އަދި ނުސީދާ ގޮތުގައި ބަލިމީހުންނަށް އެހީތެރިވާ މީހުންނާއި ބަލީގައި ބޮޑުވަރު ވެދާނެ މީހުންނަށް އެހީތެރިވާ މީހުން އަދި ކޮވިޑް ބަލި ޖެހިއްޖެނަމަ ބޮޑުވަރުވެދާނެ މީހުންނަށް އިސްކަންދޭނެ ކަމަށް ވިދާޅުވިއެވެ.

ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، ރާއްޖޭން ބައިވެރިވެފައިވާ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ރާއްޖޭގެ އާބާދީގެ 20 ޕަސެންޓަށް ލިބޭ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ފްރަންޓްލައިން ހެލްތު އެންޑް ސޯޝަލް ކެއާ ވޯކަރުންނާއި ސޯޝަލް ކެއާ ވޯކަރުންނަށާއި ކޮވިޑް ޖެހިއްޖެނަމަ ބޮޑުވަރުވެދާނެ މީހުންނަށް ކަމަށެވެ.

އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދޭ ކޮވިޑް ވެކްސިން މާދަމާ ރާއްޖެ ގެންނާނެ ކަމަށް އިންޑިއާގެ ނޫސްތަކުން މިއަދު ވަނީ ރިޕޯޓުކޮށްފައެވެ. އިންޑިއާގެ "ވިއޮން" ނޫހާއި "އިންޑިއަން ޓައިމްސް"ގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ސީރަމް އިންސްޓްޓިއުޓް އޮފް އިންޑިއާއިން އުފައްދާފައިވާ އޮކްސްފޯޑް - އެސްޓްރެޒެނެކާގެ ކޮވިޑް ޝީލްޑް ވެކްސިން ރާއްޖެ ގެނައުމަށް ހަމަޖައްސާފައިވަނީ ރާއްޖެ ގަޑިން މާދަމާ މެންދުރުފަހު 2:00 ގައެވެ.

މި ވެކްސިން ގެނައުމަށް ހަމަޖެހިފައިވަނީ އެއާ އިންޑިއާގެ ފްލައިޓެއްގައި ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

އެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ވެކްސިންއާ ގުޅުންހުރި ހުރިހާ ހުއްދަތަކެއް ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ ދީފައެވެ. ނަމަވެސް މިކަން ރާއްޖޭގެ އެއްވެސް ރަސްމީ އިދާރާއަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އެކަމާ ގުޅޭގޮތުން އިންޑިއަން ހައި ކޮމިޝަންގެ ޑެޕިއުޓީ ކޮމިޝަނަރު ޝްރީ ރޯހިތު ރަތިޝް "ވަން" އަށް މިއަދު ވިދާޅުވީ އެމަޖެންސީ ހާލަތުގައި ބޭނުންކުރާ ވެކްސިންގެ ޝިޕްމަންޓް ރާއްޖެއަށް ގެނައުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ ޝިޕްމަންޓް ރާއްޖެއަށް ގެންނަން ނިންމާފައިވާ ދުވަހެއް އޭނާ ކަށަވަރުކޮށްދެއްވައިފައެއް ނުވެއެވެ. އަދި ރާއްޖެ ގެންނަނީ ކޮން ވެކްސިނެއް ކަމެއް، ކިހާ އަދަދެއްގެ ޑޯޒްއެއް ކަމެއް ވެސް ކަށަވަރުކޮށްދެއްވައިފައެއް ނުވެއެވެ.

ރޯހިތު މީގެ ކުރިން ވިދާޅުވިގޮތުގައި އެންމެ ލަސްވެގެން ދެ ހަފުތާ ތެރޭގައި ރާއްޖެއަށް ކޮވިޑް ވެކްސިން ފޯރުކޮށްދޭނެއެވެ. ހެލްތު މިނިސްޓަރު އަހުމަދު ނަސީމްވެސް ވަނީ މި މަހުގެ ތެރޭގައި ރާއްޖެއަށް ކޮވިޑްގެ ވެކްސިން ގެނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖެހުމަށް ރަޖިސްޓަރީވުމަށް މިހާރު ވަނީ ހުޅުވާލައިފައެވެ. ރަޖިސްޓަރީވުމަށް ފުރަތަމަ ހުޅުވާލީ ސިއްހީ ހިދުމަތްތެރީންނަށެވެ.