ކޮވިޑް 19އާ ދެކޮޅަށް އިންޑިއާއިން އުފައްދާފައިވާ ވެކްސިން މާދަމާ ރާއްޖެ ގެންނާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

އިންޑިއާގެ "ވިއޮން" ނޫހާއި "އިންޑިއަން ޓައިމްސް"ގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ސީރަމް އިންސްޓްޓިއުޓް އޮފް އިންޑިއާއިން އުފައްދާފައިވާ އޮކްސްފޯޑް - އެސްޓްރެޒެނެކާގެ ކޮވިޑް ޝީލްޑް ވެކްސިން ރާއްޖެ ގެނައުމަށް ހަމަޖައްސާފައިވަނީ ރާއްޖެ ގަޑިން މާދަމާ މެންދުރުފަހު 2:00 ގައެވެ.

މި ވެކްސިން ގެނައުމަށް ހަމަޖެހިފައިވަނީ އެއާ އިންޑިއާގެ ފްލައިޓެއްގައި ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

އެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ވެކްސިންއާ ގުޅުންހުރި ހުރިހާ ހުއްދަތަކެއް ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ ދީފައެވެ. ނަމަވެސް މިކަން ރާއްޖޭގެ އެއްވެސް ރަސްމީ އިދާރާއަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އިންޑިއާއިން އުފެއްދި ކޮވިޑް ވެކްސިން މާދަމާ ރާއްޖެއަށް ގެންނާނެ ކަމަށް އެެގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާއިރު، އިންޑިއަން ހައި ކޮމިޝަންގެ ޑެޕިއުޓީ ކޮމިޝަނަރު ޝްރީ ރޯހިތު ރަތިޝް "ވަން" އަށް މިދިޔަ އާދީއްތަ ދުވަހު ވިދާޅުވި ގޮތުގައި، އެންމެ ލަސްވެގެން ދެ ހަފްތާ ތެރޭގައި ރާއްޖެއަށް ކޮވިޑް ވެކްސިން ފޯރުކޮށްދޭނެއެވެ. ހެލްތު މިނިސްޓަރު އަހުމަދު ނަސީމްވެސް ވަނީ މި މަހުގެ ތެރޭގައި ރާއްޖެއަށް ކޮވިޑްގެ ވެކްސިން ގެނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

މާދަމާ ރާއްޖެއަށް ކޮވިޑް ވެކްސިން ގެންނަ ކަމަށް ރިޕޯޓްކޮށްފައިވާ އިރު، ރާއްޖޭގައި ކޮވިޑް ވެކްސިން ޖެހުމަށް ރަޖިސްޓަރީވުމަށް މިހާރު ވަނީ ހުޅުވާލައިފައެވެ. ރަޖިސްޓަރީވުމަށް ފުރަތަމަ ހުޅުވާލީ ސިއްހީ ހިދުމަތްތެރީންނަށެވެ.