ޚަބަރު

ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް ބާރަށް ކުރިޔަށް

ރިފާ ހަލީލު

ގދ. ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ވަރަށް ހަލުއި ކަމާއެކު ކުރިއަށް އެބަދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފި އެވެ.

ޑިޒައިން އެންޑް ބިލްޑު އުސޫލުން ފަރެސްމާތޮޑާ އެއާޕޯޓްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ، މިދިޔަ ނޮވެމްބަރު މަސް ތެރޭގައި 144.8 މިލިއަން ރުފިޔާ އަށެވެ. އެއީ 600 ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާ ގޮތް އާންމުކުރަމުން އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ޖުމުލަ މަސައްކަތުގެ ފަސް ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ. ރަންވޭ ސަބްގްރޭޑް މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކޮނުމުގެ މަސައްކަތް މިދިޔަ ހޮނިހިރު ދުވަހު ފަށާފައިވާ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

މި މަޝްރޫއުގެ ދަށުން ފަރެސްމާތޮޑާ އެއާޕޯޓްގައި 1.2 ކިލޯ މީޓަރުގެ ރަންވޭއަކާއި ޓާމިނަލް އިމާރާތެއް ހަދައި އެއާޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމްކުރަން ވަނީ ހަވާލުކޮށްފަ އެވެ.

ފަރެސްމާތޮޑާ އެއާޕޯޓަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ބިން ހިއްކުމުގެ މަސައްކަތް ފެށި އެއާޕޯޓެކެވެ. އެގޮތުން އެ އެއާޕޯޓްގެ ބިން ހިއްކުމުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ ގަލްފް ކޮބްލާ ކުންފުންޏާ އެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 2.5 މިލިއަން ޑޮލަރަށެވެ.

ނަމަވެސް ފަހުން އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. އެ ކުންފުނިން އެއާޕޯޓްގެ ބިން ހިއްކައި ނިންމާލާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ. އޭގެ ފަހުން އެ އެއާޕޯޓްގެ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.

މިދިޔަ ސަރުކާރުން ފަރެސްމާތޮޑާ އެއާޕޯޓް ހަދަން ހަވާލުކުރީ މެލޭޝިއާގެ ގްރިފޮން އެނާޖީ ކޯޕަރޭޝަނާއެވެ. އެކުންފުންޏާއެކު ސަރުކާރުން ސޮއިކުރީ މާޗް 7، 2017 ގަ އެވެ. ނަމަވެސް އެ މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަނުޖެހުމުން އެއްބަސްވުން ބާތިލްކުރި އެވެ.