ހަނގުރާމަވެރި ސަރަހައްދެއް ކަމަށް ކަނޑައަޅާފައިވާ ސަރަހައްދެއްގައި އުޅުމަށްފަހު، މިދިޔަ އޮކްޓޯބަރު މަހުގެ ރާއްޖެ އައުމުން ހައްޔަރުކުރި މީހާ ބަންދުން ދޫކޮށްލައިފި އެވެ.

ސީރިއާ ހަނގުރާމައިގައި ބައިވެރިވި ކަމަށް ބުނެ 34 އަހަރުގެ އެމީހާ ހައްޔަރުކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުގެ ރެ އެވެ. ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އެދުވަހު ވިދާޅުވި ގޮތުގައި، ހައްޔަރުކުރި މީހާއަކީ ރާއްޖޭގެ ފޮރިން ޓެރަރިސްޓް ފައިޓާސްގެ ލިސްޓުގައި ވެސް ހިމެނޭ މީހެކެވެ.

ފަހުން އޭނާ ބަންދުކޮށްފައި ބެހެއްޓީ ރާއްޖޭން ބޭރު ގައުމުތަކުގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ފަހު، އެނބުރި ރާއްޖެ އަންނަ މީހުންނާއި އެފަދަ ތަންތަނުން ރާއްޖެ ގެނެވޭ މީހުން ބައިތިއްބަން ކ. ހިންމަފުށީގައި ހަދާފައި ހުންނަ ސެންޓަރުގަ އެވެ. އޭނާއަކީ އެތަނުގައި ބަންދުކުރި ފުރަތަމަ މީހާ އެވެ.

އޭނާގެ މައުލޫމާތު ހޯދަން "ވަން" އިން ވަނީ ތަކުރާރުކޮށް ފުލުހުންނަށާއި ހޯމް މިނިސްޓްރީއަށް ގުޅައިފަ އެވެ.

ފުލުހުން މިއަދު ބުނީ، އެމީހާ އެ ސެންޓަރުގައި ބެހެއްޓުމަށްފަހު މިދިޔަ މަހުގެ ތިން ވަނަ ދުވަހު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އޭނާ ދޫކޮށްލާފައި ހުންނަ ހުރުމުގައި މޮނިކޮން އަމުރުގެ ދަށުން އޭނާގެ ކަންކަން ބަލައި މޮނީޓާ ކުރަމުން ގެންދާނެ ކަމަށް ވިދާޅުވި އެވެ.

މިއީ މިފަހުން މީހެއްގެ މައްޗަށް މޮނިކޮން އަމުރެއް ނެރުނު ފުރަތަމަ ފަހަރެވެ. ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުން، އެގާނޫނުގައި ކަނޑައަޅާފައިވާ ކުށް ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން އެކަށީގެންވާ ތުހުމަތެއްގެ މައްޗަށް ބިނާކޮށް، މުޖުތަމައަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް ހޯމް މިނިސްޓަރަށް ފެންނަ މީހުންގެ މައްޗަށް މޮނިކޮން އަމުރެއް ނެރެދިނުމަށް އެދި ހައި ކޯޓަށް ހުށަހެޅިދާނެ އެވެ.