މާލޭގައި ހަދަމުންދިޔަ އިމާރާތެއްގައި ހުރި ކުނިތަކެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި އޭނާގެ ލޯބިވެރިޔާ ލ.ކަޅައިދޫ، އޯޝަންވިލާ، މުހައްމަދު ނަޖާހު 12 އަހަރަށް ޖަލަށް ލާން ކުރި ހުކުމްގެ އިސްތިއުނާފު އަޑުއެހުންތައް ބުދަދުވަހު ފަށަން ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފިއެވެ.
އެ މައްސަލަ އަންނަ ބުދަދުވަހުގެ 11:00 އަށް ސުޕްރީމް ކޯޓުގައި ވަނީ ތާވަލް ކޮށްފައެވެ.
މީގެ 10 އަހަރުކުރިން 2009 ވަނަ އަހަރުގެ ޑިސެމްބަރު 31 ގައި ގެއްލިގެން ހޯދަމުން ދަނިކޮށް، ހަދަމުންދިޔަ އިމާރާތެއްގައި ކުނިތަކެއްގެ ތެރޭގައި މަރުވެ ކުނިވެފައި އޮއްވައި ޝީރީންގެ ހަށިގަނޑު ފެނިފައިވަނީ 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ދެވަނަ ދުވަހުއެވެ.
އެ މައްސަލައިގައި، ދއުލަތުން ޖަނާހުގެ މައްޗަށް އުފުލާފައި ވަނީ ގަސްތުގައި މީހަކު މަރައިލުމުގެ ދައުވާއެވެ.
ދައުލަތުން ބުނެފައި ވަނީ، ޝީރީން މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ފޮއްޓަކަށް ލައިގެން ޓެކްސީއެއްގައި ގެންގޮސް މާފަންނުގައި އޭރު އިމާރާތްކުރަމުންދިޔަ ގެއެއްކަމުގައިވާ މ. އަންގާގިރީގައި ބަހައްޓާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި ދަށު ކޯޓުން ޖަނާހު ސަލާމަތްވުމުން ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
އެ މައްސަލަ ބެލުމަށްފަހު، ގަސްދަކާ ނުލައި މީހަކު މެރިކަން ޖަނާހުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅާއި 12 އަހަރަށް އޭނާ ޖަލަށްލުމަށް ހައިކޯޓުން ހުކުމް ކުރިއެވެ.
އެ މައްސަލަ ޖަނާހުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، ބުދަ ދުވަހު އެ މައްސަލައިގެ އިސްތިއުނާފު ފަށައިފައިވާ، ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވާނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.
ސުޕްރީމް ކޯޓް