މާލޭގައި ޓެކްސީ ކުރާ ހަމައެކަނި އަންހެން ޑްރައިވަރު، އާމިނަތު ވަހީދާ (އައިންތު)ގެ ކާރަށް ގެއްލުންދިން މައްސަލައިގައި މީހެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ ޑުރަގް ކޯޓު ކުރިމަތީގައި ޕާކުކޮށްފައި އޮއްވައި މިދިޔަ އޮކްޓޯބަރު 27 ވަނަ ދުވަހުގެ ރޭ ދަންވަރު އައިންތުގެ ކާރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުންދީގެން ދައުވާ އުފުލީ ގ. އާފަތިސް/ މުހައްމަދު ހަމްދޫން އަހުމަދުގެ މައްޗަށް ކަމަށެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު އޭނާގެ މައްޗަށް ދައުވާ އުފުލީ މުދަލަށް ގެންލުން ދިނުމުގެ ކުށުގެ ދައުވާއެވެ.

އައިންތުގެ ކާރަށް ގެއްލުން ދިން މައްސަލައިގައި ހަމްދޫންގެ އިތުރުން އިތުރު މީހަކު ވެސް ހައްޔަރުކުރި އެވެ. ނަމަވެސް ހެކި ނެތިގެން އޭނާގެ މައްސަލަ ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.

އައިންތު ޓެކްސީ ކުރަން ފެށީ 2017 ވަނަ އަހަރެވެ. މިއީ އައިންތުގެ ކާރަށް ގެއްލުން ދިން ފަސް ވަނަ ފަހަރެވެ. އައިންތުގެ ކާރަށް އެންމެ ފަހުން ލިބުނު ގެއްލުންތައް މަރާމާތުކޮށްދިނީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ.

އައިންތުގެ ކާރަށް ތަކުރާރުކޮށް ގެއްލުން ދެމުންދާތީ، އެ މައްސަލަ ވަނީ ކުއްލި މައްސަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅައިފަ އެވެ.