އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ކުޅުނު ވާދަވެރި މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މެޗު 0-0ގެ ނަތީޖާއަކުން އެއްވަރު ވެގެން ނިމިފައިވާއިރު، މެޗު ފެނުނީ ފުރުސަތުތައް ގިނަ، ހަމަލާތައްވެސް ގިނަ މެޗެއްގެ ގޮތުގައެވެ. މެޗަށް ނުކުތްއިރު، ތާވަލުގެ އެއްވަނައިގައި ޔުނައިޓެޑް އޮތްއިރު، އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލް އޮތީ ދެވަނައިގައެވެ. މެޗަށްފަހު ޔުނައިޓެޑް، 18 މެޗުން 37 ޕޮއިންޓާއެކު އެއްވަނައިގައި އޮތްއިރު، 18 މެޗުން 34 ޕޮއިންޓާއެކު އޮތް ލިވަޕޫލް ވަނީ ތާވަލުގެ ހަތަރު ވަނައަށް ވެއްޓިފައެވެ.

ދެވަނައިގައި މެންޗެސްޓާ ސިޓީ 17 މެޗުން 35 ޕޮއިންޓާއެކު އޮތްއިރު، ތިންވަނައިގައި މިވަގުތު އޮތީ ލެސްޓާ ސިޓީއެވެ.

މެޗަށް ނުކުތްއިރު އެންމެފަހުން ލީގުގައި ކުޅުނު ތިން މެޗުގައިވެސް އެޓީމަށް ގޯލެއް ޖެހިފައެއް ނުވެއެވެ. ތިން މެޗުން ދެ މެޗު 0-0 އިން އެއްވަރު ވެގެން ނިމިފައިވާއިރު، ލިވަޕޫލުން ސައުތުހޭމްޓަންއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-0 އިން ބަލިވެގެންނެވެ.

ރޭގެ މެޗަށް ލިވަޕޫލުން ނުކުތީ ސެންޓަ ޑިފެންޑަރުންގެ ގޮތުގައި ޖޯޑަން ހެންޑަސަން އާއި ފަބީނިއޯ ލައިގެންނެވެ. އާންމުކޮށް އެ ދެކުޅުންތެރިންނަކީވެސް މެދުތެރެއަށް ކުޅޭ ދެ ކުޅުންތެރިންނެވެ. އެ ދެކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް މެޗުގައި ފެނިގެން ދިޔަ ނަމަވެސް، މުޅި މެޗަށް ބަލާއިރު، ޔުނައިޓެޑް ފެނުނީ ލިވަޕޫލަށްވުރެ ނުރައްކާ ކޮށެވެ.

ފުރަތަމަ ހާފުގެ ކުރީކޮޅުން ފެށިގެން ލިވަޕޫލުން އެ ހާފުގައި މެޗު ކޮންޓްރޯލްކޮށް، ރަނގަޅު ހަމަލާތަކެއް އުފެއްދިއެވެ. ރޮބާޓް ފިރްމީނޯއާއި ސަޑިއޯ މާނޭއަށް ލިބުނު ފަހި ފުރުސަތުތައް ބޭކާރު ވެގެން ގޮސްފައިވާއިރު، ފުރަތަމަ ހާފްގައި ޔުނައިޓެޑްގެ އެންމެ ނުރައްކާތެރި ހަމަލާއަކަށް ފެނުނީ ބުރޫނޯ ފެނާންޑޭޒްގެ ހިލޭ ޖެހުމެކެވެ. އޭނާ ފޮނުވާލި ބާރު ހިލޭ ޖެހުން ބޭރަށް ދިޔައީ ދަނޑި ކައިރިންނެވެ.

ދެވަނަ ހާފުގައި ޔުނައިޓެޑްގެ ހަމަލާތައް ގިނައިން ފެނިފައިވެއެވެ. ޕައުލް ޕޮގްބާއާއި ފެނާންޑޭޒްގެ ދެ ހަމަލާއެއް ހުޝިޔާރުކަމާއެކު ލިވަޕޫލްގެ ބްރެޒިލް ގޯލްކީޕަރު އެލިސަން ބެކާ ދިފާއުކުރިއިރު، މެޗުން ލިވަޕޫލަށް ޕޮއިންޓެއް ހޯދައިދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރީ ބެކާއެވެ. އަނެއް ކޮޅުން ލިވަޕޫލުން ގޯލެއް ޖެހޭތޯ ގިނަ މަސައްކަތްތަކެއް ކޮށް، ފުރުސަތުތައް ތަނަވަސް ވެސް ކުރިއެވެ. ޔުނައިޓެޑުން ވަރަށް ބޮޑަށް ފަހަތަށް ޖެހި ޑިފެންސް ކުރުމުގެ ސަބަބުން ގިނަ ހަމަލާތައް ފެނުނީ ޑިފެންސްގެ އަތް ދަށަށް ގޮސްގެން، ނޫނީ ބްލޮކް ވެގެން ބޭކާރުވި ތަނެވެ.

މެޗަށްފަހު ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޮލްސްޖާ ބުނެފައި ވަނީ ލިވަޕޫލް ބަލިކުރުމަށް ޔުނައިޓެޑަށް ފުރުސަތު ލިބުނު ކަމަށާއި، އެޓީމު ބަލިނުކުރެވުމުން މާޔޫސްވި ކަމަށެވެ. ގާތްގަނޑަކަށް މިދިޔަ ހަތަރު އަހަރުވެސް ލިވަޕޫލުން އަމިއްލަ ދަނޑުގައި ލީގު މެޗަކުން ބަލިވެފައިނުވާއިރު، މިއީ އެޓީމަށް އެންމެ ނުރައްކާތެރިވި އެއް މެޗެވެ. މިފަދަ މެޗެއްގައި ލިވަޕޫލުން ކުރި ހިތްވަރަށް ޔާގަން ކްލޮޕް ވަނީ ތައުރީފު ކޮށްފައެވެ.