ކޮވިޑްގެ ހާލަތު ބޮޑުތަކުން ގޯސްވެފައިވާ ޔޫކޭއިން ވަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ފަށާފައެވެ.

ކޮވިޑުން ސަލާމަތްވުމުގެ އެންމެ ވަރުގަދަ ފިޔަވަޅެއްގެ ގޮތުން ޔޫކޭއިން ފަށާފައިވާ ވެކްސިން ޕްރޮގްރާމްގައި މިހާތަނަށް 3.5 މިލިއަން މީހުންނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ދީފައެވެ.

އިނގިރޭސި ސަރުކާރުން އާންމު ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އެގައުމުގެ 3،559،179 މީހުންނަށް ފުރަތަމަ ޑޯޒް ދީފައިވާއިރު ދެވަނަ ޑޯޒް 447،261 މީހުންނަށް ވަނީ ދީފައެވެ.

ޔޫކޭގެ އޮފިޝަލުން ވަނީ އެގައުމުގެ 80 އަހަރުން މަތީ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަށް ކޮވިޑް ވެކްސިން ދީފައިވާކަމަށް ބުނެފައެެވެ.

ޔޫކޭގެ ނެޝަނަލް ހެލްތު ސާވިސްގެ އިސްވެރިޔާ ވަނީ ވެކްސިން ޖެހުމުގެ މަސައްކަތް ހަލުވި ކުރުމުގެ ގޮތުން 24 ގަޑިއިރު ނުހުއްޓައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ކުރިޔަށް ގެންދަން ނިންމައިފައިވާ ކަމަށް ވިދާޅުވެފައެވެ.

މިހާރުވެސް ޔޫކޭގައި މިނެޓަކު 140 ޑޯޒްގެ ވެކްސިން އެގައުމުގެ އެކި ސަރަހައްދުތަކުގައި ދެމުން ދެއެވެ.

ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ކޮވިޑްގެ ހާލަތު އެންމެ ގޯސްވެފައިވަނީ ޔޫކޭގައެވެ. އެގައުމުން ވަނީ ކޮވިޑް ޖެހިގެން މިހާތަނަށް 81،800 މީހުން މަރުވެފައެވެ.