ގއ. ދެއްވަދޫ ކްލަސްޓާއާ ގުޅިގެން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު 69 އަށް އަރައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ދެއްވަދޫ ކްލަސްޓާއާ ގުޅިގެން މިހާތަނަށް ތިން ރަށެއް މޮނީޓަރިންނަށް ލާފައިވާ ކަމަށެވެ. އެއީ ދެއްވަދޫއާއި ގއ. ދާންދޫގެ އިތުރުން ގއ. ވިލިނގިއްޔެވެ.

"މިހާތަނަށް ޖުމްލަ 69 މީހަކު މިވަނީ މި ކްލަސްޓާއާ ގުޅިގެން ޕޮޒިޓިވްވެފައި،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ދެއްވަދޫ ކްލަސްޓާއާ ގުޅިގެން އެ ރަށުން 59 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެ ކްލަސްޓާއާ ގުޅިގެން ލ. ފޮނަދޫއިން ހަތަރު މީހަކު ހުޅުމާލެއިން ދެ މީހަކު، ދާންދޫއިން ހަ މީހުން އަދި ވިލިނގިލިން ދެ މީހަކު ޕޮޒިޓިވްވެފައިވެއެވެ.

ދެއްވަދޫ ކްލަސްޓާއާ ގުޅިގެން 255 އަށްވުރެ ގިނަ މީހުން ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށް އެޗްއީއޯސީން މީގެ ކުރިން ބުނެފައިވެއެވެ.

ދެއްވަދޫން ފުރަތަމަ ޕޮޒިޓިވް ކޭސްއެއް ފެނުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ.

ދެއްވަދުއަށް ބަލި ފެތުރުނު ގޮތް ހޯދުމަށް އެޗްޕީއޭއިން ތަހުގީގެއް ފަށާފައިވާ އިރު، މިހާތަނަށް އެރަށަށް ބަލި ފެތުރުނު ގޮތެއް ހޯދިފައެއް ނުވެއެވެ. ނަމަވެސް ގއ. ދެއްވަދޫގައި ކުރީއްސުރެ ވެސް ދިޔައީ ބަލި ފެތުރެމުން ކަމަށް ބެލެވޭ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވަނީ ވިދާޅުވެފައެވެ.