ނުކުޅެދުންތެރިކަން ހުންނަ އެ މީހާ ފުރޮޅުލީ ގޮނޑީގައި މަޑުކޮށްލައިގެން އިނީ އޭނާގެ ސައިކަލް ކައިރީގަ އެވެ. އޭނާގެ އެ ސައިކަލް ޕާކް ކޮށްފައި ހުރީ ނުކުޅެދުންތެރިކަން ހުންނަ މީހުން ދުއްވާ އުޅަނދަށް ހާއްސަ ކޮށްފައިވާ ޕާކިން ޒޯންގަ އެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްފައިވާ އެ ސައިކަލް އެ ހާއްސަ ޒޯންގައި ޕާކް ކޮށްފައި ހުއްޓަސް އެ ނެގޭނެ ގޮތެއް ނެތިފައި އެތައް އިރަކު އެ މީހާ ހުންނަން ޖެހުނެވެ.

ފުރޮޅުލީ ގޮނޑިން ސައިކަލަށް އެރުނު ނަމަވެސް އެ ސައިކަލު އެ ޕާކިން ޒޯނުން ނެރުމަށް ހުރަސް އެޅިފައި ވަނީ އެހެން ދެ ސައިކަލެއް އެ ޒޯންގައި ގަވައިދާ ހިލާފަށް ޕާކްކޮށްފައި ހުރުމުންނެވެ. ވޭވް ސައިކަލަކާއި މޫވް ސައިކަލެއް އެ ޒޯންގައި ބަހައްޓާފައި ހުރި ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހާގެ ސައިކަލް އެތަނުން ނެރެން ވަނީ ހުރަސް އެޅިފަ އެވެ. ފުރޮޅުލީ ގޮނޑިން އަމިއްލައަށް ސައިކަލަށް އެރުމަށް ފަހު ސައިކަލް އެތަނުން ނެރެވޭނެ ގޮތެއް ނެތިގެން އިންނަން ޖެހުމަކީ އެފަދަ ޒޯނެއްގެ މަގުސަދު ހާސިލު ނުވާ ކަމެކެވެ.

ނުކުޅެދުންތެރިކަން ހުންނަ އެ މީހާ ސައިކަލަށް ނޭރި ފުރޮޅުލީ ގޮނޑީގައި ސައިކަލް ކައިރީގައި މަޑުކޮށްގެން ހުރި ފޮޓޯ ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނައިރު ގިނަ ބަޔަކު އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ފުލުހުން ސައިކަލްތައް ޓޯ ކުރަން ޖެހެނީ މި ސަބަބުތަކާ ހުރެ ކަމަށް އެއްބަޔަކު އަންނަނީ ބުނަމުންނެވެ. އަދި މިއީ ފަރުދީ ޒިންމާ ނުނެގުމުގެ ސަބަބުން ދިމާވާ ކަންކަން ކަމަށް ވެސް އަންނަނީ ބުނަމުންނެވެ.

"ތިބޭފުޅުން އެހެން މީހުންނާ މެދު ވިސްނާނީ ކޮނދުވަހަކުން ތޯ! މިހެން ނަހައްދަވާ،" އެ ފޮޓޯ ޓުވީޓް ކޮށް މަޝްހޫރު ލަވަކިޔުންތެރިޔާ، އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ) ޓުވީޓް ކޮށްފައިވެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ކޮށްފައިވާ ޒޯންތަކުގައި ގަވައިދާ ހިލާފަށް ޕާކް ކުރާ ވެހިކަލްތައް ފުލުހުން ޓޯ ކުރުމަށް ވެސް ސޯޝަލް މީޑިއާގައި އަންނަނީ ގޮވާލަމުންނެވެ. އެފަދަ ގޮތަށް އަމަލު ކުރާ މީހުންގެ ވެހިކަލްތައް ޓޯ ކޮށްގެން ނޫނީ އެފަދަ އަމަލުތައް ނުހުއްޓޭނެ ކަމަށް ވެސް އެމީހުން އަންނަނީ ބުނަމުންނެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން މާލޭގެ އެކި ހިސާބުތަކުގައި ޕާކިން ޒޯންތަކެއް ހަދަން ފެށީ 2017 ވަނަ އަހަރުން ފެށިގެންނެވެ. އޭގެ ފަހުން އެފަދަ އެތައް ޒޯނެއް މާލޭގެ އެކި ހިސާބުތަކުގައި ހާއްސަ ކޮށްފައި އެބަހުއްޓެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުން ދުއްވާ އުޅަނދުތަކަށް ހާއްސަ ކޮށްފައިވާ ޒޯންތަކެވެ. ނަމަވެސް އެތަންތަނުން އެފަދަ މީހުންނަށް ފުރުސަތު ނުލިބުމަކީ އާއްމު ކަމެކެވެ. ކުޅެދޭ މީހުން އެމީހުންގެ ގަދަފަދަ ކަމުގައި ނުކުޅެދޭ މީހުންނަށް ހާއްސަކޮށްފައި ހުންނަ ކުޑަކުޑަ ތަންކޮޅަށްވެސް ވެރިވެގަންނަނީ އެވެ.