ކޮވިޑް ވެކްސިންގެ އެންމެ ބޮޑު ޕްރޮގްރާމް އިންޑިއާގެ އެކި ސިޓީ ތަކުގައި މިއަދު ފަށާނެއެވެ.
ކޮވިޑާ ދެކޮޅަށް އިންޑިއާގައި އުފައްދާފައިވާ ވެކްސިން އެގައުމުގެ ރައްޔިތުންނަށް ދިނުމަށް ފަށާ ޕްރޮގްރާމްގައި މިއަހަރުގެ އޮގަސްޓުގެ ކުރިން 300 މިލިއަން މީހުންނަށް ވެކްސިން ދިނުމަށް އަމާޒު ހިފާފައިވެއެވެ.
އާބާދީގެ 1.3 ބިލިއަން މީހުން ކޮވިޑުން ރައްކާތެރިކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި ވެކްސިން ޖެހުމަށް އެތައް މިލިއަން ޑޯޒްގެ ވެކްސިން އިންޑިއާގެ އެކި ސަރަހައްދުތަކަށް ފޮނުވައި ވެކްސިން ދިނުމަށް ވަނީ ތައްޔާރުވެފައެވެ.
އިންޑިއާގެ ކަމާބެހޭފަރާތްތަކުން ހުއްދަ ދީފައިވަނީ އެގައުމުގައި އުފައްދާފައިވާ ކޮވިޝީލްޑްގެ އިތުރުން ކޮވެކްސިން ބޭނުން ކުރުމަށެވެ.
އިންޑިއާއިން ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެގައުމުގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ 50 މިލިއަން މީހުންނަށެވެ. އެއަށްފަހު ފުލުހުންނާއި ސިފައިންގެ އިތުރުން ފްރަންޓްލައިން ގައި މަސައްކަތް ކުރާ ފަރާތްތަކަށް ވެކްސިން ދިނުމަށް ހަމަޖެހިފައި ވެއެވެ.
އިންޑިއާއިން ވެކްސިން ދިނުމުގެ މަސައްކަތް ފެށުމަށް ތައްޔާރު ވެފައިވާއިރު އެގައުމުން އުފައްދާފައިވާ ކޮވެކްސިން އާ މެދު ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކޮވެކްސިން ބޭނުން ކުރުމުގެ ހުއްދަ އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ދީފައިވީ ނަމަވެސް، ވެކްސިންގެ ޓެސްޓު ތަކުގެ ހުރިހާ މަރުހަލާތަކެއް އަދި ނުނިމެއެވެ. އެގޮތުން ވެކްސިންގެ ތިންވަނަ ފޭސްގެ ޓެސްޓުތައް ފަށާފައިވާއިރު ވެކްސިން މަސައްކަތް ކުރާ ނިސްބަތް ހޯދައި ރިޕޯޓު ނެރެވޭވަރު ވާނީ އަންނަ މަހުގައި ކަމަށް ވެކްސިން ކުންފުނިން ބުނެފައި ވެއެވެ.
އިންޑިއާއިން ދެވަނަ އަށް ހުއްދަ ދީފައިވަނީ އެގައުމުގައި އުފައްދާފައިވާ ވެކްސިން ކޮވިޝީލްޑް އެވެ. ކޮވިޝީލްޑް އަކީ އޮކްސްފޯޑް ޔުނިވާސިޓީ އިން އުފައްދާފައިވާ އެސްޓްރާޒެނެކާ ވެކްސިން އަށް އިންޑިއާއިން ދީފައިވާ ނަމެވެ. ކޮވިޝީލްޑްގެ ރައްކާތެރިކަން އޮކްސްފޯޑުން ވަނީ ކަށަވަރު ކޮށްދީފައެވެ.
ކޮވިޑް ވެކްސިން ދޭއިރު ކޮންމެ މީހެއްގެ ގަޔަށް ދެ ޑޯޒް ވެކްސިން ދޭނެއެވެ. ފުރަތަމަ ޑޯޒް އާއި ދެވަނަ ޑޯޒް އާއި ދެމެދު 28 ދުވަހުގެ މުއްދަތެއް ހަމަކުރަން ޖެހޭއިރު، ވެކްސިން މަސައްކަތް ކުރަން ފަށާނީ ދެވަނަ ޑޯޒް ޖެހުމުން ކަމަށް މާހިރުން ބުނެއެވެ. ހަށިގަނޑަށް ވެކްސިން ޖެހުމަށްފަހު ވެކްސިން ފުރިހަމައަށް މަސައްކަތް ކުރަން ފަށާނީ ދެވަނަ ޑޯޒް ޖަހާތާ 14 ދުވަސް ފަހުންނެވެ.
އިންޑިއާގައި މިއަދު ކޮވިޑް ވެކްސިން ދޭން ފަށާއިރު އެގައުމު ވެފައިވަނީ ދުނިޔެއިން އެންމެ ހަލުވި ކަމާއެކު ކޮވިޑް ޖެހޭ ދެވަނަ ގައުމުކަމުގައެވެ. އިންޑިއާއިން މިހާތަނަށް 10.5 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާކަމަށް ރެކޯޑް ކޮށްފައިވެއެވެ. އަދި 152،000 މީހުން ބަލީގައި މަރުވެފައިވާކަމަށް ރެކޯޑް ތަކުން ދައްކައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ