މެންޗެސްޓާ ޔުނައިޓެޑްގެ އެންމެ ކާމިޔާބު ކޯޗު، ސާ އެލެކްސް ފާގަސަން ކުޅޭ ގޮތަށް "މައިންޑް ގޭމް" ކުޅެން ނޭނގޭ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނަ އަދި ދެވަނައިގައި ޔުނައިޓެޑާއި ލިވަޕޫލް ވާދަވެރިކޮށް އޮތްއިރު، މިވަގުތު ތިން ޕޮއިންޓްގެ ލީޑަކާއެކު އެއްވަނައިގައި އޮތީ ޔުނައިޓެޑެވެ. އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި ޔުނައިޓެޑްގެ ކުރިމަތިލުމަށް މިރޭ ނުކުންނައިރު، ދެ ކޯޗުންނާއި ބައެއް ކުޅުންތެރިންނާ ދެމެދު ވަނީ ބަހުގެ ހަމަލާތައް ވަރުގަދަ ވެފައެވެ.
ކްލޮޕްގެ އެންމެ ބޮޑު އެއް ޝަކުވާއެއް ގޮތުގައި ފަހަކަށް އައިސް ފާހަގަ ކޮށްލެވެނީ ޔުނައިޓެޑަށް ޕެނެލްޓީ ދޭކަމަށް ކުރި ޝަކުވާއެވެ. ސައުތުހެމްޓަންއާ ދެކޮޅަށް ކުޅެ ބަލިވި މެޗަށްފަހު ކްލޮޕް ބުނެފައި ވަނީ މިދިޔަ ފަސް އަހަރު ކްލޮޕް ކޯޗުކަމުގައި ހުރި ލިވަޕޫލަށް ޕެނެލްޓީ ނުލިބޭ ވަރަށް މިދިޔަ ދެ އަހަރު ތެރޭގައި ޔުނައިޓެޑަށް ޕެނެލްޓީ ލިބިފައިވާ ކަމަށެވެ. ޔުނައިޓެޑްގެ ކޯޗުކަމާ އޮލެ ގުނަ ސޮލްސްޖާ ހަވާލުވިފަހުން މިވީ ދެ ސީޒަންގައި 20 ޕެނެލްޓީ ޔުނައިޓެޑް ލިބިފައިވާއިރު، އެއީ ލިވަޕޫލަށްވުރެ ދެގުނަ ގިނަ އަދަދެކެވެ.
ކްލޮޕްގެ އެ ވާހަކައަށް ކުރީގެ ތަޖުރިބާކާރު ރެފްރީ މާކް ކްލެޓެންބާގު ފާޑު ކިޔާފައިވާއިރު، އެކަމާ ގުޅިގެން ކްލޮޕް ބުނެފައި ވަނީ އޭނާއަކީ ފާގަސަން ނޫން ކަމަށާއި، ރެފްރީގެ ވާހަކައެކޭ ކިޔައިގެން މައިންޑް ގޭމް ކުޅެން ނޭނގޭނެ ކަމަށެވެ.
"ކްލަޓަންބާގް އެހެން ކިޔައިގެން އަހަރެން ހައިރާނެއް ނުވޭ. އެކަމަކު އަހަންނަކީ ފާގަސަން އެއް ނޫން. ކްލަޓަންބާގެ ކަހަލަ މީހުން ވާހަކަ ދެއްކުމުން އެއީ އަހަންނަށްވުރެ ބޮޑަށް އެމީހުންނަށް ސަމާލުކަން ލިބޭނެ ކަމެއް. އަހަންނަކަށް އޭގެ ތެރެއަށް އެރި މައިންޑް ގޭމް ކުޅޭކަށް ނޭނގޭނެ. އަހަންނަށް ނުވާނެ ކަމެއް އެއީ. ފާގަސަން ނޫންވެސް ވީމަ،" ކްލޮޕް ބުނެފައިވެއެވެ.
ރަނގަޅު ފޯމެއް ދަމަހައްޓަމުން އަންނަ ސޮލްސްޖާ ބުނެފައި ވަނީ ޖަނަވަރީ މަހު ލީގުގެ އެއްވަނައިގައި އޮވެގެން ލިބޭނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށާއި، އެހެން ނަމަވެސް މިވަގުތު ޓީމުގައި އޮތް ކޮންފިޑެންސަށް ބަލައި، ލިވަޕޫލް މެޗަކީ ވަރުގަދަ ޓެސްޓެއް ކަމަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު