ގއ. ވިލިނގިއްޔާއި ދެއްވަދޫ އަދި ދާންދޫ އިން އިތުރު ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ގއ. އަތޮޅު ކައުންސިލް ރައީސް އަހުމަދު ފުއާދު މިއަދު "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ވިލިނގިލިން މީގެ ކުރިން ޕޮޒިޓިވް ކުއްޖާ އާއެކު އެއް ކުލާހެއްގައި ކިޔަވަމުން އަންނަ އިތުރު ކުއްޖަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި ދާންދޫ އިން ޕޮޒިޓިވް ވެފައިވަނީ ވެސް މި ކުއްޖާ އާއި ކޮންޓެކްޓްވި މީހެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރަށް ދެއްވަދޫން މި ބައްޔަށް އިތުރު އަށް މީހަކު ޕޮޒިޓިވް ވެ އެ ރަށުން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 60 އަށް އަރާފަ އެވެ. މީގެ ތެރޭގައި ގިނައީ ހައި ރިސްކު މީހުންނެވެ.
ވިލިނގިލިން މިހާތަނަށް ކޮވިޑް-19 ޖެހިފައިވަނީ ދެ މީހަކަށެވެ. ނަމަވެސް ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާތީ މި އަދަދު އިތުރު ވުމަކީވެސް އެކަށިގެންވާ ކަމެކެވެ. ދާންދޫ އިން މިހާތަނަށް ތިން މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. މި ދެރަށްވެސް މޮނިޓަރިން ހާލަތަށް ގެނެސް ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ފަރާތްތައް ވަނީ ކަރަންޓީނު ކޮށްފަ އެވެ.
ދެއްވަދޫ އަށްވެސް އަރައި ފޭބުން މަނާކޮށްފައިވާއިރު މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުން ފެށިގެން އެރަށަށް ދަތުރު ކުރި މީހުން އެކަން އެޗްޕީއޭ އަންގަން ވަނީ އެދިފަ އެވެ. އަދި މިކޭސްތަކާ ގުޅިގެން އެ އަތޮޅުގެ ބައެއް ރަށްތަކުން ރެންޑަމް ސާމްޕަލް ނެގުމަށް ނިންމާފައިވަނިކޮށް ދެއްވަދޫން ދާންދޫ އަށް ދިޔަ ބަޔަކާ ކޮންޓެކްޓްވި ދާންދޫ ކުއްޖަކު ވިލިނގިލީގައި ހުއްޓާ ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.
އެޗްއީއޯސީން ބުނީ ގއ. ގެ ތިން ރަށަކުން ކޮވިޑް-19 އިގެ ބަލި މީހުން ފެނުމާ ގުޅިގެން ދާންދޫ އާއި ކަނޑުހުޅުދޫ އާއި މާމެންދޫ އާއި ގެމަނަފުށްޓާއި ކޮލަމާފުށިން ރެންޑަމް ސާމްޕަލް ނަގަން ފަށާފައިވާ ކަމަށެވެ. އެކަން ކުރަނީ އެ ރަށްރަށުގައި ބަލި ނެތްކަން ޔަގީން ކުރުމަށެވެ. ނަމަވެސް ކޮންމެ ރަށަކުން ނަގަނީ ކިތައް ސާމްޕަލް ކަމެއް ނުބުނެ އެވެ.
ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ގއ. ގައި ދަތުރު ކުރާ ފެރީ، "ކޮއިމަލާ-4" އިން މި މަހުގެ 9 ވަނަ ދުވަހު ދަތުރުކުރި މީހުން ކަރަންޓީނު ވާން ވެސް ވަނީ އަންގާފަ އެވެ.
ދެއްވަދޫ ކްލަސްޓާ އާ ގުޅިގެން ލ. ފޮނަދޫ އާއި އެރަށާ އެއްފަސްކޮށް އޮންނަ ގަން ވެސް މޮނިޓަރިން ހާލަތަށް ގެނައެވެ. ނަމަވެސް ހަފްތާއެއްފަހުން އިއްޔެ އެ ދެރަށް ވަނީ އާންމު ހާލަތަށް ގެނެސްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު