ދިވެހިރާއްޖޭގެ ތާރީޚު

ހުރަވީ ދުވަސް... ދިވެހީންގެ ހަގީގީ މިނިވަން ދުވަސް

މުހައްމަދު ނާޖިހު

އެއްވެސް ޝައްކެއްނެތެވެ. ދިވެހީންނަށް މީލާދީން 1965 ފަސްވަނަ އަހަރުގެ ޖުލައިން 26 އިން ފެށިގެން ފާހަގަކުރަމުން މިއަންނަ ދުވަހަކީ ދިވެހީންގެ ފަޚުރުވެރި މިނިވަން ދުވަހެވެ. އެކަމާ ދެބަސްވުމެއް ނެތެވެ. އެއީ ދިވެހިރާއްޖެ ޚާރިޖީގޮތުން އަމިއްލަ މިނިވަންކަން ލިބިގެންވާ، މުސްތަގިއްލު ގައުމެއްގެ ގޮތުގައި ދުނިޔެއަށް ފާޅުވީ ދުވަހެވެ. މީލާދީން 1887 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 16 ވަނަ ދުވަހުން ފެށިގެން 77 އަހަރުވާންދެން އިނގިރޭސީންގެ "ހިމާޔަތުގެ" ދަށުގައި ޚާރިޖީ މިނިވަންކަމެއް ނެތި އޮތުމަށްފަހު މިނިވަންވީ ދުވަހެވެ.

އާދެ، ހުރަވީ ދުވަހަކީ ދިވެހީންގެ ޚާރިޖީ މިނިވަންކަމާއެކު ދާޚިލީ މިނިވަންކަންވެސް ގެއްލި އޮތުމަށްފަހު އެމިނިވަންކަން ދިވެހީންނަށް ލިބުނު ދުވަހެވެ. ދިވެހިރާއްޖޭގައި ބޭރު ގައުމެއްގެ ރަސްކަލެއްގެ ނަންފުޅުގައި ތާނިޔާކިޔައި އެރަސްގެފާނުންގެ ސިއްކަ ހިންގަމުން އަންނަނިކޮށް އެކަމުން މިންޖުވެ މިނިވަންކަން ލިބުނު ދުވަހެވެ. ހުރަވީ ދުވަހަކީ ދިވެހީންގެ ހަގީގީ މިނިވަން ދުވަހޭ އަޅުގަނޑު މި ދެންނެވީ އެ ސަބަބާ ހުރެއެވެ. އަދި އޭގެ އިތުރުން އެހެން އަޅުގަނޑު ދަންނަވާ އެހެން ސަބަބެއްވެސް އެބައޮތެވެ. އިރާދަކުރެއްވިޔާ އެ ސަބަބުވެސް މަޒުމޫނުގެ ތެރޭގައި ބަޔާންވެގެންދާނެއެވެ.

އަޅުގަނޑު މިދެންނެވި ބޭރުގެ ރަސްގެފާނަކީ ކަންނަންނޫރު އަލީރާޖާއެވެ. އަލީރާޖާއަކީ އެވަގުތަކުގެ ކަންނަންނޫރުގެ ތަޚުތުގައި އިންނަވާ ބޭފުޅަކަށް ދެވޭ ލަގަބެކެވެ. އަލީރާޖާއިންގެ އަރައްކަލް ދަރިކޮޅަކީ އިންޑިޔާ ބައްރުގެ ދެކުނުކޮޅުގައި ހުރި ރަސްދަރިކޮޅުތަކުގެ ތެރެއިން ހަމައެކަނި މުސްލިމު ރަސްދަރިކޮޅެވެ. މި ދަރިކޮޅުގެ ރަސްކަމުގެ ބާރު ހިނގީ ކަންނަންނޫރަށާއި ދީވަންދުރޯގެ ރަށްތަކުގެ ތެރެއިން އެންމެ ދެކުނަށް ހުރި ރަށްތަކަށާއި މަލިކަށެވެ. ދީވަންދުރޯގެ ރަށްތަކާއި މަލިކަކީ މިހާރު އިންޑިއާގެ ލަކްޝަދީބޭ ކިޔާ ޔޫނިއަން ޓެރިޓަރީގެ ރަށްތަކެކެވެ. މީގެ އިތުރުން ތާރީޚުގެ އެކި ދުވަސްވަރު މުޅި ދިވެހިރާއްޖެ އެމީހުންގެ ބާރުގެ ދަށަށް ގެނެވޭތޯ ދިވެހިރާއްޖެޔާ ތަފާތު ހަނގުރާމަތަކެއް ކޮށްފައިވެއެވެ.

ކަންނަންނޫރު އަލީރާޖާއިން ބޭނުންވީ މަލާބާރުގެ އައްސޭރިފަށާއި އެސަރަހައްދުގައި ހުރި ޖަޒީރާތަކުގެ މައްޗަށް ބާރުފޯރުވައި އެސަރަހައްދުގެ ވިޔަފާރީގެ ކޮންޓްރޯލެވެ. ސަރަހައްދުން އަލީރާޖާއިންނަށް އަރައި ހަމަލާދޭން އެންމެ ދަތިވެފައި އޮތީ ތަންކޮޅެއް ފޭގައި އޮތް ދިވެހިރާއްޖެއަށެވެ. އެހެންކަމުން އެބައިމީހުން އަބަދުވެސް ތިބީ ދިވެހިރާއްޖެއަށް އެބައިމީހުންގެ ނުފޫޒު ފޯރުވޭނެ ފަދަ ފުރުސަތަކަށް ބަލަބަލައެވެ.

ކަންނަންނޫރު އަލީރާޖާއާ ދިވެހީންނާ އެންމެ ފުރަތަމަ ގުޅުނު ކަމަށް ތާރީޚުން އެނގެން އޮތީ އައްސުލްތާނު އަލީ ސިރީ އައުދަވީރަ މަހާރަދުންގެ ރަސްކަމުގެ ދުވަސްވަރުގައެވެ. އެރަދުންނަކީ މީލާދީން 1492 އިން 1495 އަށް ރަސްކަންކުރެއްވި ރަސްކަލެކެވެ. އެރަދުންގެ ކުރިން ރަސްކަންކުޅަ އައްސުލްތާނު ޔޫސުފު ސިރީ ވީރަ އާނާންދަ މަހާރަދުން ރަސްކަމަށް ވަޑައިގެންނެވީ އެރަދުންގެ ބޭބޭފުޅު އައްސުލްތާނު ކަޅު މުހައްމަދު ސިރީ ދަންމަރަ ބަވަނަ މަހާރަދުން ތަޚުތުން ބާލުއްވާފައި މީލާދީން 1491 ވަނަ އަހަރުގެ ތެރޭގައެވެ. އެހެންނަމަވެސް 2 މަހެއްހާ ދުވަހު ރަސްކަންކުރެއްވުމަށްފަހު އެރަދުން އަވަހާރަވީމާ އައްސުލްތާނު އަލީ ސިރީ އައުދަވީރަ މަހާރަދުން ތަޚުތަށް އިސްވެވޮޑިގެންނެވުމުން ގެއްލުނު ރަސްކަން ހޯއްދަވަން ކަޅު މުހައްމަދު ރަސްގެފާނު ކަންނަންނޫރު އަލީރާޖާގެ އެހީތެރިކަން ހޯއްދެވީއެވެ. މިގޮތުން އަލީރާޖާގެ އެހީތެރިކަމާއެކު އައްސުލްތާނު އަލީ ސިރީ އައުދަވީރަ މަހާރަދުން ރަސްކަމުން ބާލުއްވައި ދެވަނަ ފަހަރަށް ކަޅު މުހައްމަދު ރަސްގެފާނު ރަސްކަމަށް އިސްވެ ވަޑައިގެންނެވީއެވެ. އެއީ މީލާދީން 1494 ވަނަ އަހަރުގެ ތެރޭގައެވެ.

ކަޅު މުހައްމަދު ރަސްގެފާނުގެ މި ދުވަސްވަރަކީ ދިވެހިރާއްޖޭގެ މައްޗަށް ޕޯޗުގީޒުންގެ ޝައުގުވެރިކަންވެސް އުފެދެމުން އައި ދުވަސްވަރެވެ. އެހެންކަމުން މިކަމުގައި އަލީރާޖާއާއި މަލާބާރު ސަރަހައްދުގައި ޖަގަހަޖަހައި ވަރުގަދަވަމުން އައި ޕޯޗުގީޒުންނާ ދެމެދުގައި ފާޑެއްގެ ވާދަވެރިކަމެއް އުފެދުނެވެ. އިސްވެ ބަޔާންކުރެވުނު ކަޅު މުހައްމަދު ރަސްގެފާނުގެ މި ރަސްކަމުން 16 ވަނައަށް ވީ އަހަރު އެރަދުންނަށް ބޮޑުބޭބެ ވިދާޅުވާ ހަސަން، 1510 ގައި ކަޅު މުހައްމަދު ރަސްގެފާނު ތަޚުތުން ބާލުއްވައި، އައްސުލްތާނު ހަސަން ސިރީ ސިންގާވީރަ މަހާރަދުންގެ ގޮތުގައި ތަޚުތުގައި އިށީނދެ ވަޑައިގެންނެވިއެވެ. މި އަހަރަކީ އިންޑިޔާގައި ގާއިމުވެ ތިބި ޕޯޗުގީޒުން ގަވަރުނަރު އަލްބުކޭރްކީގެ ވެރިކަމުގެ ދަށުން ގޯވާ ހިފައި އެމީހުންގެ ބާރުގެ ދަށަށް ގެނެސް އިންޑިޔާގައި އެމީހުންގެ ފައިތިލަ އިހުނަށްވުރެ ބޮޑަށް ސާބިތުކުރި އަހަރެވެ.

އާދެ! 1510 ގައި ކަޅު މުހައްމަދު ރަސްގެފާނު ދުރުކުރައްވައި ރަސްކަމަށް އިސްވެވަޑައިގެންނެވި އައްސުލްތާނު ހަސަން ސިރީ ސިންގާވީރަ މަހާރަދުން އޭގެ އަހަރެއް ފަހުން އަވަހާރަވިއެވެ. ދެން ރަސްކަމަށް އިސްވެވަޑައިގެންނެވީ މައްކާގެ އަރަތްބެއް ކަމަށްވާ ޝަރީފް އަހުމަދު ރަސްގެފާނެވެ. އޭނާވެސް 2 އަހަރެއް ފަހުން އަވަހާރަވީއެވެ. ދެން ރަސްކަމަށް ވަޑައިގަތީ އައްސުލްތާނު އަލީ ސިރީ ލޯކަ އާނަންދަ މަހާރަދުންނެވެ. އާދެ، ފަސްވަނަ އަލިރަސްގެފާނެވެ.

ހަސަން ތާޖުއްދީނުގެ ތާރީޚުން އަޅުގަނޑުމެންނަށް އެނގޭގޮތުގައި ދެވަނަ ފަހަރަށް ރަސްކަމުން ދުރުކުރެވުނު ކަޅުމުހައްމަދު ރަސްގެފާނު އަނެއްކާވެސް މަލާބާރުގެ އައްސޭރިއަށް ވަޑައިގެން އޭނާއަށް އަލުން ރަސްކަން ހޯއްދަވައިދެއްވައިފި ނަމަ ރާއްޖެއިން ކޮންމެ އަހަރަކުވެސް ޖިޒީ ދައްކަވާނެ ކަމަށް އެއްބަސްވެވަޑައިގެން ކަންނަންނޫރު އަލީރާޖާ އާއެކު އަހުދުނާމާއެއްގައި ސޮއިކުރެއްވިއެވެ. މި އަހުދުނާމާގެ ދަށުން ކަންނަންނޫރު އަލީރާޖާގެ ސިފައިން ރާއްޖެއަށް ފޮނުއްވިއެވެ. އަލީރާޖާގެ ސިފައިން ރާއްޖެއަށް ދިޔަ ދަތުރުމަތީގައި ޕޯޗުގީޒުންގެ އުޅަނދުތަކަކުން އެ އުޅަނދުތަކަށް ހަމަލާދީ އަލީރާޖާގެ އުޅަނދުތަކުގައި ތިބި ސިފައިން ރަހީނުކޮށް ބަދަލުގައި ބޮޑު އަދަދެއްގެ ފިދުޔައެއް ދިނުމަށް އެންގި އެވެ. ދެން އެއަށްފަހު ޕޯޗުގީޒުންގެ މިއުޅަނދުތަކާއި އަލީރާޖާގެ ސިފައިންނާ އެއްބައިވެގެން ގޮސް މާލެއަށް ހަމަލަދީ ކަޅުމުހައްމަދު ރަސްގެފާނަށް ރަސްކަން ހޯދައިދިނެވެ. އެއީ މީލާދީން 1513 ނުވަތަ 1514 ވަނަ އަހަރެވެ.

މިގޮތުގެ މަތީން އައްސުލްތާނު އިބްރާހީމް އިސްކަންދަރު (1) ގެ ރަސްކަމުގެ ދުވަސްވަރާ ހަމައަށް ދިވެހިރާއްޖެއިން އައީ ކަންނަންނޫރު އަލީރާޖާއަށް ޖިޒީ ދައްކަމުންނެވެ. ހަމައެހެންމެ ކަޅު މުހައްމަދު ރަސްގެފާނުގެ ޒަމާނުއްސުރެން ފެށިގެން އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގެ ދުވަސްވަރާ ހަމައަށް ގޯވާގައި ތިބި ޕޯޗުގީޒުންނަށްވެސް ދިވެހީން އައީ ޖިޒީއަކަށްވާނޭ ފަދަ އެއްޗެހިތަކެއް ދެމުންނެވެ. މި ދެބައި މީހުންނަށް ދެމުން އައި ޖިޒީ އިސްކަންދަރު ރަސްގެފާނު ހުއްޓަވާލެއްވީ ކާފަރުވީ ހަސަން ރަސްގެފާނަށް ކާފަ ވިދާޅުވާ ދޮން ލަވީޒާއި ދޮން މަލަވީޒު ރާއްޖޭގެ ރަސްކަން އަތުލަން ޕޯޗުގީޒުންނާއެކީ ހަނގުރާމައަށް އައި ފަހަރު އެބައިމީހުން ކުޅައުމަށް ފަހުގައެވެ.

އާދެ، ކަޅު މުހައްމަދު ރަސްގެފާނު ދެއްވަން ފެއްޓެވި ޖިޒީ ދެއްވަން ފެއްޓެވުމާ އެކު ކަންނަންނޫރު އަލީރާޖާ ދެކެވަޑައިގެންނެވީ ދިވެހިރާއްޖެއަކީ އޭނާގެ މިލްކެއް ކަމުގައެވެ. އެހެންކަމުން އޭނާ ކަންނަންނޫރުގައި ވެގެން ހުރީ ދިވެހިރާއްޖޭގެ ވެސް ރަސްގެފާނު ކަމަށެވެ. އެހެންނަމަވެސް ކަޅު މުހައްމަދު ރަސްގެފާނަށް ފަހު ގަރުނަކަށް ވުރެ ގިނަ ދުވަސް ވާންދެން ދިވެހި ރަސްރަސްކަލުން މި ޖިޒީއެއް ދެއްކި ސަބަބެއްވެސް އެބައޮތެވެ. އެއީ މަލާބާރުގެ އައްސޭރިއަށް ވިޔަފާރިކަމު ދާ ދިވެހީންގެ ވިޔަފާރި އޮޑިފަހަރުގެ ރައްކަލާއި ސަލާމަތަށްޓަކައެވެ. އެހެނީ ދިވެހިން އޭރު މި ޖިޒީއެއް ދިނީކީ ހަމައެކަނި އަލީރާޖާއަކަށް ނޫނެވެ. ގޯވާގައި ތިބި ޕޯޗުގީޒުންނަށްވެސް ދިނީއެވެ. އެހެންވީމާ އެއީ ހިމާޔަތުގެ ޖިޒީއެއްކަން ސާފުވެއެވެ.

ބެލެވޭ ގޮތުގައި އަލީރާޖާގެ ދަށަށް މަލިކު ގޮސްފައިވާނީ ކަޅު މުހައްމަދު ރަސްގެފާނުގެ ރަސްކަމުގެ ދުވަސްވަރުގެ ތެރޭގައެވެ. މަލިކަކީ ދިވެހީންގެ ރަށްތަކުގެ ތެރެއިން އެންމެ އެކަހެރިކޮށް އޮތް ރަށެވެ. އަދި އަލީރާޖާގެ ބާރު ފޯރާ ސަރަހައްދާ އެންމެ ކައިރީގައި އޮތް ރަށެވެ. އެހެންކަމުން އެގޮތަށް އެކަހެރިކޮށް އޮތް ރަށެއް ހިފައި ކޮންޓްރޯލު ކުރުމަކީ އަލީރާޖާ އަށް މާ ދަތިކަމަކަށް ނުވާނެއެވެ. އަދި މަލިކު ކަހަލަ ކޮންޓްރޯލުކުރަން ފަސޭހަ އެއް ރަށް ހިފިއްޖެނަމަ މުޅި ދިވެހިރާއްޖެއާ ދިމާކުރަން އަލީރާޖާއަށް ހުޅުވިގެން އެދިޔައީ ނުހަނު ފަސޭހަ ދޮރެކެވެ. ސަބަބަކީ މަލިކު މީހުންގެ ބަހަކީ ދިވެހި ބަހަށް ވެފައި މަލިކުގެ މާލިމީންނަށް ދިވެހިރާއްޖޭގެ ފަރުފަރާއި ގިރިގިރިއާއި ތަންތަނުގެ ތެރެއިިން ދަތުރުފަތުރުކުރަން ފަރިތަވާނެތީއެވެ. އާދެ، މަލިކުގެ މީހުން ބޭނުންކޮށްގެން ދިވެހިރާއްޖެއަށް ހަމަލާދޭން ފަސޭހަވާނެތީއެވެ.

އާދެ، ކަޅު މުހައްމަދު ރަސްގެފާނުގެ ދައުރުން ފެށިގެން އިސްކަންދަރު ރަސްގެފާނުގެ ދައުރާ ހަމައަށް ދިވެހީން ކަންނަންނޫރަށް ދެމުން އައި ޖިޒީ މެދުކެނޑުނު ދުވަސްވަރެއްވެސް ދިޔައެވެ. އެއީ ތަޚުތުން ފައިބައިވަޑައިގެން އިންޑިޔާގެ ޕޯޗުގީޒުންގެ ގާތަށް ގޮސް ދީންފުރެދުނު ނުވަވަނަ ހަސަން ރަސްގެފާނުގެ އެދުމަށް ގޯވާއިން ފޮނުވި ޕޯޗުގީޒުން ހަސަން ރަސްގެފާނުގެ ނަންފުޅުގައި ދިވެހިރާއްޖޭގައި ވެރިކަންކުރި ދުވަސްވަރެވެ. އެއީ 17 ވަރަކަށް އަހަރުގެ މުއްދަތެކެވެ. މި ޕޯޗުގީޒުންނާ ދެކޮޅަށް އުތީމު މުހައްމަދު ތަކުރުފާނު ކުރެއްވި ހަނގުރާމައިގައި އަލީރާޖާގެ އެހީތެރިކަން ލިބުނީ އެހެންވެގެންނެވެ. އަދި އަލީރާޖާގެ ދަށުގައި އޮތް މަލިކުން ބޮޑުތަކުރުފާނުގެ އާއިލާއަށް ހިމާޔަތް ލިބުނީ ވެސް އެހެންވެގެންނެވެ. އަލީރާޖާގެ ބޭނުންފުޅަކަށްވީ ކުރިން ލިބިވަޑައިގެންނެވި ޖިޒީ އަލުން ލިބިވަޑައިގެންނެވުމެވެ. އެކަމަކު މިފަހަރު ދިވެހިރާއްޖެއިން ބައެއް ރަށްރަށް ލިބުމަށް ވެސް އަލީރާޖާ އެދިވަޑައިގެންނެވި އެވެ. އަދި ބޮޑުތަކުރުފާނު ވެސް އެކަމާ އެއްބަސްވެ ލެއްވިއެވެ.

ކޮންމެއަކަސް މާލޭގައި ތިބި ޕޯޗުގީޒުން ބަލިކޮށް ދިވެހީންގެ ވެރިކަން ދިވެހީންނަށް ހޯއްދަވައި ދެއްވުމަށް ފަހު އަލީރާޖާއަށް ދެއްވަން އެއްބަސްވެލެއްވި ރަށްތަކުގެ ބަދަލުގައި ބޮޑުތަކުރުފާނު އަލީރާޖާއަށް ދެއްވީ ދޮނަކުޅިއޭ ކިޔޭ ކުޑަކުޑަ ރަށްގަނޑެކެވެ. އެކަމާ ނުރުހި އުތުރުގެ ބައެއް ރަށްރަށް ލޫޓުވާލާފައި ހޮޅީންގެ މީހުން ރާއްޖެއިން ފައިބައިގެން ކަންނަންނޫރަށް ދިޔައީއެވެ. އެހެންނަމަވެސް އަލީރާޖާ ފޮނުއްވާ ހޮޅީންގެ މީހުން އޭގެ ފަހުން ރާއްޖެ އަންނަ ފަހަރު ފަހަރު ބަނޑަޖަހާ ރަށެއް ކަމުގައި ދޮނަކުޅި ވިއެވެ.

އަލީރާޖާއާއެކު ބޮޑުތަކުރުފާނު ވެލެެއްވި އެއްބަސްވުމާ އެއްގޮތަށް އަލީރާޖާއަށް ދިވެހިރާއްޖޭގެ ރަށްތަކެއް ނުދެއްވިޔަސް ޖިޒީ ދައްކަވަމުން ގެންދެވިއެވެ. އަދި ކާފާރުވި ހަސަން ރަސްގެފާނާއި ޕޯޗުގީޒުންނާއެކު ޚާއްސަ މުއާހަދާއެއް ހައްދަވައި ގައުމު އަމާންކުރައްވައި ދިވެހި އޮޑިފަހަރަށް ސަލާމަތާއި ރައްކާތެރިކަން ހޯއްދަވައި ދެއްވުމަށްޓަކައި އެބައިމީހުންނަށް ވެސް ޖިޒީދައްކަވަމުން ގެންދެވިއެވެ. އެހެންނަމަވެސް މުއާހަދާއާއި ޚިލާފުވެ ދިވެހިރާއްޖެއާ ތޮޅި ރަސްކަން އަތުލާން ހަނގުރާމައަށް އަންނާތީ އެންމެ ފަހަށް އައި މީހުން ބަލިކުޅައުމަށްފަހު އިސްކަންދަރު ރަސްގެފާނު އެ ޖިޒީތައް ހުއްޓަވާލެއްވީއެވެ.

އިސްކަންދަރު ރަސްގެފާނު އަލީރާޖާއަށް ދިވެހިރާއްޖެއިން ދެމުން އައި ޖިޒީ ހުއްޓަވާލެއްވުމާއެކީ އަލީރާޖާ އެކަމާ ކޯފާވެގެން ހޮޅީންގެ މީހުން ރާއްޖެއަށް ތަފާތު އެކި ފަހަރުމަތިން ފޮނުއްވިއެވެ. އިސްކަންދަރު ރަސްގެފާނު ލަޝްކަރައިގެން ނުކުމެ ވަޑައިގެން އެބައިމީހުންނާ ހަނގުރާމަކޮށް ކާމިޔާބު ހޯއްދެވިއެވެ. އެހެންނަމަވެސް ހޮޅީންގެ ތުރާލެއް ކުޑައެއް ނުވިއެވެ. ދޭތެރެ ދޭތެރެއިން ރަށްރަށަށް އަރައި މީހުންނަށް ހާނީއްކަކޮށް މުދާ ފޭރި ގެދޮރާއި ތަންތަން ހަލާކުކޮށް ހަދަނީއެވެ. އިސްކަންދަރު ރަސްގެފާނު އެކަމާ ފިކުރުކުރައްވައި ހަނގުރާމަތަކުގައި ކާމިޔާބު ހާސިލުކޮށްފައިވާ ދިވެހި އަސްކަރުންގެ ލަޝްކަރެއް ކަނޑިބަޑިއާ އެކީ އަލީރާޖާގެ ރަސްކަމުގެ ދަށުގައި އޮތް ދީވަންދުރޯގެ ރަށްތަކަށް ހަމަލާދީ ދިވެހިރާއްޖޭގެ ރަށްރަށާއި މެދު އެމީހުން ކަންތައް ކުރާ އުސޫލުން ކަންތައް ކުރުއްވީއެވެ.

އޭގެ ފަހުން އަލީރާޖާގެ ދަށުގައި އޮތް ދިވެހި ރަށްކަމުގައިވާ މަލިކަށް ބަޔަކު ފޮނުއްވައި މަލިކުގެ ވެރިމީހާއާއި ބޮޑުން މާލެ ގެންނަވައި އެތައް ދުވަހަކު ހައްޔަރުކޮށްފައި ބޭތިއްބުމަށްފަހު މަލިކުގެ ވާރު އަހަރަކު 12 ލާރި ކަމަށް ގަރާރުކުރައްވައި އެބައިމީހުން މަލިކަށް ފޮނުއްވިއެވެ. މި ގޮތަށް ކަންތައްކުރެއްވީ އަލީރާޖާގެ ރަށެއް ދިވެހިރާއްޖޭގެ ރަސްގެފާނު ހިއްޕަވައިފިއޭ ބުނުއްވުމުގެ ބޭނުންފުޅުގައެވެ. ކޮންމެއަކަސް އެދުވަހުން ފެށިގެން މީލާދީން 1752 ގައި އައްސުލްތާނު މުކައްރަމް މުހައްމަދު އިމާދުއްދީންގެ ރަސްކަމުގައި ދިވެހިރާއްޖެ ހިފިއިރު މަލިކުވެސް އަލުން ހިފައި އަލީރާޖާގެ ރަސްކަމުގެ ދަށަށް ގެންދިޔުމާ ހަމައަށް މަލިކު އޮތީ ދިވެހިރާއްޖޭގެ ރަށެއްގެ ގޮތުގައެވެ. އާދެ، އޭރުގެ ފަތްކޮޅުތަކުގައި ރާއްޖޭގެ ސަރަހައްދު ބަޔާންކޮށްފައި އޮންނަނީ "މަލިކައްޑޫ މިދެމެދު" ކަމުގައެވެ.

އިސްކަންދަރު ރަސްގެފާނާއި، ކުޑަ މުހައްމަދު ރަސްގެފާނާއި، މުހިއްދީން ރަސްގެފާނާއި، އެއްވަނަ ޝަމްސުއްދީން ރަސްގެފާނާއި، ދެއްވަދޫ ރަސްގެފާނާއި، އިސްދޫ އަލިރަސްގެފާނާއި، އިސްދޫ ހަސަން ރަސްގެފާނާއި، މުޒުހިރުއްދީން ރަސްގެފާނައި، ދިޔަމިގިލީ ބޮޑުބަންޑާރައިންނާއި، އިބްރާހީމް ރަސްގެފާނުގެ ރަސްކަމަށްފަހު، ކޮރުބަންޑާރައިން، އާދެ، އައްސުލްތާނު މުކައްރަމް މުހައްމަދު އިމާދުއްދީންގެ ރަސްކަމުން ދެވަނަ އަހަރަށްވީ، މީލާދީން 1752 ވަނަ އަހަރު އަލީރާޖާގެ ސިފައިން އޮޑިފަހަރުގައި އައިސް މާލެއަށް ހަމަލާދީ މާލެ ހިފިއެވެ. މިކަމެއް ހިނގި ގޮތާއި ހިނގާން މެދުވެރިވީ ސަބަބަކަށް ހަސަން ތާޖުއްދީނުގެ ތާރީޚުގެ މައްޗަށް ލިޔެފައިވާ ދިވެހި ތާރީޚުގައި ލިޔެފައި އޮތީ މިފަދައިންނެވެ.

""...ދެން މި ربيع الاولމަހު އޮނަވިހި ވީ ބުރާސްފަތި ދުވަހު މި ރަސްގެފާނުންގެ ކޮއްކޯ علي ފާށަނާ ކިލަގެފާނުން ރަސްކަމަށް އިސްވެވަޑައިގެންނެވިޔޭ. މި މަނިކުފާނަށް السلطان المكرم محمد عماد الدين ކިޔައި ނަންދެއްވެވިއެވެ... އެހިދު ފަޑިޔާރު ކަމުގައި ހުންނެވީ حسن تاج الدين ފަޑިޔާރު ކަލޭގެފާނުންގެ ފުތް محمد شمس الدين ފަޑިޔާރު ކަލޭގެފާނެވެ. މި ފަޑިޔާރު ކަލޭގެފާނާއި އެއްބަޑުއެއްބަފާ خطيب احمد محي الدين މި ކަތީބު މަނިކުފާނު ހުންނެވީ އިބްރާހީމް ރަސްގެފާނުންގެ ދި فاطمة ރަނިކިލަގެފާނާއި ކައިވަނި ބައްލަވައިގެނެގެންނެވެ. ދެން މިރަދުން ރަސްކަމަށް އިސްވެވަޑައިގެންނެވުނަށް ފަހު މި ނަންގަނެވި ދިޔަ ފަޑިޔާރު ކަލޭގެފާނާއި މި ކަތީބު މަނިކުފާނާއި ދެބެއިން ރަސްކަން އަތުލާން އެދި ރަސްގެފާނަށް ނުނިޔަތް ލައިގެން ބޭރުން ބަޔަކާއި އެކުލަވައިގެން ރަސްކަން ملك ކޮށްފާނަމެވެ ހިތައި ތިމަން މީހުންގެ ރާއްޖޭގެ ރަސްގެފާނު نهي ކުރެއްވިހާ ކަންތަކަށް عمل ކުރައްވައި ރާއްޖެ އިސްލާމްދީނަށް އޮންނާކަށް ނެތެވެ. މިފަދަ ބަސްތައް ލިޔެ ކަންނަންނޫރު عليރާޖަޔަށް ފަތެއް ފޮނުވައިފިޔޭ. މިފަތް ފޮނުވީމާ އެފަތަކަށް އެމީހުން ضمانއެއް ނުވެ ތިބެއްޖައޫއެވެ. ދެން އަނެއްކާ މިފަޑިޔާރު ކަލޭގެފާނު ފަތެއް ލިއުނޭ މިހާރު ރަށުގެ މީހުން ފިތުނަވެރިވެ ރޭގަޑުގައި ރަށް ބަލަހައްޓާ ހޭލާ ދަމަށް ތިބުމެއް ނެތި غافل ވެއްޖައޫއެވެ. ތިޔަބައިމީހުން މިހާރު އަތުވެއްޖެނަމަ ރާއްޖެ އަތުލައި ملك ކޮށްދިނުން ތިމަންކަލޭގެފާނު މައްޗެވެ. ރޭގަޑުގައި ރަށުގެ މީހުން ނިދާފައި ތިއްބައި ތިޔަބައިމީހުން އައިސް ރަށަށް އަރަހަށޭ.

ދެން މިފަތް ލިޔެ ފޮނުވީމާއި އެޔަށްފަހު ކަންނަންނޫރު علىރާޖާ ނަވަކާއި ދެ ފުރައްދެ އޮޑިޔާއި މި ތިން ގަނޑެއްޗަށް ހަގުރާމައިގެ ތަކެއްޗާއި މަލާބާރީގެ މީހުނާއި ލައި ފޮނުވީމާއި އެމީހުން އައިސް ފާދިއްފޮޅު ވަދެ އަލިގަލު ކައިރީގައި ބާއްވައިފިޔެވެ. ١١٦٦ سنة މިވަނަ އަހަރު ދެން އެތާގައި ނައު ބާއްވައިފައި ދެ ފުރައްދެ އޮޑިޔާއިގެން އައިސް صفر މަހު ބުދަ ތޭރަ ފޮއިވިލޭރެއި ނުވަފުޅީ وقتގައި މާލޭ ކަޑިންމަ ތަޅުނުލައި ހުއްޓައި ކަޑިންމައިން ވަދެއްޖައޫއެވެ. އެހިދު މާލޭގެ އެންމެން ނިދާފައި ތިބޫއޭ. ދެން މި މަލާބާރީންގެ މީހުން ދިގުދޯނި ދޯންޏަށް އަރައިގެން ރަށަށް ފައިބައިގެން އައިސް އެތެރެކޯލަށް ވަދެއްޖައޫއެވެ."

އާދެ، ކަންނަންނޫރު އަލީރާޖާ ކުންހި އަމްސާ (2) ގެ ހޮޅީންގެ ލަޝްކަރުގެ މިހަމަލާގައި މާލެއިން އެތައް ބަޔަކު މަރައި ނާބަތުޚާނުގައި ހުޅުޖެހުމުގެ ސަބަބުން އެތެރެކޯލާއި މާލޭގެ ދެބައިކުޅަ އެއްބައިގެ އެއްކޮށް އެނދިއެވެ. އެއަށްފަހު ރަދުންނާއި ރަދުންގެ ވަލީއަހުދުގެ ގޮތުގައި ހުންނެވި ރަދުންގެ ބޭބޭފުޅު އިބްރާހީމް ރަސްގެފާނުގެ ދަރިކަލުން މުހައްމަދު މަނިކުފާނާއި ހުރާ އަލްވަޒީރު ހުސައިން ދަހަރާ ތަކުރުފާނުގެ ފުތް އަލްވަޒީރު މުހައްމަދު ފާމުލަދޭރި ތަކުރުފާނާއި އޭނާގެ ފުތް ހުސައިން މަނިކާއި އަލްވަޒީރު މުހައްމަދު ވެލާނާ ތަކުރުފާނާއި މުރުއްބާ މުހައްމަދު ކަލޭގެފާނު އޮޑިޔަކަށް ލައިގެން މަލާބާރަށް ގެންދިޔައެވެ.

އޭގެފަހުން ދުވަސްކޮޅަކު ހަސަން ތާޖުއްދީނުގެ ފުތް މުހައްމަދު ޝަމްސުއްދީން ފަނޑިޔާރު ކަލޭގެފާނު ހޮޅީންގެ ވެރިޔަކަށް ލައިގެން ހުރެފައި އެކަލޭގެފާނާއި އެކަލޭގެފާނުގެ އަޚު ކަތީބު މަނިކުފާނަށް ވަރަށް އަނިޔާކޮށްފައި އެދެބޭކަލުންނަށް ފަހުން ވީނުވީ ގޮތެއް ނޭނގެއެވެ. އޭގެ ފަހުގައި މަލިކު މުހައްމަދު ބަންޑޯރު މަނިކު އެބައިމީހުންގެ ވެރިޔަކަށް އިސްކޮށް އަލީރާޖާގެ ނަންފުޅުގައި ތާނިޔާ ކިޔައި އޭނާގެ ސިއްކަ ދިވެހިރާއްޖޭގައި ހިންގަންފެށިއެވެ.

ބުނެވޭ ގޮތުގައި ދިވެހިރާއްޖޭގެ ރަދުން އައްސުލްތާނު މުކައްރަމް މުހައްމަދު އިމާދުއްދީން ހައްޔަރުކޮށްގެން މަލާބާރަށް ގެންގޮސް އެ ރަދުންގެ ދެލޯފުޅުވެސް ކޮނެލިއެވެ. އަދި އޭރު އެސަރަހައްދުގެ އެންމެ ބާރުގަދަ ވެރިޔާ މައިސޫރުގެ ހައިދަރު އަލީ އަރިހަށް ރަސްގެފާނު ގެންދެވިއެވެ. އޭރު އަލީރާޖާ ހުންނެވީ މަލާބާރުގެ މައްޗަށް ހައިދަރު އަލީގެ ވެރިކަން ގާއިމުކޮށްދިނުމަށް އެހީތެރިވެދެއްވައިގެންނެވެ. އެއީ ހައިދަރު އަލީ އޭނާގެ ވެރިކަމާ ނުބެހުން އެދިގެންނެވެ. އޭގެ ބަދަލުގައި އަލީރާޖާއަށް ހައިދަރު އަލީގެ ފަރާތުން ކަނޑުމަތީ ސިފައިންގެ ވެރިކަން ހަވާލުކުރެއްވިއެވެ. ކޮންމެއަކަސް މުސްލިމު ރަސްކަލަކާމެދު އަލީރާޖާ ކަންތައްކުރެއްވި ގޮތާއި މެދު ހައިދަރު އަލީ ހިތްޕުޅާނުވެ ދިވެހިރާއްޖޭގެ ރަދުން އަނބުރައި ރާއްޖެއަށް ފޮނުއްވަން އެންގެވިއެވެ. އެހެންނަމަވެސް ރާއްޖެ ފޮނުވުމުގެ ބަދަލުގައި ރަސްގެފާނު ކަންނަންނޫރު ގައި ބެހެއްޓެވުމަށް ފަހު ދުވަސްކޮޅަކުން ދީވަންދުރޯގެ ރަށެއް ކަމަށްވާ ކަވަރައްދުއަށް ރަދުން ބަދަލުކުރިއެވެ. މި ކަވަރައްދުއަކީ މިހާރުގެ ލަކްޝަދީބުގެ ވެރިކަންކުރާ ކަވަރައްތިއެވެ. އެތާގައި ދުވަސްކޮޅަކު ބެހެއްޓެވުމަށްފަހު މަލިކަށް ބަދަލުކުރެއްވިއެވެ. ރަދުން އަވަހާރަވެ ފަސްދާނުވެޑުވުނީ މަލިކުގައެވެ.

ދިވެހިރާއްޖެ ކަންނަންނޫރު އަލީރާޖާގެ ދަށުގައި އޮންނަތާ ހަތަރު މަހެއްހާ ދުވަސް ފަހުން މުލީގޭ ދޮން ހަސަން މަނިކާއި އޭނާގެ ބައިވެރީން މާލޭގެ މައްޗަށް ވެރިވެ ތިބި ހޮޅީންނާ ހަނގުރާމަކޮށް ދިވެހިރާއްޖެ މިނިވަން ކުރެއްވިއެވެ. އެހެންނަމަވެސް ކޮންމެވެސް ސަބަބަކާ ހުރެ އެފަހަރު މަލިކު ދިވެހިރާއްޖޭގެ ދަށަކަށް ނުގެނެވެއެވެ.

އޭގެ މާ ގިނަ އަހަރުތަކެއް ނުވެ އަލީރާޖާ ކުންހި އަމްސާ (2) އަށްފަހު އެތަނުގައި ރަސްކަންކުރެއްވި އަލީރާޖާ ބީވީ ޖުނުމާބޭ ސުލްތާނާ (2) ގެ ދުވަސްވަރު އަލީރާޖާގެ ދަށުގައި ހުރި ތަންތަން އިނގިރޭސި އިންޑިޔާގެ ދަށަށް ދިޔައެވެ. އޭގެ ޒަމާންތަކެއް ފަހުން އިނގިރޭސީން އިންޑިޔާ ދެބަޔަކަށް ބަހައި މިނިވަންކުރި އިރު އަލީރާޖާގެ ވެރިކަން ހިނގި ސަރަހައްދު ލިބުނީ މިހާރުގެ އިންޑިޔާގެ ޖުމްހޫރިއްޔާ އަށެވެ. އެގޮތުން މަލިކުވެސް ވީ އިންޑިޔާގެ ރަށަކަށެވެ. މަލިކު ގޮތަށް މުޅި ދިވެހިރާއްޖެ އަލީރާޖާގެ ދަށުގައި އޮތްނަމަ ދިވެހިރާއްޖެވެސް އޮތީހީ މިއަދުގެ އިންޑިޔާގެ ޔޫނިއަން ޓެރިޓަރީ އެއްގެ ގޮތުގައެވެ. އެކަމަކު މާތްކަލާނގެ ރަހުމަތުން އެކަން އެގޮތަށް ނުވެ މުލީގޭ ދޮން ހަސަން މަނިކު މެދުވެރިކުރައްވައި ދިވެހިރާއްޖެ މިނިވަންކޮށްދެއްވީއެވެ. އެކަމަށްޓަކައި އަޅުގަނޑުމެން ދިވެހީން އެކަލާނގެއަށް ގިނަގިނައިން ހަމްދުކޮށް މުލީގޭ ދޮން ހަސަން މަނިކު، އާދޭ ދޮންބަންޑާރައިންގެ ޒިކުރާ އާކޮށް އެރަދުންނަށް ރަހުމަތްލެއްވުން އެދި ގިނަގިނައިން ދުއާކުރަންޖެހެއެވެ.

އެޑިޓަރުގެ ނޯޓް: މުހައްމަދު ނާޖިހް އަކީ ގާނޫނީ ވަކީލެކެވެ. މިހާރު މަސައްކަތް ކުރައްވަނީ ހެރިޓޭޖް މިނިސްޓްރީގެ ރިސާޗް އެނަލިސްޓް ގެ މަގާމުގަ އެވެ. އަމިއްލަ ގޮތުން ވެސް، ދިވެހިރާއްޖޭގެ ތާރީޚު ދިރާސާކުރައްވައި އެ މައުލޫމާތު އެއްކުރައްވައި އެ ދާއިރާއިން ރައްޔިތުން ހޭލުންތެރިކުރުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވައެވެ. މީގެ އިތުރުން އޭނާއަކީ، ދިވެހި ބަހުގެ ދިރާސާތައްވެސް ކުރައްވާ، ބަހަށް ހޭލުންތެރިކުރުވުމަށް ވެސް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އޭނާއަކީ ދިވެހި ބަހުގެ އެންމެ ބޮޑު މީސްމީޑިއާ ޕްލެޓްފޯމްކަމަށްވާ ބަސް ޖަގަހައިގެ ވެސް އެއް ފައުންޑަރ މެންބަރެވެ.