އެސްޓީއޯއިން ހުޅުމާލޭގައި ހަދާ ފައިވް ސްޓާ ހޮޓާ ގަންނާނެ ބަޔަކު ނުވެއްޖެނަމަ، އެތަން އެހެން ކަމަކަށް ބޭނުން ކުރަން ފަށާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގައި ހޮޓާ ހަދަން އެސްޓީއޯއިން އެމެރިކާގެ ކާލްސަން ހޮޓެލް ގްރޫޕާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2008 ވަނަ އަހަރުއެވެ. އަދި އެ އެއްބަސްވުމުގެ ދަށުން އެސްޓީއޯއިން މަސައްކަތް ފަށާފައިވަނީ 2011 ވަނަ އަހަރުއެވެ. އެ ހޮޓާ ތަރައްގީކޮށް ނިންމަން ކަނޑައެޅީ 2013 ވަނަ އަހަރުގެ ނިޔަލަށެވެ.
ނަމަވެސް އެކި ސަބަބުތަކާ ހުރެ، އެތަނުގެ މަސައްކަތް ވަނީ ހުއްޓިފައެވެ. އޭގެ ފަހުން އެސްޓީއޯ އިން 2018 ވަނަ އަހަރު ނިންމީ އެތަން ވިއްކާލުމަށެވެ. ނަމަވެސް އެކަމަށް އެދެވޭ ތަރުހީބެއް ލިބިގެން ގޮސްފައެއް ނުވެއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ސުހައިލް ވިދާޅުވީ އެސްޓީއޯގެ ހޮޓާގެ މައްސަލަ ހައްލު ކުރުމަށްޓަކައި އެތަން ގަންނާނެ ފަރާތެއް ހޯދުމުގެ ބާރު އެޗްޑީސީ އަށް ވެސް ލިބޭ ގޮތަށް އެސްޓީއޯއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
ސުހައިލް ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ސިޓީ ހޮޓާގެ މަޝްރޫއު ނިންމާނެ ފަރާތެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން މިހާރުވެސް ޝައުގުވެރިކަން ފާޅު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަން ކުރިޔަށް ގެންދާނީ ވަކި މުއްދަތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އެތަން އޮޕަރޭޓް ކުރާނެ ފަރާތެއް ނުލިބިއްޖެ ނަމަ އެހެން ބޭނުމަކަށް އެ އިމާރާތް ބޭނުން ކުރަން ފަށާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ކޮންމެވެސް ގޮތަކަށް ނިންމަން އެބަ ޖެހޭ. ވަރަށް ދުވަސް ވެއްޖެ އެހިސާބަށް ގޮސްފަ ހުއްޓިފަ ހުންނަތާ. އަނެއްކާ ހުޅުމާލޭގެ ރަނގަޅު ލޮކޭޝަނެއްގައި އެފަދަ ބިލްޑިންގެއް ހެދި، ބޭނުން ނުކުރެވި ހުންނާތީ އަޅުގަނޑުމެން މި ބަލަނީ ކައިރި މުސްތަގުބަލެއްގައި އެތަން ހޮޓަލެއްގެ ގޮތުގައި އޮޕަރޭޓް ކުރާނެ ފަރާތެއް ނުވެއްޖެއްޔާ އެހެން ބޭނުމަކަށް ވެސް އެތަން ހިންގަން،" ސުހެއިލް ވިދާޅުވި އެވެ.
ސުހައިލް އިތުރަށް ވިދާޅުވީ އެ އިމާރާތުގެ ގިނަ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށާއި ނުނިމި ހުންނާނީ ފިނިޝިން މަސައްކަތް އެކަނި ކަމަށެވެ. ރޭނުމާއި ސްޓްރަކްޗާގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެސްޓީއޯ އިން ޓޫރިޒަމަށް ނުކުނަން ބޭނުން ވެ ހުޅުމާލޭގައި ހޮޓަލެއް ހަދަން ބިން ނެގީ 25 އަހަރަށެވެ. އަދި އެތަން ނަގާފައިވަނީ 2033 ވަނަ އަހަރާ ހަމައަށެވެ. ގާތްގަނޑަކަށް 115 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ފައިވް ސްޓާ ހޮޓަލުގައި 250 ކޮޓަރި ހިމެނެއެވެ.
އެ ހޮޓަލުގައި 194 ސްޓެންޑާޑް ކިންގް ސައިޒް ކޮޓަރި އާއި 24 ސްޓެންޑާޑް ޓްވިން ކޮޓަރީގެ އިތުރުން 27 ޑިލަކްސް ކޮޓަރި އަދި ފަސް ސްޓޫޑިއޯ ކޮޓަރި ހުންނާނެއެވެ. އޭގެ އިތުރުން ރެސްޓޯރަންޓުތަކާއި އިވެންޓް ހޯލް އަދި ޝޮޕިން ސަރަހައްދެއް ވެސް ހިމެނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު