ޚަބަރު

އަތްފުނާ އަޅައިގެން ވެސް މުއިއްޒުއާ ވާދަކުރެވޭނެ މީހަކު ނުފެންނާނެ: އަދުރޭ

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއާ ވާދަކުރެވޭނެ އިތުރު ބޭފުޅަކު އަތްފުނާ އަޅައިގެން ހޯދިޔަސް ނުފެންނާނެ ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަމުގެ މަގާމުގައި ޑރ. މުއިއްޒު ހުންނަވައިގެން މާލެއަށް ކޮށްދެއްވި ހިދުމަތްތަކަށް އެކަނި ބެލިޔަސް މާލޭގެ މޭޔަރުކަމުގެ މަގާމަށް މުއިއްޒުއާ ވާދަކުރެވޭނެ ދެވަނަ ބޭފުޅަކު އަތްފުނާ އަޅައިގެން ހޯދި ނަމަވެސް ނުފެންނާނެ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް މުއިއްޒު ވާދަކުރަންވަން ނިންމަވައި، ސޯޝަލް މީޑިއާގައި އަންނަނީ ވަރަށް ބޮޑަށް ކެމްޕެއިން ކުރައްވަމުންނެވެ. އެގޮތުން މާލޭގެ ތަރައްގީއަށް އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ވިދާޅުވެ، މުއިއްޒު ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުންނެވެ.

މުއިއްޒުގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ކުރިމަތިލައްވާނެކަން އިއުލާން ކުރައްވާފައިވާ ބައެއް ބޭފުޅުންގެ ތެރޭގައި އަލްހާން ފަހުމީ އާއި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވައި އެޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރާއި މާލޭގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކުގެ އިތުރުން މާލެ ސިޓީ މޭޔަރު ކަމުގައި މިހާރު ހުންނެވި ޝިިފާ މުހައްމަދާއި މާލެ ސިޓީ ޑެޕިއުޓީ މޭޔަރުގެ މަގާމުގައި ހުންނެވި ޝަމާއު ޝަރީފު ހިމެނިވަޑައިގަންނަވަ އެވެ.