ކަނޑުމަގުން ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ޝަރީއަތްތައް އަންނަ އާދީއްތަ ދުވަހު ފެށުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.

ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާ ގުޅިގެން ރާއްޖެއަށް ކަނޑުމަގުން އެތެރެ ކުރި 130 ކިލޯގެ މަސްތުވާތަކެތި ހޯދައި ހަތް މީހަކު ހައްޔަރުކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު އެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 18 އަހަރުން ދަށުގެ ކުއްޖަކާއި ބަންގުލަދޭޝްގެ ދެ މީހަކާއި ހަތަރު ދިވެހިންނެވެ. މި ހަތް މީހުންގެ ތެރެއިން މި ތަކެތި ރާއްޖެއަށް އެތެރެ ކުރުމުގައި އިސްކޮށް ހުރީ ގއ. ވިލިނގިލި/ ލައިޓްހައުސް، ޝަހީބް އިބްރާހިމް އާއި ހއ. ހޯރަފުށި, ވައިލެޓްވިލާ، އަހްމަދު މޫސާ އެވެ.

މި މައްސަލައިގައި ހިމެނޭ ކުޑަކުއްޖާ ފިޔަވައި ބާކީ ތިބި ހަ މީހުންގެ މައްޗަށް ދައުވާކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ.

މި މައްސަލައާގުޅޭ އަޑުއެހުމެއް ކްރިމިނަލް ކޯޓުން ތާވަލު ކޮށްފައިވަނީ އަންނަ އާދީއްތަ ދުވަހު މެންދުރު 1:00 ޖަހާއިރަށެވެ. ހަ މީހުންގެ މައްސަލަ ވެސް ތާވަލުކޮށްފައިވަނީ އެއް ވަގުތެއްގަ އެވެ.

  • - ޝަހީބް އިބްރާހިމް - ލައިޓްހައުސް/ ގއ. ވިލިނގިލި
  • - އަހުމަދު މޫސާ – ވައިލެޓްވިލާ/ ހއ. ހޯރަފުށި
  • - އަސީލް މާހިރު – ދުންފިނިގެ/ ގއ. ވިލިނގިލި
  • - އަނަސް ހުސެއިން – ސެލް/ ޅ. ހިންނަވަރު
  • - އިގްބާލު – ބަންގްލަދޭޝް
  • - މުހައްމަދު ރިޔާދު – ބަންގްލަދޭޝް

މި ހަ މީހުންގެ ތެރެއިން މޫސަ އާއި ޝަހީބް އަދި އިގްބާލްގެ މައްޗަށް އުފުލާފައިވަނީ ޑައިމޯފީން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އާއި މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާތަކެއްޗެއް ޓްރެފިކް ކުރުމުގެ ކުށާއި މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގެ ކުށުގެ ދައުވާ އެވެ. މިއިން ކޮންމެ ކުށެއް ސާބިތުވެއްޖެނަމަ 25 އަހަރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާ އާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ.

މުހައްމަދު ރިޔާދުގެ މައްޗަށް އެ ތިން ދައުވާގެ އިތުރަށް ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރިކަމުގެ ދައުވާކޮށްފައި ވެއެވެ. އަދި އަސީލު މާހިރު އަދި އަނަސް ހުސެއިންގެ މައްޗަށް އެ ތިން ދައުވާގެ އިތުރަށް ކެނެބިސް ބޭނުން ކުރުމުގެ ދައުވާ ކޮށްފައިވެއެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް، ފުލުހުންގެ އިންޓެލިޖެންސް އަދި މެރިން ޕޮލިސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ރާއްޖެއަށް ކަނޑުމަގުން އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތި ހޯދީ، ހުޅުމާލެ ފަޅުތެރޭގައި އޮތް ދޯންޏެއްގެ ތެރެއިންނެވެ. ދޯނިން ފެނުނު ތަކެތީގެ ތެރޭގައި ހިމެނެނީ މެޓައެމްފިޓަމިން އާއި ހެރޮއިން ކަމަށް ފުލުހުން ބުނެ އެވެ.