މިއަހަރުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި 37،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިއަހަރުގެ ފުރަތަމަ 13 ދުވަހު ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ވަނީ 37،926 އަށް އަރައިފައެވެ. މިއަހަރު އެވްރެޖްކޮށް ދުވާލަކަށް 2917 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު، ރާއްޖެ އަންނަ ފަތުރުވެރިން އެވްރެޖްކޮށް 10 ދުވަސް ރާއްޖޭގައި ހޭދަ ކުރެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެގައުމުން 10،002 ފަތުރުވެރިން އައިސްފައިވެއެވެ. އިންޑިއާއިން 5727 ފަތުރުވެރިން ޒިޔާރަތްކުރި އިރު، ޔޫކްރެއިނުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 3472 އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން އުންމީދުތަކެއް ފެންނަން ފަށާފައިވާއިރު، މިވަގުތު ރާއްޖޭގައި 42،244 ޓޫރިސްޓު އެނދު ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ. އެއީ 141 ރިސޯޓަކުން 32،636 އެނދާއި 304 ހޮޓަލާއި ގެސްޓް ހައުސުން 7032 އެނދާއި 133 ސަފާރީ އުޅަނދަކުން 2576 އެނދެވެ.

ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ނިމުނުއިރު، ރާއްޖެއަށް އައިސްފައިވަނީ 555،399 މީހުންނެވެ.