ސިވިލް ކޯޓުގެ ގާޒީ މަރްޔަމް ވަހީދު އާއި ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު ސަމީރުގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ ސަމީރާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައަކީ ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ އަޑުއެހުމެއްގައި ގާނޫނީ ގޮތުން ދައްކަން ބޭނުންވާ ވާހަކަ ދެއްކުމުގެ އެކަށީގެންވާ ފުރުސަތު ދައުވާ ލިބޭ ފަރާތުގެ ގާނޫނީ ވަކީލުންނަށް ނުލިބޭ ފަދަ ގޮތަކަށް އަމަލުކުރައްވައި، ޝަރީއަތުގެ އަޑުއެހުން ކުރިއަށް ގެންދިއުމުގައި އެކަށީގެން ނުވާ ގޮތަށް ސަމީރު އަމަލުތައް ބެހެއްޓިކަމަށް ބުނާ މައްސަލައެއް ކަމަށެވެ.

އޭގެ އިތުރަށް އެހެން އަޑުއެހުމެއްގައި ދިފާއީ ވަކީލުން ކުށްވެރިވާ ފަދަ ގޮތަކަށް ގާޒީ ސަމީރު ވާހަކަ ދައްކަވައި އެ ވަކީލުންނާ މެދު ތައައްސަބެއް އޮތްކަން ހާމަވާ ފަދަ ގޮތަކަށް މަސައްކަތް ކުރެއްވި ކަމަށް ބުނާ މައްސަލައެކެވެ.

މަރިޔަމް ވަހީދާއަށް ތުހުމަތު ކުރެވޭ މައްސަލައަކީ އޭނާ ބެއްލެވި މައްސަލައެއްގައި ހިމެނޭ ހަސްމަކާ، އެ މައްސަލައާ ގުޅޭގޮތުން ޝަރީއަތުުގެ ބޭރުން މުއާމަލާތްކޮށް، ހުކުމް ތަންފީޒު މައްސަލަތައް ބެލުމުގައި އަމަލުކުރާ އުސޫލުތަކާ ހިލާފަށް އޭނަ އަމަލުކޮށްފައިވާ ކަމަށް ބުނާ މައްސަލައެކެވެ.

އެ ދެ ގާޒީންނަށް ތުހުމަތުވާ ސުލޫކީ މައްސަލަ ބަލަން އިއްޔެ ނިންމައި، ތަހުގީގު ކޮމިޓީ އެކުލަވާލެވިފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.