އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ހުސެއިން ޝަރީފު (މުންދު) މިއަދު ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.

ޕީޕީއެމުން ބުނީ، މުންދު ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސެއިން ބިލްޑިންއަށް ހާޒިރުވާން އަންގާފައިވަނީ މިއަދު މެންދުރު 3:00 ޖަހާއިރަށް ކަމަށެވެ.

އޭނާ ފުލުހަށް ހާޒިރު ކުރަނީ ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅޭގޮތުން ކަމަށް ވެސް އެ ޕާޓީން ބުންޏެވެ. ނަމަވެސް ހާޒިރުކުރާ ސަބަބެއް ފުލުހުން ވެސް ޕީޕީއެމަކުން ވެސް ބުނެފައެއް ނުވެ އެވެ.

މީގެ ކުރިން ކޮވިޑާ ގުޅިގެން އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކާ ހިލާފަށް އެއްވުންތައް ބާއްވާ މައްސަލައިގައި ޕްރޮގްރެސިވް ކޯލިޝަންގެ އިސްބޭފުޅުން ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ.