ޚަބަރު

އޮބްލޫ ސަންގެލި ރިސޯޓުން 32 މީހަކު ޕޮޒިޓިވްވެއްޖެ

އަލީ އަފާފް ރަމީޒު

އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓުން 32 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވްވި 59 މީހުންގެ ތެރެއިން 27 މީހުން ޕޮސިޓިވް ވެފައިވަނީ އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓުން ކަމަށެވެ. އެ ރިސޯޓުން ޕޮޒިޓިވްވެފައިވާ އެންމެންނަކީވެސް މުވައްޒަފުން ކަމަށެވެ.

އެޗްޕީއޭ އިން ބުނީ އެރަށުން އެންމެ ފުރަތަމަ ކޭސްއެއް ފެނިފައިވަނީ މި މަހުގެ ތިންވަނަ ދުވަހު ކަމަށާއި އެ ދުވަހު ބިދޭސީ މުވައްޒަފެއް ރާއްޖެއިން ބޭރަށް ދަތުރުކުރުމަށްފަހު އެނބުރި އައިސް ހެދި ޓެސްޓުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ ކޭސްއާ ގުޅިގެން ކޮންޓެކްޓްވި އަށް މީހަކު ކަރަންޓީން ކުރި ކަމަށެވެ.

އެޗްޕީއޭ އިން ބުނީ އޭގެ ފަހުން ބަލީގެ އަލާމާތްތައް ހުރެގެން ޓެސްޓު ކުރި ހަތަރު މުވައްޒަފަކު މިދިޔަ ހޯމަ ދުވަހު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އިތުރު މުވައްޒަފުންތަކެއް ޕޮޒިޓިވްވުމާ ގުޅިގެން އެ ރިސޯޓުގައި އިއްޔެ ރެންޑަމް ސާމްޕަލްގެ ގޮތުގައި 98 ސާމްޕަލް ނަގާފައިވާ ކަމަށާއި އޭގެ ތެރެއިން 19 ސާމްޕަލެއް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި މިއަދު ބަލީގެ އަލާމާތްތައް ހުރެގެން ޓެސްޓު ކުރެވުނު އަށް މުވައްޒަފަކު ވެސް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭ އިން ބުނީ އޮބްލޫ ސަންގެލި ރިސޯޓުން މިހާތަނަށް 32 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށާއި އިތުރު ސާމްޕަލްތައް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސަންގެލި ރިސޯޓުން ބަޔަކު ޕޮޒިޓިވްވެފައިވާ އިރު، މިދިޔަ ހޯމަ ދުވަހު ވަނީ ސަން ސިޔާމް އޮޅުވެލި ރިސޯޓުން 20 މީހަކު ޕޮޒިޓިވްވެފައެވެ. އެ ރިސޯޓުން މިހާތަނަށް 24 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

މިީގެ އިތުރުން ބިޔާދޫ އައިލެންޑް ރިސޯޓުގެ މުވައްޒަފުންތަކެއް ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެގޮތުން އެ ރިސޯޓުން މިހާތަނަށް 53 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.