ޚަބަރު

ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ފުރަތަމަ ކިޔުން އިއްވައިފި، ބަހުސް އާދިއްތަ ދުވަހު

އަލީ އަފާފް ރަމީޒު

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ ހާއްސަ ގާނޫނުގެ 2020 އަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވައި ދައުރުން ބޭރުން މިރޭ ބޭއްވި މަޖިލިސް ޖަލްސާ ނިންމާލައިފިއެވެ.

ދައުރުން ބޭރުން މަޖިލިސް ޖަލްސާއެއް ބާއްވާފައި މިވަނީ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުން ލަސްވަމުންދާތީވެ، ހާއްސަ ގާނޫނަށް އިސްލާހު ގެނެސް، އިންތިހާބު ބޭއްވުން އަވަސް ކުރުމަށެވެ.

ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ހުށަހަޅުއްވާފައިވާ ލޯކަލް ލައުންސިލް އިންތިހާބުތަކުގެ ހާއްސަ ގާނޫނުގެ 2020ގެ ބިލަށް އިސްލާހު ގެނައުމުގެ ފުރަތަމަ ކިޔުން މިއަދުގެ ހާއްސަ ޖަލްސާގައި ވަނީ އިއްވައިފައެވެ.

ދައުރުން ބޭރު ޖަލްސާގެ ރިޔާސަތު ބަލަހައްޓަވައި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން އިލެކްޝަންސް ކޮމިޝަނުން ބާއްވަން އިއުލާންކޮށްފައިވާ ކައުންސިލް އިންތިހާބު ލަސްވަމުންދާތީވެ، އިތުރަށް ލަސްވިޔަ ނުދިނުމަށް ގާނޫނީ ހުރަސްތައް ނައްތާލައި އިންތިހާބު ބޭއްވޭނެ ގޮތް ހަމަޖެއްސުމަށްޓަކައި ބިލް އިސްލާހކޮށް، ބިލް ނިމެންދެން މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ.

އީވާ ވިދާޅުވީ މި ބިލުގެ ދެވަނަ ކިޔުން އޮންނާނީ އަންނަ އާދިއްތަ ދުވަހު ކަމަށެވެ. އަދި އެދުވަހު ބިލަށް ބަހުސް ކުރުން ކުރިއަށްދާނެ ކަމަށާއި ހުރިހާ މެންބަރުންގެ ބަހުސް ނިމެންދެން މަޖިލިސް ކުރިއަށް ގެންދަވާނެ ކަމަށެވެ.

އެ ބިލުގެ ފުރަތަމަ ކިޔުން އިއްވަމުންދިޔަ އިރު، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ބައެއް މެންބަރުން ދިޔައީ އަޑުގަދަކޮށް، ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. ނަމަވެސް މާ ގިނަ އިރުތަކެއްނުވެ ޖަލްސާ ވަނީ ނިންމާލައިފައެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ ހާއްސަ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައިވަނީ އެ ގާނޫނު އިސްލާހުކުރާތާ ހަތް ދުވަހުގެ ތެރޭގައި އިންތިހާބު ބޭއްވުމުގެ މަސައްކަތް އީސީން ފަށަންޖެހޭނެ ކަމަށެވެ.

ނަމަވެސް ސިއްހީ ކުއްލި ހާލަތު ދެމި އޮވެއްޖެނަމަ، އީސީން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދަންވާނީ، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތަކާ އެއްގޮތަށެވެ.

އަދި އިންތިހާބުގެ ކަންކަން ފެށުމަށް އީސީން ކަނޑައަޅާ ތާރީހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތައް އެކުލަވާލައި، އާންމުކުރަންވާނެ ކަމަށް އިސްލާހުގައިވެއެވެ.

މީގެ އިތުރުން ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ދިނުމާއި ވޯޓުލާން ރަޖިސްޓަރީ ކުރުމާއި ވޯޓާސް ލިސްޓު އިއުލާނުކުރުން ފަދަ ކަންކަމަށް ދީފައިވާ މުއްދަތުތައް ކުރުވެގެންދާނެ ގޮތަށް އިސްލާހު ގެނައުމަށްވެސް ވަނީ ހުށަހަޅައިފައެވެ.

ކޮވިޑުގެ ހާލަތުގައި އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތުމުން ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށް ލޯކަލް އިންތިހާބު މިއަހަރަށް ފަސްކުރިއެވެ. އެ ބިލު ތަސްދީގު ކުރައްވާތާ އަހަރެއްގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެއެވެ. އެއީ މިއަހަރުގެ މެއި މަހުގެ ނުވަ ވަނަ ދުވަހެވެ. އަދި އިންތިހާބު ބޭއްވާނެ ތާރީހެއް އިއުލާން ކުރެވޭނީ މިހާރު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާތާ ހަތް ދުވަސް ތެރޭގައި ކަމަށްވެސް ހާއްސަ ގާނޫނުގައިވެއެވެ. ކުއްލި ނުރައްކަލުގެ ހާލަތު ވަނީ ފެބްރުއަރީ ތިންވަނަ ދުވަހާ ހަމައަށް މުއްދަތު އިތުރުކޮށްފައެވެ.

ނަަމަވެސް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހު އިންތިހާބު ބޭއްވުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. ނަމަވެސް އިންތިހާބު ބޭއްވޭނީ ހާއްސަ ގާނޫނަށް އިސްލާހު ގެނެސް، މިމަހުގެ ކުރިން އެ ބިލް ތަސްދީގު ކުރުމުން ކަމަށެވެ.