ޚަބަރު

މައްސަލަތައް އުފައްދައިގެން ދައުވާ ކުރުމުން ގައުމަށް ލިބޭނެ ފައިދާއެއް ނެތް: ޖިހާދު

މައްސަލަތައް އުފައްދައިގެން މީހުންނަށް ދައުވާ ކުރުމުން ގައުމަށް ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު، ފިނޭންސް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އިރު، ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ކ. ފުށިދިއްގަރުފަޅު ތަރައްގީކުރުމުގެ މަޝްރޫއާ ގުޅޭގޮތުން އޭނާގެ މައްޗަށް ކުރާ ކޮރަޕްޝަން މައްސަލައިގައި ކުރިމިނަލް ކޯޓުގައި ވަނީ ދައުވާކޮށްފައެވެ. އަދި ޖިހާދު ބޭސްފަރުވާއަށް ބޭރަށް ފުރާވަޑައިގަންނަވަން އުޅުމުން، ކުރިމިނަލް ކޯޓުން ވަނީ އެ މައްސަލައާ ގުޅިގެން އޭނާއަށް ނުފުރޭނެ ކަމަށް ކަނޑައަޅައިފައެވެ.

ޖިހާދުގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، މިއަދު ހައި ކޯޓުން ވަނީ އޭނާ ބޭސް ފަރުވާއަށް ބޭރަށް ފުރުން މަނާކޮށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލުކޮށްފައެވެ.

ހައި ކޯޓުން މިއަދު ނުކުމެވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ޖިހާދު ވިދާޅުވީ މިފަދަ މައްސަލަތައް އުފައްދައި، ދައުވާ ކުރުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށާއި މިގޮތަށް ކަންތައް ކުރުމުން ރައްޔިތުންނަށް ވަރަށް ބޮޑެތި ގެއްލުން ވާނެ ކަމަށެވެ. އަދި މިފަދަ ގޮތްގޮތަށް މުއައްސަސާތަކުން އަމަލު ކޮށްގެން ނުވާނެ ކަމަށާއި އެއްވެސް މީހަކަށް މިފަދަ ކަމެއް ދިމާވުމަށް ނޭދޭ ކަމަށް ވިދާޅުވިއެވެ.

ޖިހާދު ވިދާޅުވީ މުއައްސަސާތަކުން ރައްޔިތުންނާ މެދު މިގޮތަށް އަނިޔާ ނުކުރުމަށް ގޮވާލާ ކަމަށާއި މިއީ ދިވެހި ރައްޔިތުންގެ މެދުގައި ފިތުނަ އުފެދި، ގައުމު ހަލަބޮލި ކަމުގެ ތެރެއަށް ހިނގައިދާނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެކަކު އަނެކަކަށް ޖަދަލުކޮށް، އެކަކު އަނެކަކަށް އަނިޔާ ދީގެން ކޯޓުތަކަށް ވައްދައިގެން، މައްސަލަތައް އުފައްދައިގެން އުޅުމަކީ ގައުމަށް ލިބޭނެ ފައިދާއެއް ނޫނޭ. އޭގެ ސަބަބުން ލިބޭ ނަތީޖާ މާ ގޯސްވާނެ. ގައުމަށް ބަރަކާތްވެސް ލައްވާނީ އެންމެންގެ މެދުގައި އެކުވެރިކަން އޮންނަންޏާ،" ޖިހާދު ވިދާޅުވިއެވެ.

ޖިހާދު ވިދާޅުވީ އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ބޭސްފަރުވާއަށް ފުރުމަށް ޓިކެޓް ނަގައި ހުރިހާ ތައްޔާރީތައްވެފައި ވަނިކޮށް ކަމަށެވެ. އަދި ހުރިހާ މެޑިކަލް ސެޓްފިކެޓްތައްވެސް ކުރިމިނަލް ކޯޓަށް ހުށަހެޅި ކަމަށާއި ނަމަވެސް ކުރިމިނަލް ކޯޓުން ފުރުން މަނާކޮށްފައިވަނީ އެ ލިޔުންތަކަށް ރިއާޔަތް ނުކޮށް ކަމަށެވެ.

ޖިހާދު އިތުރަށް ވިދާޅުވީ އޭނާ ބޭސްފަރުވާއަށް ފުރުން މަނާ ކުރުމަށް ވަކިން ޝަރީއަތެއް ބާއްވައިގެން ހުކުމް ކުރުމުން ހައިރާންވި ކަމަށެވެ. އަދި ކޮންމެ ފަހަރަކު ބޭސްފަރުވާއަށް ވަޑައިގެންނެވުމަށް ކޯޓުން ޝަރީއަތެއް ބާއްވަން ޖެހުމުން އެ ގެއްލެނީ ޝަރީއަތުގެ ވަރަށް ގިނަ ވަގުތުތައް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހައިކޯޓުން މިއަދު އިއްވި ހުކުމުގައި ބުނީ، ކްރިމިނަލް ކޯޓުގެ އަމުރަކީ ޖިނާއީ އިދުރާއަތުގެ ގާނޫނުގެ 75 ވަނަ މާއްދާއާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށެވެ. އަދި ދައުލަތުން އޭނާ ފިއްލަވަން އުޅުއްވާ ކަމަށް ބުނެ ހުށަހެޅި ހެއްކަކީ ޖިހާދު ބޭރަށް ވަޑައިގަތުމަށް ނެންގެވި ޓިކެޓް ކަމަށާއި ނަމަވެސް އެ ޓިކެޓަކީ ޖިހާދު ފުރައިވަޑައިގަތުމުގެ ހުއްދައަށް އެދުނުއިރު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ލިޔުމަކަށް ވާތީ އެ ލިޔުން ޖިހާދާ ދެކޮޅު ހެއްކެއްގެ ގޮތުގައި ބޭނުން ނުކުރެވޭނެ ކަމަށެވެ.

އެހެންކަމުން އެ އަމުރަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާއި ހިލާފަށް ނެރެފައިވާ އަމުރެއްކަމުގައި ހައިކޯޓުގައި އެ ގަޒިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި އަމުރު ބާތިލުކޮށް، އެގޮތުން މަތިން ހުކުމް ކުރީ ކަމަށް ބުނެފައިވެއެވެ.