ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން އާންމުންނަށް ހުޅުވާލައިގެން ބާއްވާ ޕާކް ވޮލީ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
އެޗްޑީސީން ބުނީ މުބާރާތް އޮންނާނީ މިމަހު 21 އިން 23 އަށް ހުޅުމާލެ ޔޫތު ޕާކް ބީޗް ވޮލީބޯޅަ ކޯޓުގައި ކަމަށާއި، ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
"މައި ހުޅުމާލެ ޕާކްވޮލީ ޗެމްޕިއަންޝިޕް" ގެ ނަމުގައި ބާއްވާ މި މުބާރާތުގައި އަންހެން އަދި ފިރިހެން ޑިވިޝަނުގެ ޓީމުތަކަށް ބައިވެރިވެވޭނެއެވެ. އެގޮތުން ކޮންމެ ޓީމެއްގައި ފަސް ކުޅުންތެރިންގެ ނަން ޖެހޭ އިރު، ފިރިހެން ޓީމުތަކުގައި ކުޅުންތެރިން ހިމެނުމަށް ވަނީ ވަކި އުސޫލުތަކެއް ކަނޑައަޅައިފައެވެ. ފިރިހެން ޓީމުތަކުގައި 35 އަހަރުން ދަށުގެ އެއް ކުޅުންތެރިއަކާއި 45 އަހަރުން މަތީގެ އެއް ކުޅުންތެރިއަކު ޖަހަން މަޖުބޫރެވެ.
މުބާރާތް ކުރިއަށްގެންދަނީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އެހީތެރިކަމާއެކުއެވެ. އަދި މުބާރާތުގައި އަމަލުކުރާނީ ފެޑެރޭޝަން އޮފް އިންޓަނޭޝަނަލް ވޮލީބޯލް (އެފްއައިވީބީ)ގެ ޕާކް ވޮލީ ގަވާއިދާ އެއްގޮތަށެވެ.
ކޮވިޑް 19އާއެކު ކުޅިވަރުގެ ހުރިހާ ކަމެއް ކަހަލަ ގޮތަކަށް މާލޭ ސަރަހައްދުގައި ހުއްޓިފައި އޮތުމަށްފަހު، މިހާރު އަންނަނީ އަނެއްކާވެސް މުބާރާތްތައް ބޭއްވުމަށް ތައްޔާރުވަމުންނެވެ. މުބާރާތްތަކަށް އެޗްޕީއޭއިންވެސް ހުއްދަ ދީފައިވާ އިރު، އެފަދަ ކަންކަން ކުރިއަށް ގެންދިއުމުގައި އަމަލު ކުރަން ޖެހޭ ހާއްސަ އުސޫލުތަކެއް އެޗްޕީއޭއިން ވަނީ ކަނޑައަޅައިފައެވެ.