ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ސަރުކާރުގެ ވުޒާރާތަކާއި މުއައްސަސާތަކުން ކުރިޔަށްގެންދިޔަ ހަރަކާތްތައް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

އެޗްޑީސީ އާއި ގިނަ މުވައްސަސާތަކެއް ގުޅިގެން ކުރިޔަށްގެންދިޔަ މި ހަރަކާތްތަކުގެ ތެރެއިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މަސްރޭހަށް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

އެ ހަރަކާތުގައި ރާއްޖޭގެ 64 ރަށަކުން 200އަށް ވުރެ ގިނަ ޓީމު ބައިވެރިވިއެވެ. މަސްރޭސް ކުރިޔަށް ގެންދިޔައީ ހުކުރު ދުވަހުގެ 15:00 އިން 21:00 އަށެވެ.

އޭގެ އިތުރުން ހުރިހާ ރަށެއް ހިމެނޭ ގޮތަށް އިއްޔެގެ ހެނދުނު 9:00 ގައި "އެންމެން މޫދަށް" ގެ ނަމުގައި މޫދުގެ އެކި ކުޅިވަރުތަކާއި އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. މި ފެސްޓުގައި މުރަކަ އިންދުމުގެ ހަރަކާތްތަކާއި ފުޑް ސްޓޯލްސް، އާޓް އެންޑް ކްރާފްޓް، ފޭސް ޕެއިންޓިން އަދި މި ނޫނަސް ކުޑަކުދިންނާ ގުޅޭ ގިނަ ގޭމްތައް ކުރިޔަށް ގެންދިޔައެވެ.

އެ އިވެންޓު ނިންމާލުމުގެ ކުރިން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިހާމް ވަނީ އެ ކަންކަމުގައި ބައިވެރިވެ ހަރަކާތްތެރިވެ އުޅުނު ފަރާތްތަކާ ބައްދަލުކުރައްވައި ކުރިޔަށް އޮތް އަހަރުތަކުގައި މޫދު ފެސްޓުގައި ރަނގަޅު ކުރަންޖެހޭ ކަންކަން ބައިވެރިންގެ ފަރާތުން އޮޅުން ފިލުއްވައިފައެވެ.

މި އިވެންޓްތަކުގައި ބައިވެރިވި އިދާރާތަކުގެ ތެރޭގައި އެގްރިކަލްޗާ މިނިސްޓްރީ، ބޭންކް އޮފް މޯލްޑިވްސް، ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) އަދި މިފްކޯ ހިމެނެއެވެ.