ކޮވިޑް ވެކްސިން މިމަހުގެ ތެރޭގައި ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަަމަށާއި ނަމަވެސް ލިބޭނީ ކޮން ވެކްސިނެއްކަން އަދި ދަންނަވަން ނޭނގޭ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ބައެއް މީޑިއާތަކުގައި މިއަދު ވަނީ ކޮވިޑް ވެކްސިން މިމަހު ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ.

މިނިސްޓަރު "ވަން" އަށް ވިދާޅުވީ އެއީ ދޮގު ވާހަކައެއް ކަމަށާއި ސީދާ މިމަހު ކޮވިޑް ވެކްސިން ލިބޭނެ ކަމަށް ދަންނަވަން އަދި ދަތި ކަމަށާއި ކޮވިޑް ވެކްސިން ލިބޭނެ ސީދާ ތާރީހެއް އަދި ނޭނގޭ ކަމަށެވެ. ނަމަވެސް އުންމީދު ކުރަނީ މި މަސް ތެރޭގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް ރާއްޖެއަށް ގެނެވޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް ފުރަތަމަ ގެނެވޭނީ ކޮން ކޮވިޑް ވެކްސިނެއް ކަމެއްވެސް ނޭނގޭ ކަމަށާއި ވަރަށް ގިނަ ވެކްސިންތައް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ކަނޑައެޅިގެން ދޮގެއް. އަޅުގަނޑު ދެންނެވީ މިމަހު ލިބޭނެ ކަމަށް އުންމީދުކުރާ ވާހަކަ. އުންމީދު މިކުރަނީ މިމަހު ގެނެވޭނެ ކަމަށް. ނަމަވެސް ގެނެވޭނެ ސީދާ ތާރީހެއް ނޭނގޭ. ގެނެވޭނެ ވަކި އެއްޗެއް ވެސް ނޭނގެ. ވަރަށް ގިނަ އެއްޗެއްސަށް މިދަނީ އެޕްރޯޗްކުރަމުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެކްސިން ގެނެވޭނެ ކަމަށް މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަވެސް އެކަން ދަންނަވާފައިވާނެ ކަމަށެވެ. އެގޮތަށް ފުރަތަމަ ކުއާޓަރުގައި ވެކްސިން ގެނެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑު މަގާމާ ހަވާލުވި އިރުވެސް ދަންނަވާފައިވާނެ، ފުރަތަމަ ކުއާޓަރުގެ ތެރޭގައި ވެކްސިން ގެނެވޭނެއޭ،" މިނިސްޓަރު ވިދާޅުވިއެވެ.

ދިވެހި ސަރުކާރުން ވަނީ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ކުންފުނިން އުފެއްދާފައިވާ ކޮވިޑް ވެކްސިން ގަތުމަށް ނިންމައިފައެވެ. ނަމަވެސް އެއްބަސްވުމުގައި ސޮއިކުރިކަން އަދި ކަށަވަރުވެފައެއް ނުވެއެވެ.